ކުޅިވަރުގެ ހަރަކާތްތަކަށް ބަލާއިރު ބައިނަލްއަޤްވާމީ 74 ހަރަކާތް އަދާހަމައަށް ކުރިއަށް ގެންދެވިއްޖެ ކަމަށް ސްޕޯޓް މިނިސްޓަރ އަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އަހަރެއް ފުރުމާއި ގުޅިގެން ސަންގު ޓީވީއަށް ދެއްވި އިންޓަރވިއުގައި މިނިސްޓަރ ވިދާޅުވީ، ސަރުކާރާއި ހަވާލުވިއިރު ރާއްޖޭގެ މާލީ ހާލަތު ދައްވެފައިވީ ނަމަވެސް ކުޅިވަރުގެ ދާއިރާއަށް ދިމާވެފައިވާ ދަތިތަކާއެކުވެސް ރާއްޖޭގެ ކުޅިވަރުގެ ދާއިރާއިން އަދާހަމައަށް ބައިނަލްއަޤްވާމީ 74 ހަރަކާތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ބައިނަލް އަޤްވާމީ މައިދާނުގައި ކުޅިވަރުގެ ރޮގުން 9 ރަން މެޑަލް،ި 9 ރިހި މެޑަލް އަދި 4 ބްރޮންޒް މެޑަލް ހާސިލްކުރެވިފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
“ ކުޅިވަރުގައި ކުރެވުނު ވަރަށް ގިނަ ކަންތައްތަކެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ، އެ ފައިސާގެ ދަތިކަން ހުރި ކަމުގައި ވިޔަސް، އެހެން ނަމަވެސް އަޅުގަނޑު ދަންނަވާލާނީ އަޅުގަނޑުމެންއަށް އެންމެ ބޮޑަށް ދަތިވެފައިވީ، އިންފްރާ ސްޓްރަކްޗާރ ކަންތައްތައް ކުރިއަށް ގެންދެވޭނެ ސްޕީޑް މަޑު ޖައްސާލުން“ މިނިސްޓަރ ވިދާޅުވިއެވެ.
މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ހާލަތު ދައްވެފައި ވުމުގެ ސަބަބުން، އިންފްރާ ސްޓްރަކްޗާރ ގެ މަސައްކަތްތައް ނިންމުމުގައި ލަސްތަކެއްވުން ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެންމެ ބޮޑަށް އިސްކަންދެވިފައިވަނީ ފެށިފައިވާ މަޝްރޫއުތައް ކުރިއަށް ގެންދިއުމާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެފައިވާ ވަޢުދުތުތައް ކުރިއަށް ގެންދިއުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން އެ ވުޒާރާގެ ތެރެއިން ފަށާފައިވާ ހުރިހާ މަޝްރޫއުތަކެއް ނިންމަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގެ އެކި އަތޮޅުތަކުގައި ގިނަ އަދަދަކަށް މަޝްރޫއުތައް ކުރުމަށް ނިންމާފައިވާ ކަމަށާއި އެ މަޝްރޫއުތައް 2025 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައި، އެކަން ކުރައްވާނެ ކަމުގެ ޔަޤީކަން މިނިސްޓަރ ވަނީ ދެއްވައިފައެވެ. 2025 ވަނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 56,647,600,859 (ފަންސާސް ހަ ބިލިއަން، ހަސަތޭކަ ސާޅީސް ހަތް މިލިއަން، ހަ ލައްކަ، އަށްސަތޭކަ ފަންސާސް ނުވަ) ރުފިޔާ އެވެ. މީގެ އިތުރުން ރައީސް ވަނީ 4 ނޮވެންބަރ 2024 ވަނަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކަށް ފަހު، ވަޒީރުންގެ ލަފާފުޅާއެކު “ގައުމީ ކުޅިވަރު ފަންޑު”ގެ ނަމުގައި ފަންޑެއް ގާއިމުކުރެއްވުމަށް ނިންމައިފައެވެ.

