އަންނަ އަހަރަށް ހުށަހެޅިފައިވާ ދައުލަތުގެ ބަޖެޓުގައި ޚަރަދު ކުޑަކުރުމަށް ހުށަހަޅާފައިވީ ނަމަވެސް، ޚަރަދު ކުޑަކުރާ މިންވަރަށްވުރެ ޚަރަދު އިތުރުވަމުންދާކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ، ބަޖެޓުގައި ޚަރަދު ކުޑަކުރި މިންވަރަށްވުރެ ޚަރަދު އިތުރުކޮށްފައިވާ ކަމަށާއި، ޚަރަދުވާ މިންވަރު ބޮޑުކަމަށެވެ. ރައްޔިތުންނާ ގުޅުންހުރި (ސަބްސިޑީ، އާސަންދަ، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން، ކައުންސިލް ގްރާންޓް) ފަދަ ކަންކަމުން 3 ބިލިއަން ރުފިޔާ އުނިކޮށްފައިވާ ކަމަށް އަމީރު ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ އިސްރާފުތަކަށް 3.8 ބިލިއަން ރުފިޔާ އިތުރުކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ދަތުރުފަތުރާއި މިނިސްޓްރީތަކަށް ކުރާ ޚަރަދާއި އެހެނިހެން އިދާރާތަކަށް ކުރާ ޚަރަދުތައް ބޮޑުވެގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ، ހުށަހަޅާފައިވަނީ 2023 ވަނަ އަހަރަށްވުރެ 6 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ކަމަށެވެ. އަދި 2024 ވަނަ އަހަރު ސަޕްލިމެންޓްރީ ބަޖެޓާއެކު 55 ބިލިއަން ރުފިޔާ ޚަރަދުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށް އަމީރު ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް ރަށްރަށަށް ޒިޔާރަތްކުރުމުން ފާހަގަވެގެންދަނީ، އެމްޑީޕީގެ ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓްތައް ހުއްޓިފައިވާތަން ކަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރަށް އަހަރެއް ވެގެންދާއިރުވެސް އެއްވެސް ރަށެއްގައި އައު ޕްރޮޖެކްޓެއް ފަށާފައިނުވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. 2024 ވަނަ އަހަރުގެ ބަޖެޓު މެނޭޖުކުރުމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށާއި، އެގޮތުން ރިކަރަންޓް ޚަރަދު 11.9 އިންސައްތަ ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ރަށްރަށުގައި ފަށާފައިވާ މަސައްކަތްތައް ހުއްޓިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނައިރު، ސަރުކާރުން ބުނަމުން އަންނަނީ ފަށާފައިވާ މަސައްކަތް ނިންމުމަށް ޕީއެންސީގެ ސަރުކާރުން ކޮންޓްރެކްޓަރުންނަށް ފުރިހަމަ އެއްބާރުލުން ދެއްވާ ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރުން ނިމިގެން ދިޔައިރު ދައުލަތަށް ނުވާ ވަރަށް ގިނަ އަދަދެއްގެ ޕްރޮޖެކްޓް ފަށާފައިވާ ކަމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

