2025 ވަނަ އަހަރުގެ ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓެއްކަމަށް ދެއްކުމަށް ސަރުކާރުން އުޅެނީ އޮޅުވާލައިގެންކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
މިއަދު އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށައެޅި ބަޖެޓަށް ވާހަކަދައްކަވަމުން، އަމީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ ވަރަށް ބޮޑަށް ބޯހިޔާވަހިކަމަށް ހާއްސަކޮށްފައިވާ ބަޖެޓެއްކަމަށް ސަރުކާރުން ދެއްކުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. ސަރުކާރުން އެގޮތަށް ފާހަގަކުރި ނަމަވެސް ބަޖެޓުގެ ޖުމްލަ ހިސާބުން ފެންނަ ގޮތުގައި ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަށް ބަޖެޓުގައި މުޅި ޖުމްލަ ކަނޑައަޅާފައިވަނީ 2.7 ބިލިއަންކަމަށް އަމީރު ވިދާޅުވިއެވެ.
މިއީ ވޭތުވެރިޔަ 3 އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް ހާއްސަކުރި މިންވަރަށްވުރެވެސް ދަށް އަދަދެއްކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ތަފާސް ހިސާބުތައް ހިއްސާ ކުރައްވާ އަމީރު ވިދާޅުވީ 2022 ވަނަ އަހަރު 3 ބިލިއަން ރުފިޔާ އެމްޑީޕީގެ ވެރިކަމުގައި ހަރަދުކުރިކަމަށެވެ. އަދި 2023 ވަނަ އަހަރު 3.4 ބިލިއަން ރުފިޔާކަމަށާއި 2024 ވަނަ އަހަރަށް 3.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށެވެ.
ކިހިނަކުންތޯ ގެދޮރުވެރިކަމުގެ ބަޖެޓެއްގެ ގޮތުގައި މި ބަޖެޓު ސިފަކޮށްގެން ސަރުކާރުން، އެ ގޮތަށް މި ފާހަގަކުރަމުންދަނީ.
އަމީރު ވިދާޅުވިއެވެ.
މި ބަޖެޓުގައި ކަންކަން ހުރީ ވަރަށް ބޮޑަށް އޮޅުވާލާފައިކަމަށް އަމީރު ވިދާޅުވިއެވެ. ވައުދާއި ކައިރި ކުރާ މިންވަރަށްވެސް ވައުދު ފުއްދާދީފައި ނެތްކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އަމީރު ވަނީ ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓު ހާއްސަކުރި މިންވަރާއި ގުޅޭގޮތުންވެސް ވާހަކަދައްކަވާފައެވެ. އަމީރު ވިދާޅުވީ 2025 ވަނަ އަހަރަށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ހާއްސަކޮށްގެން ބަޖެޓުގައި ހިމަނާފައިވަނީ 12.4 ބިލިއަން ރުފިޔާކަމަށެވެ. ރައީސް ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވީ ޕީއެސްއައިޕީއަށް ހާއްސަކުރާ ފައިސާގެ 50 އިންސައްތަ ބޯހިޔާވަހިކަމަށް ހާއްސަކުރުމަށްކަމަށް ކަމަށާއި އެހެންކަމުން 6.2 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައި އޮންނަންޖެހޭނީ ގެދޮރުވެރިކަމަށް ކަމަށެވެ. ނަމަވެސް، ޕީއެސްއައިޕީގެ ތެރެއިން ގެދޮރުވެރިކަމަށް ހާއްސަކޮށްފައިވަނީ 1.8 ބިލިއަން ރުފިޔާކަމަށް އަމީރު ވިދާޅުވިއެވެ.
މިއީ ޕީއެސްއައިޕީއަށް ހުށައަޅާފައިވާ ބަޖެޓުގެ 15 އިންސައްތަކަމަށް އޭނާ ވިދާޅުވިއެވެ.

