ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެންނަންވީ ނުހައްގު މުއްސަނދިކަން ލިބޭ އެންމެންގެ މައްސަލަ ބެލޭނެ ނިޒާމެއް!

ބޭންކް މުވައްޒަފެއް ފައިސާ ގުނަނީ:/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ އިސް މަގާމަކަށް އައިސް މާ ގިނަ ދުވަހެއް ނުވެ، ފެންނަނީ ދިރިއުޅުމުގެ ފެންވަރު ކުއްލި ގޮތަކަށް އުފުލިގެން ދާތަނެވެ. ތޮއްޖެހި ބާރުވެފައިވާ މާލޭގެ މަގުމައްޗަށް ނެރެ ދުއްވަނީ، ފަހުގެ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ހުރި ކާރެކެވެ. އަތުގައި އެންމެ އަގު ބޮޑެތި ބްރޭންޑުގެ ގަޑިތަކެވެ.

ދޮޅު އަހަރަށް ނުވަތަ ފަސް އަހަރު މަގާމެއް އަދާކޮށް ދައުރު ނިންމާލާއިރު ހުޅުމާލެއިން ޕެންޓް ހައުސްއެއް ގަނެފައި ހުރެ އެވެ.

ފައިސާވެރި މި ދިރިއުޅުން ދިވެހިންނާއި، ބަދަލުވާ ސަރުކާރެއްގެ ލޮލުގައި އަޅައިގަންނަނީ އެއީ ވާދަވެރިއަކަށް ވާތީ އެވެ. އެކަމަކު މިއީ އެއަށް ވުރެ ފުޅާކޮށް ވާހަކަ ދައްކަން ޖެހޭ މައުޟޫއެކެވެ. ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ނުހައްގު މުއްސަނދިކަން ކުށަކަށް ހެދުމުގެ އިސްލާހުގެ ބިލާއި މެދު މެމްބަރުންގެ ހިޔާލު ހުރި ގޮތަކީ ވެސް އެއީ އެވެ.

ނުހައްގު މުއްދަނދިކަން ނުވަތަ އިލިސްޓް އެންރިޗްމެންޓަކީ ދައުލަތުގެ މުވައްޒަފެއް ނުވަތަ މަގާމެއްގައި ހުރި މީހަކަށް ލިބޭ އާމްދަނީއާއި ނުބައްދަލު މުދާވެރިކަމެވެ. އެހެންވެ އެއީ ކުށަކަށް ހެދުމުގެ ނިޒާމުގެ ބޭނުމަކީ އާމްދަނީއާއި ތިމާގެ ދިރިއުޅުމުގެ ހާލަާއި ނުބައްދަލު ނުވަތަ ވަށައިގެންވާ ބައެއްގެ ދިރިއުޅުމާއި ނުބައްދަލު މުއްސަނދިކަން ލިބިފައިވާ ބަޔަކު ޖަވާބުދާރީ ކުރުވުމެވެ.

ދައުލަތުގެ މުވައްޒަފެއް ނުވަތަ މަގާމެއްގައި ހުރި މީހަކު އޭނާ އަދާކުރި ވަޒީފާގައި ލިބެމުން ދިޔަ ނުވަތަ ނުވަތަ އަދާކުރާ ވަޒީފާއިން ލިބެމުންދާ އާމްދަނީއާ ނުބައްދަލު މިންވަރަކަށް ދިރިއުޅުމުގެ ފެންވަރު ގާއިމުކޮށް އެ ފެންވަރު ދަމަހައްޓާފައިވުން ކުށެއްގެ ގޮތުގައި ބެލެވިދާނެކަމަށް ގާނޫނުލްއުޤޫބާތުގައި ވެއެވެ.

ގާނޫނުލްއުޤޫބާތުގެ 515 ވަނަ މާއްދާގައި ނުހައްގު މުއްސަނދިކަންކަމަށް ބެލެވޭ ހާލަތްތަކަށްކަމަށް ބުނެފައި ވަނީ ދައުލަތުގެ މުވައްޒަފެއްގެ މަގާމުގައި ހުރި މީޙެއް، އޭނާ އަދާ ކުރި ވަޒީފާގައި ލިބެމުން ދިޔަ ނުވަތަ އަދާ ކުރާ ވަޒީފާއިން ލިބެމުންދާ އާމްދަނީއާއި ނުބައްދަލު މިންވަރަކަށް އޭނާގެ ނަމުގައި ހުރުމެވެ. އަދި އެ މީހެއްގެ އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފަރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ ނުވަތަ ފައިސާ ހޯދުމާއި މިލްކުވެރިކޮށް ކޮންޓްރޯލްގެ ދަށުގައި ބެހެއްޓުމަކީ ވެސް ކުށެއްކަމަށް ބުނެ އެވެ.

އެއީ ކުށެއްކަމަށް ކަނޑައަޅޭނީ އެ މީހާގެ އާއިލާ ނުވަތަ ޒާތީ، ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައިވާ މުދަލަކީ ނުވަތަ ފައިސާއަކީ ނުވަތަ ގާއިމުކޮށްފައިވާ ދިރިއުޅުމުގެ ފެންވަރަކީ، ޖިނާއީ ބޮޑު ކުށެއްގެ އަމަލުން ހޯދި ފައިސާއެއްކަމަށް ނުވަތަ މުދަލެއްކަމަށް ނުވަތަ ގާއިމުކޮށްފައިވާ ދިރިއުޅުމުގެ ފެންވަރެއްކަމަށް ގަބޫލު ކުރުމަށް އެކަށީގެންވާ މިންވަރަކަކަށްކަން އެ މީހަކަށް ސާބިތުކޮށް ނުދެވޭނަމަ އެވެ.

ދައުވާ އުފުލާ މީހާގެ މައްޗަށް ދައުލަތުން ސާބިތު ކުރަން ޖެހެނީ، އެ މީހާ އަދާކުރާ ވަޒީފާއާއި ލިބޭ އާމްދަނީއާއި ނުބައްދަލު މުއްސަނދިކަމެއް ނުވަތަ މުދާވެރިކަން މިލްކިއްޔާތުގައި އެބަހުރިކަމަށެވެ. އަދި އެ މުދަލާއި ފައިސާ ލިބިފައި ވަނީ ރަނގަޅު ގޮތުގައިކަން ސާބިތުކޮށް ދޭން ޖެހޭނީ ތުހުމަތު ކުރެވޭ މީހާ އެވެ. މައްސަލަ ސާބިތުވުމުން، މުދަލާއި ފައިސާއަކީ އެއީ ނުހައްގުން ހޯދާފައިވާ އެއްޗެއްކަމަށް ކަނޑައަޅައި އެތަކެތި ދައުލަތަށް ނަގަންވީ އެވެ.

ދުނިޔޭގެ ގައުމުތަކުގައި ނުހައްގު މުއްސަނދިކަން ހުއްޓުވުމަށް އަމަލު ކުރަމުން ދަނީ، ކޮރަޕްޝަން ހުއްޓުވުމަށް އެއީ ވަކި ކުށެއްގެ ގޮތުގައި ހަދައި ވަކި އުސޫލުތަކަކުން ސާބިތު ކުރެވޭ ގޮތަށެވެ.

ރާއްޖޭގައި ނުހައްގު މުއްސަނދިކަން ކުށެއްގެ ގޮތުގައި ކަނޑައަޅައި، ޤާނޫނުލްއުގޫބާތުގައި ލިޔެފައި އޮތް ގޮތުން ނުހައްގު މުއްސަނދިކަމުގެ ޗާޖުގައި ތުހުމަތުކޮށްގެން ތަހުގީގު ކުރުމަށް ހުރަސްތަކެއް އެބަހުއްޓެވެ.

ގާނޫނު މިހާރު އޮތް ގޮތުން ތަހުގީގު ހިންގަން ޖާގަ ލިބެނީ، މަގާމުގައި ހުރި މީހަކަށެވެ. އަދި ދައުރު ނިމުމަށް ފަހު، އެ މާއްދާގެ ދަށުން އެ ތުހުމަތުކޮށް ތަހުގީގު ހިންގައި، ދައުވާ އުފުލޭނެ ޖާގައެއް ނެތެވެ.

އެކަމަށް މި ސަރުކާރުން ހުށަހެޅި އިސްލާހަކީ ދައުލަތުގެ މުވައްޒަފެއްގެ މަގާމު އަދާކޮށް ވަކިވާ ފަހުން ވެސް، ކުށުގެ ތުހުމަތު ކުރެވޭ ގޮތަށެވެ. އެކަމަކު ސުވާލަކީ ނުހައްގު މުއްސަނދިކަމުގެ ވާހަކަ ދައުލަތުގެ މުވައްޒަފުންނާއި ހަމައިން ނިންމާލެވިދާނެތޯ އެވެ. ގާނޫނުތައް މިހާރު ވެސް އޮތް ގޮތުން ދައުލަތުގެ މުވައްޒަފުންނަކީ ކޮބައިކަން މާނަ ކުރުމުގައި ދަތިތަކެއް އެބަހުއްޓެވެ. އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތައް އެ ކެޓަގަރީއަށް ވަދޭތޯއާއި، ކުންފުނިތަކުގެ ވެރިން ވެސް ބެލެވޭނީ ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި ތޯ ސުވާލު އުފެދެއެވެ.

ކޯޓުތަކުގައި މިހާރު ވެސް ހިނގަމުން ދާ، މައުލޫމާތު ހޯދައި ލިބިގަތުމުގެ މައްސަލަތަކުގައި އެ ކުންފުނިތަކުން ކުރާ އިންކާރަކީ އެއީ ދައުލަތުގެ އިދާރާއެއްކަމަށް ނުބެލެވޭނެ ކަމަށެވެ.

ދައުލަތުގެ މަގާމުތަކާއި ހަމައިން ލިމިޓު ނުކޮށް، ގާނޫނުލްއުޤޫބާތުގެ ނުހައްގު މުއްސަނދިކަން ބަޔާން ކުރާ ބާބަށް އިތުރު ބޮޑެތި ބަދަލު އަންނަން ޖެހޭ ސަބަބަކީ އެއީ އެވެ. ޖިނާއީ ބޮޑެތި ކުށުގެ ތުހުމަތު ކުރެވޭ މީހުން އާމްދަނީ އާއި ނުބައްދަލު ދިރިއުޅުންތަކުގައި އުޅޭ މަންޒަރު ފެނި އެކަމުގެ ޝަކުވާ ކުރާ މިންވަރު މަދެއް ނޫނެވެ.

ކޭޕާކު ހިޔާނާތުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ އެ ކުންފުނީގެ އެއް ޑިރެކްޓަރު ކަމަށްވާ ހަސަން މަމްދޫހު (މަންޑޭ) އާއި، ފުޓް ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަކީ އޭގެ އެއް މިސާލެވެ. އެކަމަކު މުޅި ދައުލަތް އެކީ އެ ދެ މީހުން ފަހަތުން ދުވާއިރު، ލިބުނު މާބޮޑު ކާމިޔާބެއް އަދި ނެތެވެ.

އަލަށް ހުށަހަޅާފައިވާ އިސްލާހު ވެސް މި މައްސަލަ ހައްލުވާ ތަނެއް ނުފެނެ އެވެ. ހަމައެކަނި ގެނެވޭ އިސްލާހަކީ ދައުލަތުގެ ވަޒީފާއެއް އަދާކޮށް ވަކިވެގެން ދިޔަސް، އެ މީހެއްގެ ދިރިއުޅުމުން އެ ބުނާ ނުހައްގު މުއްސަނދިކަމުގެ ތުހުމަތެއް ކުރެވިއްޖެ ނަމަ ދައުވާ ކުރެވުމެވެ.

ނުހައްގު މުއްސަނދިކަމުގެ ކުށެއްގެ ތުހުމަތު ކުރެވުމުން، ހުށަހަޅާފައިވާ އިސްލާހުގައި އޮތީ އޭނާގެ މައްޗަށް ބާޑަން ޝިފްޓުވެ އެއީ ހައްގު ގޮތުގައި ހޯދާފައިވާ ފައިސާއާއި މުދާކަން ސާބިކޮށްދިނުމުގެ ބުރަ ތުހުމަތު ކުރެވޭ މީހާ އުފުލާ ގޮތަށެވެ.

ތަޅުމުގައި މެމްބަރުން މި މައްސަލަ ފާހަގަކުރައްވާފައި ވާތީ، ކޮމިޓީ މަރުހަލާފައި ބަދަލުތަކެއް އަންނާނެކަމަށް ބެލެވުނަސް ކޮމިޓިން އިތުރު ބަދަލަކާއި ނުލައި މި އިސްލާހު ފާސް ކުރުމުގެ ފުރުސަތު ބޮޑެވެ. މި ނޫން ވެސް އެކި އިސްލާހުތަކުގައި ކޮމިޓީން ކޮންމެހެން ގެންނަން ޖެހޭ ބަދަލުތައް ހުރި ނަމަވެސް، އެއްވެސް ބަދަލެއް ނުގެނެސް ކޮމިޓީން އެ އިސްލާހުތައް ފާސްކުރީ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: