ރާއްޖޭގައި ( ޔުނިފައިޑް ޕޭމެންޓްސް އިންޓަރފޭސް ) ޔޫޕީއައިގެ ޙިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
19 ރަށެއްގައި އެމްއައިބީގެ އޭޓީއެމްގެ ޙިދުމަތް ފޯރުކޮށްދިނުމަށް އިކޮނޮމިކް މިނިސްޓްރީއާއި މޯލްޑިވްސް އިސްލާމިކް ބޭންކް އާއި ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ރާއްޖޭގައި ޔޫޕީއައި ޙިދުމަތް ޤާއިމުކުރެއްވުމަށް މަޝްވަރާކުރެއްވި ކަމަށެވެ. އަދި ދުނިޔޭގެ ބޮޑެތި ޕޭމެންޓް ސިސްޓަމްތަކާއި އަދި އީ-ވޮލެޓްގެ މަސައްކަތްތައް ރާއްޖޭގައި ހަރުދަނާ ގޮތެއްގައި ޤާއިމުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
“ ޔޫޕީއައި ރާއްޖޭގައި ޤާއިމުކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއްދަނީ ކުރަމުން، އެއާއެކުގައި ދުނިޔޭގެ ބޮޑެތި ޕޭމެންޓް ސިސްޓަމްތަކާއި އަދި އީ-ވޮލެޓްގެ މަސައްކަތްތައްވެސް ކުރިއަށްދާ ކަން އަޅުގަނޑު ހަމަ ފާހަގަކޮށްލަން،އަދި ބޭކެއްގެ ގޮތުގައި އިސްލާމިކް ބޭކުން މިކަންކަމަށް ބަހައްޓަވައި ޝައުގުވެރިކަން އަޅުގަނޑު ހަމަ ފާހަގަކޮށްލަން“ މިނިސްޓަރ ވިދާޅުވިއެވެ.
އެމްއައިބީގެ ޙިދުމަތްތައް ޒަމާނާއެއްގޮތަށް މިހާރު ޑިޖިޓަލައިޒް ކުރެވިފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ޑިޖިޓަލް އިކޮނޮމީ ޤާއިމުކުރުމަކީ ރައީސްގެ މެނިފެސްޓޯގައި ހިމެނިފައިވާ ވަރަށް މުހިންމު ވައުދެއް ކަމަށާއި މީގެ އިތުރުން، ތުރުކީވިލާތުގައި ރާއްޖެއާއެކު ޕްރިފަރެންޝިއަލް ޓްރޭޑް އެގްރިމެންޓެއް ގައި ސޮއިކުރެވިފައިވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މި އެއްބަސްވުމަކީ ޔޫރަޕިއަން މާރކެޓާއި ހަމައަށް ދިވެހިރާއްޖެއިން ވާސިލްވުމަށް އެޅޭނެ އެންމެ ބޮޑު އެއް ފާލަން ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. 2023 ވަނަ އަހަރު ތުރުކީއަށް ރައީސް ކުރެއްވި ދަތުރުފުޅުގައި ދިވެހި ވިޔަފާރިވެރިންގެ މުދާ އެ ޤައުމަށް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްދެއްވައިފައެވެ.
މީގެ އިތުރުން މި ރަސްމިއަޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއައިބީގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވީ، ރާއްޖޭގައި އިސްލާމިކް ބޭންކް 19 ރަށެއްގައި އިސްލާމިކް ބޭންކްގެ އޭޓީއެމް ޤާއިމުކުރެވިގެންދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން 16 އަތޮޅަކަށް އެމްއައިބީ ޙިދުމަތް ލިބިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) އަކީ ގިނަ ބޭންކް އެކައުންޓްތަކެއް އެއް މޯބައިލް އެޕްލިކޭޝަނަކަށް (ބައިވެރިވާ ކޮންމެ ބޭންކެއްގެ) އެއްކޮށްދޭ ނިޒާމެކެވެ. މި ނިޒާމުގެ ދަށުން ގިނަ ބޭންކިންގ ޚިދުމަތްތަކަކާއި، ފަސޭހަކަމާއެކު ފައިސާ ޓްރާންސްފަރކުރުމާއި، ވިޔަފާރިތަކަށް ފައިސާ ދެއްކުން ފަދަ ކަންތައްތައް އެއް ތަނަކުން ކުރެވޭނެއެވެ.

