މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްއިން ހާސިލްކޮށްފައިވާ ކާމިޔާބީތަކާއި ކުރިއެރުންތަކަށް ބަލާއިރު، ’ހަމަހަމަކަން ކަށަވަރު‘ ނިޝާން ނެއް ވަނީ ތަޢާރަފްކޮށްފައެވެ. މި ނިޝާނަކީ ޖެންޑަރ ހަމަހަމަކަން ކުރިއެރުވުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ. ޖެންޑަރ އިކުއަލިޓީ ސީލްގެ އަސާސީ މިންގަނޑު އެކުލަވާލައި، ވަޒީރުންގެ މަޖިލީހުން ފާސްކުރުމަށްފަހު، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ގެޒެޓްކުރެވުނެވެ. މި މިންގަނޑަށް ފެތޭ ފަރާތްތަކަށް ސީލްގެ ބްރޮންޒް ލެވެލްއަށް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވައިލައިފައެވެ.
ނަމަވެސް، 2024 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުށަހެޅި 11 ފަރާތުންވެސް އަސާސީ މިންގަނޑުތައް ހާސިލުކޮށްފައި ނުވާތީ، އައު މެޓްރިކްސްއަކާއެކު އަލުން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ވަނީ ނިންމާފައެވެ. މި އައު މެޓްރިކްސް މިހާރު ވަނީ މިނިސްޓްރީން ތައްޔާރުކޮށް، ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާކުރުމުގެ މަރުޙަލާގައެވެ. އަދި އެޕްލިކޭޝަންތައް ހުޅުވާލައި، ސީލްގެ މިންގަނޑުތަކާއި އެޕްލިކޭޝަން މަރުޙަލާއާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް އެކި ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތްކުރުމަށް ވަނީ ރޭވިފައެވެ.

މީގެ އިތުރުން، މޯލްޑިވިއަން ޖެންޑަރ އީކުއަލިޓީ އެޑްވޮކޭޓުން (އެމް.ޖެމް)ގެ މަސައްކަތްތަކަށްވެސް ވަނީ އަމާޒުކުރެވިފައެވެ. އެމްޖެމް އެޑްވޮކޭޓުންގެ މަސްއޫލިއްޔަތުތައް މުރާޖަޢާކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި ހުރިހާ އިދާރާއެއްގައި އެމްޖެމް އެޑްވޮކޭޓުން އައްޔަނުކުރުމަށްޓަކައި މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރެވެއެވެ. ޖުމްލަ ގޮތެއްގައި ބަލާއިރު، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްއިން ޖެންޑަރ ހަމަހަމަކަން ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ އިޖްތިމާޢީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، އެ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ފާއިތުވި ދުވަސްތަކުގައި ވަނީ ގިނަގުނަ ކާމިޔާބީތަކެއް ހޯދާފައެވެ. މި ގޮތުން، އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ ’އިސްނަގައިގެން – ސިޔާސީ މައިދާނުގައި އަންހެނުން‘ ގެ ނަމުގައި ކުރިއަށް ގެންދެވުނު ތަމްރީން ޕްރޮގްރާމެވެ.
މި ޕްރޮގްރާމަކީ އަންހެނުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމަށް ބާރުއަޅައި، އެ ފަރާތްތަކުގެ ލީޑަރޝިޕް ހުނަރުތައް ތަރައްޤީކުރުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވުނު ޚާއްޞަ ޕްރޮގްރާމެކެވެ. 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ފެށިގެން 14 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދެވުނު މި ޕްރޮގްރާމުގައި ޖުމްލަ 28 އަންހެނުން ބައިވެރިވެ، އެކި ދާއިރާތަކުން މަޢުލޫމާތާއި ތަޖުރިބާ ހޯދާފައިވެއެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ އަންހެނުން ސިޔާސީ މައިދާނުގައި އިސްދައުރެއް އަދާކުރުމަށް ބޭނުންވާ ޤާބިލުކަން އިތުރުކޮށް، އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ހިތްވަރު ދިނުމެވެ. މީގެ އިތުރުން، އަންހެނުންގެ ޙައްޤުތަކާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި، ޤައުމީ ފެންވަރުގައި ނިންމުންތައް ނިންމުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަގުފަހިކުރުމެވެ.

މިނިސްޓްރީގެ މި މަސައްކަތް މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ. މުޅި ރާއްޖޭގައި މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ށ. އަތޮޅު ކައުންސިލާ ގުޅިގެން ’އިސްނަގައިގެން – ސިޔާސީ މައިދާނުގައި އަންހެނުން‘ ގެ ނަމުގައި ސެޝަނެއް ށ. އަތޮޅުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި މަސައްކަތްތަކުގެ ސަބަބުން، ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަޙުގައި އަންހެނުންގެ ދައުރު އިތުރުވެ، އެ ފަރާތްތަކުގެ އަޑު އިތުރަށް އުފުލިގެންދާނެކަން ކަށަވަރެވެ.
މީގެ އިތުރުން، މި ޕްރޮގްރާމްތަކުގެ ސަބަބުން އަންހެނުންނަށް ދިމާވާ އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުވެ، މުޖުތަމަޢުގެ ހުރިހާ ދާއިރާއެއްގައިވެސް އަންހެނުންގެ ބައިވެރިވުން އިތުރުވެގެންދާނެއެވެ. މިއީ ހަމަހަމަކަމާއި އިންސާފުވެރި މުޖުތަމަޢެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި މުޅި މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކޮށް، އަންހެނުންގެ ޙައްޤުތަކާ މެދު ފިރިހެނުންގެ ވިސްނުން ބަދަލުކުރުމަށްވެސް މަސައްކަތްތަކެއްވެސް ވަނީ ކޮށްފައެވެ.
މިިގޮތުން، އާއިލާތަކުގައި އަންހެނުންގެ ދައުރާއި، ވަޒީފާގެ މައިދާނުގައި އަންހެނުންނަށް ލިބެންޖެހޭ ފުރުޞަތުތަކާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. ވިޔަފާރީގެ ރޮނގުން ކަނބަލުން ބާރުވެރި ކުރުމަށް ކުރެވިފައިވާ ކަންކަމަށް ބަލައިލާ އިރު، އަންހެން ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ފައިސާގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ސްޓާޓްއަޕް ލޯން ދިނުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި އެހީތެރިކަން ވަނީ ފޯރުކޮށްދީ ފައެވެ.

އެސް.ޑީ.އެފް.ސީ އިން 22 ފެބްރުއަރީ 2024 ގައި ”ފަށާ މަދަދު ލީސިންގް“ ނަމުގައި ލޯން ސްކީމެއް ވަނީ ތަޢާރަފްކޮށްފައެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފުތާ 14ގެ ވައުދުގައި ހިމެނޭ ވައުދެކެވެ. މި ސްކީމުން ފައިނޭންސް ކޮށްދިނުމަށް ހަމަޖެހިފައި ވަނީ އަންހެން ވިޔަފާރިވެރިންގެ ތެރެއިން އާމްދަނީ ކަށަވަރު ނުވުމުގެ ސަބަބުން ކޮންވެންޝަނަލް ބޭންކުތަކުން ހިދުމަތް ލިބި ދިނުމުގައި ދިމާވާ ދަތިތައް ހުރި ފަރާތްތަކަށެވެ.
މި ލޯނުގެ ދަށުން ހަ ޕަސެންޓު އިންޓްރެސްޓަކާއެކު އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް އެއް ލައްކަ ރުފިޔާއިން ފެށިގެން ފަސް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކަށް ލޯނު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ލޯނު އަނބުރާ ދެއްކުމުގެ މުއްދަތަކީ 7 އަހަރު ދުވަހެވެ. މިގޮތުން އަށް ޕަސެންޓު އިންޓްރެސްޓަކާއެކު 10،000 ރުފިޔާއިން ފެށިގެން އެއް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކަށް މި ސްކީމުން ހަރުމުދާ ގަނެވޭނެ ކަމަށް އެސްޑީއެފްސީންއިން ވަނީ ބުނެފައެވެ.
ލޯން ސްކީމް ދިނުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓް އެންޑް ޓްރޭޑް އަށް ދޭންޖެހޭ ފަންނީ ލަފާ ދިނުމުގެ އިތުރުން މި ލޯން ސްކީމްގެ މަޢުލޫމާތު އާންމުންނަށް ދިނުމުގައި މި މިނިސްޓްރީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެމުން ދާކަން ފާހަގަކުރެވެއެވެ. މިއީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ، މިފަދަ ސްކީމްތަކުގެ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަކީ އޭގެ ފައިދާ އެންމެ ފުޅާ ދާއިރާއެއްގައި ލިބިގަތުމަށް މަގުފަހިވާނެ ކަމެއް ކަމުގައިވާތީއެވެ.
ދިވެހިރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ދާއިރާގައި އަންހެނުންގެ ދައުރު އިތުރަށް ފާހަގަކޮށް، އެ ބޭފުޅުންގެ އަގުވަޒަންކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރެހެންދި އެވޯޑް 2024 ފާހަގަކުރެވެއެވެ. ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން ބޭއްވޭ މި ޚާއްޞަ ހަފްލާގައި، ޤައުމީ ޚިދުމަތުގެ އެކި ދާއިރާތަކުން އަންހެނުން ކުރައްވާ މަސައްކަތްތަކާއި، ޤައުމީ ތަރައްޤީއާއި މުޖުތަމަޢު ބިނާކުރުމަށް އަންހެނުން އަދާކުރައްވާ މުހިންމު ދައުރު ފާހަގަކުރެވެއެވެ.
ރެހެންދި އެވޯޑުގެ މައިގަނޑު މަޤްޞަދަކީ މުޖުތަމަޢުގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، އެކި ދާއިރާތަކަށް އަންހެނުން ނުކުތުމަށް ހިތްވަރުދީ، އަންހެނުން ބާރުވެރިކުރުވުމެވެ. މީގެ އިތުރުން، އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުމަކީވެސް މި އެވޯޑުގެ މުހިންމު ބައެކެވެ.

މީގެ އިތުރުން، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމަކީ މުޖުތަމަޢުގެ ހަމަޖެހުމާއި ރައްކާތެރިކަމަށް ބޮޑު ގޮންޖެހުމެކެވެ. މިފަދަ ޢަމަލުތަކުން މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި، 2014 ވަނަ އަހަރު ވަނީ ޤާނޫނު ނަންބަރު 2014/16 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) ތަޢާރަފުކޮށްފައެވެ. ނަމަވެސް، މި ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި، މުޖުތަމަޢުގެ ބަދަލުވަމުންދާ ޙާލަތްތަކަށް ރިޢާޔަތްކޮށް، މި ޤާނޫނަށް އިޞްލާޙުތަކެއް ގެނައުމުގެ މުހިންމުކަން ވަނީ ފާހަގަކުރެވިފައެވެ.
މި ގޮތުން، ޤާނޫނު ނަންބަރު 2014/16 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) އަށް ގެންނަންޖެހޭ އިޞްލާޙުތައް ބަންޑާރަނައިބުގެ އޮފީހަށް ވަނީ ފޮނުވިފައެވެ. މި އިޞްލާޙުތަކުގެ މައިގަނޑު މަޤްޞަދަކީ ޤާނޫނުގެ ހަރުދަނާކަން އިތުރުކޮށް، އޭގެ ތަންފީޒު ފުރިހަމަކުރުމެވެ.
”ކޮންމެ ކުއްޖަކަށް އާއިލާއެއް“ ޕްރޮގްރާމަކީ ދިވެހި މުޖުތަމަޢުގެ މުސްތަޤުބަލަށް ވަރަށް މުހިންމު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އާއިލީ ލޯތްބާއި އަޅާލުން ލިބި، އެ ކުދިންގެ ޙައްޤުތައް ރައްކާތެރިކުރެވި، އުފާވެރި އަދި ފުރިހަމަ ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަޅުގަނޑުމެން އެންމެން މި ޕްރޮގްރާމު ކާމިޔާބުކުރުމަށް މަސައްކަތްކުރަން ޖެހެއެވެ. އެއީ އަޅުގަނޑުމެންގެ ކުޑަކުދިންނަށާއި މުޅި މުޖުތަމައަށް ކުރެވޭނެ އެންމެ ބޮޑު ޙިދުމަތެވެ.
ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންނަށް ދުރު ރާސްތާއެއް ބިނާކޮށް، އެކުދިންނަށް ބޭނުންވާ އަޅައިލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި، ޢާއިލާއަކީ މުޖުތަމަޢުގެ އެންމެ އަސާސީ އިޖުތިމާޢީ ބޭނުމެވެ. އަދި އެއީ އެކުދިންގެ ރައްކައުތެރިކަމަށާއި، ދުޅަހެޔޮކަމަށާއި، ހެދިބޮޑުވުމަށް އެންމެ އެކަށީގެންވާ ޠަބީޢީ މާޙައުލުއެވެ. އެހެންކަމުން، އެކުދިންގެ ޢާއިލާއަށް އަނބުރާ ފޮނުވެން އޮންނަ ހާލަތްތަކުގައި އެ ކުދިންގެ ޢާއިލާއަށް އަނބުރާ ފޮނުވުމަށް ޙާއްސަ އިސްކަމެއް ވަނީ ދެއްވައިފައެވެ. ނަމަވެސް، ޢާއިލާއަށް އަނބުރާ ފޮނުވެން ނެތް ހާލަތްތަކުގައި ފޯސްޓަރ ނިޒާމުގެ ތެރެއިން އެކުދިން ފޯސްޓަރ ކުރެވޭނެ ގޮތްތައް ވަނީ ހަމަަޖައްސައިދެއްވައިފައެވެ.

މިކަމަށްޓަކައި، ވަގުތީ ފޮސްޓަރިންގ ދަށުން ކުދިން ފޮސްޓަރކުރުމުގެ އުސޫލްތައް ވަނީ ކަނޑައެޅިފައެވެ. މިގޮތުން، ވަގުތީ ހާލަތެއް މެދުވެރިވެގެން ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންނަށް އެކުދިން އާއިލާއަށް އަނބުރާ ރުޖޫއަވެވެންދެން އާއިލީ މާހައުލެއް ހޯދާދިނުމުގެ ފުރުސަތު ވަނީ ފަހިވެގެން ގޮސްފައެވެ.
މިކަމާ ގުޅޭގޮތުން، ގަވާއިދު ނަންބަރު R-17/2024 (ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ފޮސްޓަރކުރުމާބެހޭ ގަވާއިދު) ވަނީ ގެޒެޓްކުރެވިފައެވެ. މި ގަވާއިދުގެ ދަށުން، ފޮސްޓަރިން ނިޒާމުގެ ތެރެއިން ވަގުތީ ގޮތުން ކުދިން ފޮސްޓަރ ކުރުމަށް ހޭލުންތެރިކުރުމުގެ ގޮތުން މުޖުތަމަޢުއަށާއި ދައުލަތުގެ މުއައްސަސާތަކަށް މަޢުލޫމާތު ސެޝަންތައް ކުރިއަށް ގެންދެވިފައިވެއެވެ. މި ގޮތުން، ދަޢުލަތުގެ މުއައްސަސާތަކަށް ހިންގުނު 8 މަޢުލޫމާތު ސެޝަންގައި 260 ބައިވެރިން ބައިވެރިވެފައިވާކަމީ އުފާވެރި ކަމެއް ގޮތުގައި ވުޒާރާއިން ދެކެއެވެ.
މީގެ އިތުރުން، އާންމު ތިން ފަރާތަކުން ވަގުތީ ފޯސްޓަރިން އެޕްލިކޭޝަން ހުށަހަޅާފައިވުމަކީ މި ޕްރޮގްރާމަށް މުޖުތަމަޢުގެ ފަރާތުން ލިބޭ އެއްބާރުލުމުގެ ހެއްކެކެވެ. އަދި ރައްކާތެރިކަން ކަށަވަރުކުރުމަށް ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކުދިންގެ ތެރެއިން 17 ނޮވެމްބަރ 2023 އިން ފެށިގެން އަދާހަމައަށް 30 ކުއްޖަކަށް އާއިލީ ވެއްޓަކަށް ރުޖޫޢަވެ ދިރިއުޅުމުގެ ފުރުޞަތު ފަހިކޮށްދެވި، 25 އިތުރު ކުއްޖަކަށް އެ ފުރުސަތު ގާއިމްކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

