ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާސަންދަ ސިއްޙީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ލިބުނު ބޮޑު ކުރިއެރުމެއް!

ޝެއާރކޮށްލާ ކަހަލަދޯ؟
އާސަންދައަކީ ދިވެހިރާއްޖޭގެ ސިއްޙީ ޚިދުމަތުގެ ދާއިރާގައި އައި އެންމެ ފާހަގަކޮށްލެވޭ އެއް ކުރިއެރުމެވެ. އެތައް އަހަރެއް ވަންދެން ދިވެހި ރައްޔިތުން ތަޙައްމަލުކުރަމުން އައި ގިނަގުނަ ދަތިތަކަކަށް ޙައްލެއް ގެނެސްދިން މި ޚިދުމަތް ފެށުމުގެ ކުރިން، ބޭސްފަރުވާއަށް ބޭނުންވާ ފައިސާ ހޯދުމަށް ސަލާންޖެހުމަކީ އާންމު ކަމަކަށް ވެފައިވެއެވެ. އަދި ޑޮކްޓަރަށް ދެއްކުމަށް ފައިސާ ހުރި ނަމަވެސް، ބޭސް ގަތުމަށް ފައިސާ ނެތުމަކީ އާންމުކޮށް ދިމާވާ މައްސަލައެކެވެ.

އާސަންދައިގެ ޚިދުމަތް ރަސްމީކޮށް ރާއްޖޭގައި ތަޢާރަފުކުރެވުނީ 2011 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 20 ވަނަ ދުވަހުއެވެ. މި ޚިދުމަތް އުފެދިގެން އައީ އެލައިޑް އިންޝުއަރެންސްގެ ހިއްސާދާރެއްގެ ގޮތުގައެވެ. މި އުސޫލުން ޚިދުމަތް ދެމުން ގެންދިޔައީ 2015 ވަނަ އަހަރު އާސަންދައިގެ ބާކީ ހުރި ހިއްސާތައް ސަރުކާރުން ގަތުމާ ހަމައަށެވެ.

އާސަންދަ އުފެދުމަށްފަހު އެންމެ އަވަސް ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވެނީ 2012 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހު، ސަރުކާރުން ”މަދަނަ“ (ސިވިލް ސަރވިސްގެ މުވައްޒަފުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނިކަމެތިންނަށް އަމާޒުކޮށްގެން ހިންގި ޤައުމީ އިންޝުއަރެންސް ސްކީމް) އާސަންދައިގެ ދަށަށް ބަދަލުކޮށް، ހުރިހާ ރައްޔިތުންނަށް ޚިދުމަތްދޭ ސިއްޙީ އިންޝުއަރެންސް ސްކީމެއްގެ ގޮތުގައި ”އާސަންދަ“ ގެ ހިންގުން އިތުރަށް ހަރުދަނާކުރުމެވެ.

މި ބަދަލުގެ މައިގަނޑު މަޤްޞަދަކީ ވީހާވެސް ގިނަ ބަޔަކަށް ފަސޭހަކަމާއެކު އަތްފޯރާފަށުގައި ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދޯރުކޮށްދިނުމެވެ. ”އާސަންދަ“ އިން ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ހޯދާ މީހުންނާއި ބޭރު ބަލިމީހުންނަށް ޚިދުމަތް ފޯރުކޮށްދެމުން ގެންދިޔައެވެ.

މި ސްކީމްގެ ދަށުން ކޮންމެ މީހަކަށް އަހަރަކު ޖުމުލަ 100,000 ރުފިޔާގެ ލިމިޓެއް ކަނޑައެޅިފައިވާއިރު، އޭގެ ތެރެއިން ބޭރު ބަލިމީހުންގެ ޚިދުމަތްތަކަށް މީހަކަށް 10,000 ރުފިޔާގެ ލިމިޓެއް ކަނޑައެޅިފައިވެއެވެ. ޞައްޙަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑެއް އޮތް ކޮންމެ ދިވެހި ރައްޔިތަކަށް، އެއްވެސް ޕްރީމިއަމެއް ދެއްކުމަކާ ނުލައި މި ސްކީމްގެ ދަށުން ސިއްޙީ ޚިދުމަތް ލިބުމުގެ ޙައްޤު ލިބިގެންވެއެވެ.

2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި، މި ސްކީމް އިތުރަށް ފުޅާކޮށް ”ހުސްނުވާ އާސަންދަ“ ގެ ނަމުގައި އަލުން ތަޢާރަފުކުރެވުނެވެ. މި އައު ސްކީމްގެ ދަށުން ކުރިން ކަނޑައެޅިފައިވާ 100,000 ރުފިޔާގެ ލިމިޓް އުވާލެވި، ހުރިހާ ރައްޔިތުންނަށް ލިމިޓެއް ނެތި ސިއްޙީ އިންޝުއަރެންސް ފޯރުކޮށްދިނުމަށް މަގުފަހިކުރެވުނެވެ.

”ހުސްނުވާ އާސަންދަ“ ސްކީމްގެ މައިގަނޑު މަޤްޞަދަކީ ހުރިހާ ދާއިރާތަކަކުންނާއި ޚާއްޞަ ބޭނުންތަކަށް ބޭނުންވާ ސިއްޙީ ފަރުވާ، ސްކީމްގެ ޕޮލިސީގައިވާ ޝަރުޠުތަކާއި އިސްތިސްނާތަކާ އެއްގޮތްވާ ގޮތުގެމަތިން، ރާއްޖެއިންނާއި ރާއްޖެއިން ބޭރުން (ރާއްޖޭގައި ނުލިބޭ ޚިދުމަތްތަކަށް) ފޯރުކޮށްދިނުމެވެ.

މި ބަދަލުތަކާއެކު، އާސަންދައަކީ ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާގައި އިންޤިލާބީ ބަދަލެއް ގެނެސްދިން ޚިދުމަތަކަށް ވެގެން ދިޔައެވެ. މީގެ ސަބަބުން، ކުރިން ބޭސްފަރުވާއަށް ފައިސާ ހޯދުމުގައި ދިމާވަމުން އައި ގިނަގުނަ ދަތިތަކަށް ޙައްލު ލިބި، ގިނަ ރައްޔިތުންނަށް ފަސޭހަކަމާއެކު ސިއްޙީ ޚިދުމަތް ލިބުމުގެ މަގު ތަނަވަސްވެގެން ދިޔައެވެ.

އާސަންދައިގެ ޚިދުމަތް ތަޢާރަފުވުމާއެކު، ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާއަށް އައި މި ބޮޑު ކުރިއެރުމަކީ، ރައްޔިތުންގެ ދުޅަހެޔޮ ދިރިއުޅުމަށާއި ޤައުމުގެ އިޖްތިމާޢީ ރައްކާތެރިކަމަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެކެވެ. މި ނިޒާމުގެ ސަބަބުން، ގިނަ ރައްޔިތުންނަށް ބޭނުންވާ ސިއްޙީ ފަރުވާ ލިބުމުގެ ފުރުޞަތު ފަހިވެ، އެތައް ޢާއިލާތަކެއްގެ މާލީ ބުރަ ލުއިވެގެން ދިޔައެވެ.

އާސަންދަ ސްކީމްގެ ދަށުން ހިމެނޭ މުހިންމު ޚިދުމަތްތަކުގެ ތެރޭގައި ކުއްލި ޙާލަތްތަކުގައި ދަތުރުފަތުރުގެ އެންމެހައި ޚަރަދުތަކާއި، 30 އަހަރުން މަތީގެ ފަރާތްތަކާއި 18 އަހަރުން ދަށުގެ ކުޑަކުދިންގެ އަހަރީ މެޑިކަލް ޗެކަޕްތަކާއި، މާބަނޑު އަންހެނުންގެ ސިއްޙީ ޚަރަދުތަކާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ދިގު މުއްދަތުގެ ބަލިތަކަށް ޖެހިފައިވާ މީހުންގެ ފަރުވާގެ ޚަރަދުތައް ހިމެނެއެވެ.

ސަރުކާރުގެ އިސްނެގުމުގެ ދަށުން، 2016 އޭޕްރިލް 3 ވަނަ ދުވަހު ހުޅުމާލެ ހޮސްޕިޓަލް ހިންގުމުގެ ޒިންމާ އާސަންދަ ކުންފުންޏާ ޙަވާލުކުރެވުނެވެ. މި ފުރުޞަތާއެކު، އާސަންދަ ކުންފުނިން އަމާޒު ހިފީ ހުޅުމާލެ ހޮސްޕިޓަލް ޚާއްސަ ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދޭ އިސް މަރުކަޒަކަށް ބަދަލުކޮށް، ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއެރުވުމަށް ހިއްސާކުރުމަށެވެ.

މި މަސައްކަތުގައި އާސަންދަ ކުންފުނީގެ އިސްތިރާތީޖީ އަމާޒަކަށްވީ ޤައުމީ އަދި ބައިނަލްއަޤްވާމީ ފަރާތްތަކާއެކު ގުޅުން ބަދަހިކޮށް އެއްބާރުލުން އިތުރުކުރުމެވެ. ހޮސްޕިޓަލް ހިންގުމުގެ ތަޖުރިބާއާއެކު، އާސަންދަ ކުންފުންޏަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގެ ނަޒަރެއް ލިބި، ހުސްނުވާ އާސަންދަ ސްކީމް ދެމެހެއްޓެނިވި ގޮތެއްގައި ހިންގައި ބެލެހެއްޓުމަށް މަގުފަހިވިއެވެ.

2019 ވަނަ އަހަރުގެ އޭޕްރިލް މަހުގައި، ސްރީލަންކާ، އިންޑިޔާ އަދި މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ސިއްޙީ ފަރުވާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ’މެރަނާ‘ ނަމުގައި ސިއްޙީ އިންޝުއަރެންސް ސްކީމެއް ތަޢާރަފްކުރެވުނެވެ. މިއީ ރަސްމީ ނިޒާމެއްގެ ތެރެއިން ދިވެހިންނަށް ރާއްޖެއިން ބޭރުން ހިލޭ ބޭސްފަރުވާ ދިނުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅެވެ.

2020 ސެޕްޓެމްބަރ 27 ވަނަ ދުވަހު، އާސަންދަ މޮބައިލް އެޕްލިކޭޝަން ތަޢާރަފްކުރެވުނެވެ. މި އެޕް އެންމެ ފުރަތަމަ ތަޢާރަފްކުރެވުނީ އެންޑްރޮއިޑް ޕްލެޓްފޯމްގައެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ގިނަ ރައްޔިތުންނަށް އާސަންދައިގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިގަތުމުގެ މަގު ތަނަވަސްވެގެން ދިޔައެވެ.

2021 ޑިސެމްބަރުގައި، އާސަންދަ ކުންފުނީގެ 10 އަހަރުގެ ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފްލާގައި، އިތުރު 24 ޚިދުމަތެއް ތަޢާރަފްކުރެވުނެވެ. މި ޚިދުމަތްތަކުގެ ތެރެއިން، އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ފޯރުކޮށްދޭ ފަރާތަކުން އާސަންދަގެ ވިނަވި ޕޯޓަލް މެދުވެރިކޮށް ޚިދުމަތެއް ލިބިގަތުމުން، އެކަމުގެ މަޢުލޫމާތު ރަޖިސްޓަރީކޮށްފައިވާ މޯބައިލް ފޯނަށް އެންގޭ ނިޒާމެއް ޤާއިމުކުރެވުނެވެ. މި އެންގުމުގައި ލިބުނު ޚިދުމަތުގެ ތަފްސީލު، ޚިދުމަތް ލިބުނު ތަން އަދި ޚަރަދުގެ ތަފްސީލު ހިމެނެއެވެ.

2022 ނޮވެމްބަރު 24 ވަނަ ދުވަހުން ފެށިގެން، ދައުލަތުން ފޯރުކޮށްދޭ އެންމެހައި ބޭސްފަރުވާގެ އެހީތެރިކަން ’ވިރާ‘ ޚިދުމަތުގެ ގޮތުގައި، އާސަންދަ ކުންފުނި ލިމިޓެޑް އާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ ގުޅިގެން އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދޭން ފެށުނެވެ.

މި ބަދަލާއެކު، ރައްޔިތުންނަށް އާސަންދަ (އާސަންދަ އަދި މެރާނާ ސްކީމް) އަދި އެންސްޕާގެ ދަށުން ފޯރުކޮށްދެވޭ ބޭސްފަރުވާގެ ވެލްފެއަރ ޚިދުމަތްތައް އެއް ތަނަކުން ލިބިގަތުމުގެ ފުރުޞަތު ތަނަވަސްވިއެވެ. މީގެ ކުރިން އާސަންދަ އަދި މެޑިކަލް ވެލްފެއަރއަށް ވަކިވަކިން ފޯމު ހުށަހަޅަންޖެހުނު ނަމަވެސް، މިހާރު އެހީ ބޭނުންވާ ފަރާތުން ހުށަހަޅަންޖެހެނީ އެންމެ ފޯމެކެވެ. މި ބަދަލުގެ ސަބަބުން، ކުރިން ދެ އޮފީހަކުން ވަކިވަކިން ދެމުން އައި ޚިދުމަތްތައް މިހާރު ލިބެނީ އެއް ތަނަކުންނެވެ. އަދި ގިނަ ފަހަރު ލިޔެކިޔުން ހުށަހަޅަންޖެހުމުގެ ބަދަލުގައި އެއްފަހަރު ހުށަހެޅުމުގެ އިންތިޒާމު ހަމަޖެހިފައިވުމުން، ޚިދުމަތް ހޯދުމުގެ ތަކުލީފު ކުޑަވެ، ޚިދުމަތް ލިބުން އަވަސްވެގެން ދިޔައެވެ.

2023 އޯގަސްޓް 1 ވަނަ ދުވަހު ’މައި އާސަންދަ‘ ޕޯޓަލް ތަޢާރަފްކުރެވުނެވެ. މި ޕޯޓަލްގެ ޒަރީއާއިން، ޞިއްޙީ ފަރުވާއަށް ސަރުކާރުގެ މެދުވެރިކޮށް އޮންލައިންކޮށް އެހީތެރިކަން ހޯދަން ބޭނުންވާ ރައްޔިތުންނަށް ފުރުޞަތު ލިބިގެން ދިޔައެވެ. މީގެ އިތުރުން، ހުށަހަޅާފައިވާ އެޕްލިކޭޝަންގެ ސްޓޭޓަސް ކޮންމެ ވަގުތެއްގައިވެސް ބެލުމުގެ ފުރުޞަތު ތަނަވަސްވެގެން ދިޔައެވެ.

މި އިސްލާޙުތަކާއެކު، އާސަންދަ ސްކީމްގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރައްޔިތުންނަށް ފަސޭހަކަމާއެކު ޞިއްޙީ ޚިދުމަތްތައް ލިބިގަތުމުގެ މަގު ތަނަވަސްވެގެން ދިޔައެވެ. މި ބަދަލުތަކަކީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅުތަކެކެވެ.

އާސަންދަ މެދުވެރިކޮށް ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމަށް ވަނީ ފާހަގަކުރެވޭ ކުރިއެރުންތަކެއް ލިބިފައެވެ. މިގޮތުން، އާސަންދަ ސްކީމްގެ ދަށުން ކޮންމެ ރައްޔިތަކަށް އަހަރަކު ދެފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ ޚާއްޞަ ސިޔާސަތެއް އެކުލަވާލައި ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވވާލުވެވަޑައިގަތުމާއެކު ވަޢުދުވެވަޑައިގެންނެވިއެވެ. މި ވަޢުދުގެ ދަށުން، 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އެންމެހައި ޞިއްޙީ މަރުކަޒުތަކުން މެޑިކަލް ޗެކަޕް ހެދުމުގެ ޚިދުމަތް އާސަންދައިގެ ދަށުން ފޯރުކޮށްދޭން ވަނީ ފަށާފައެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ނުރައްކާތެރި ބަލިތައް އަވަހަށް ދެނެގަނެ، އެކަށީގެންވާ ފަރުވާ ހޯދުމަށް މަގުފަހިކުރުމާއި، ޞިއްޙަތު ރަނގަޅުކޮށް، ދުޅަހެޔޮކަމާއެކު ދިރިއުޅުމުގެ އާދަތައް އަށަގެންނެވުމާއި، ދިރިއުޅުމުގެ ވައްޓަފާޅިއަށް އެކަށީގެންވާ ބަދަލުތައް ގެނެސްގެން ބަލިތަކުން ރައްކާތެރިވުމަށް އަމާޒު ހިފާފައިވާ ޖީލެއް ބިނާކުރުމެވެ.

ދިވެހި ރައްޔިތުންގެ އުންމީދުތަކާު އެއްގޮތަށް މިއަދުގެ ސަރުކާރުން އާސަންދައަށް ގެނެސްދެއްވާފައިވާ މި ބަދަލަކީ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. ދިވެހި ރައްޔިތުންގެ އުންމީދުތައް ބިނާވެފައިވަނީ މިއަދުގެ ސަރުކާރުން ކުރިއަށް އޮތް ތަނުގައިވެސް މި ޚިދުމަތަށް ގެނެސްދޭނެ އިތުރު ހެޔޮ ބަދަލުތަކުގެ މައްޗަށެވެ.

ވަރަށް ގަދަ
13%ވަރަށް ގަދަ 38%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: