ރާއްޖެއަަށް މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި 65 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.
އޭނާ ހައްޔަރު ކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ އޭނާ 20 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ. އެގޮތުން އޭނާ ކުށްކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެކި ޤަރީނާ ހުށަހެޅިފައިވާކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
ކޯޓުު އަމުރުގައި ބުނެފައިވަނީ އޭނާ ލަގެޖްގެ ގޮތުގައި ގެންގުޅުނު ފޮށި ބަލައިފާސްކުރުމުން މަސްތުވާތަކެތި ފެނިފައިވާކަން މޯލްޑިވްސް ކަސްޓަމް ސަރވިސަސްގެ ފޯމަށް ބަލާއިރު އެނގެން އޮންނަ ކަމަށެވެ.
މި މައްސަލައިގެ ހެކީގެ ގޮތުގައި މޯބައިލް ފޮރެންސިކް ރިޕޯޓާއި، ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯޓު އަދި ސީނަށް ދިޔަ ފުލުހުންގެ ބަޔާންވެސް ހުށަހެޅިފައިވެއެވެ.
އެކަންކަމަށް ރިއާޔަތްކޮށް ދައުލަތުގެ ވަކީލު ވިދާޅުވީ، މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކޮށްދިނުން އެދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށާއި، 14 ނޮވެމްބަރުގައި މި މައްސަލައިގެ ދައުވާ ކޯޓަށް ހުށަހެޅޭނެކަމަށް ބެލެވޭ ކަމަށެވެ.
އެކަމާ ގުޅޭގޮތުން ދިފާއުން ބުނީ، މައްސަލަ އަދި ކޯޓަށް ހުށަހެޅިފައިނުވާތީ ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ ބަދަލުގައި ކުރު މުއްދަތެއް ދިނުމަށް އެދޭ ކަމަށެވެ.
އެހެންކަމުން އޭނާ 20 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކުރީއެވެ. ކްރިމިނަލް ކޯޓުގައި މި އަމުރު ނެރުއްވީ ގާޒީ އިބްރާހިމް ޛިހުނީއެވެ.

