މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕޯޓްގެ ފްރޭމްވޯކް އެގްރީމަންޓުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ކުރީގެ ސަރުކާރުން ނަގާފައިވާ ބޮޑެތި ދަރަނިތައް މި ސަރުކާރަށް ވާރުތަވެފައިވާ ކަމަށެވެ. ނަމަވެސް ރައީސްގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ދަރަނީގެ ޙާލަތު މެނޭޖްކޮށް، ޤައުމުގެ އިޤްތިސާދު ބަނގުރޫޓުވިޔަނުދީ ހިފެހެއްޓިފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައިވެސް ޤައުމުގެ އިޤްތިސާދު އެކި ދާއިރާތަކުން ސިންދަފާތު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މިގޮތުން ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުން ގެނައުމާއެކު، އެހެނިހެން ސެކްޓަރތަކަށްވެސް ސަމާލުކަން ދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ސޮއިކުރެވުނު އެއްބަސްވުމަކީ އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ ”މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ“ އިންޓަގްރޭޓަޑް މަޝްރޫޢުގެ ފްރޭމްވޯކް އެގްރީމަންޓެވެ. މި މަޝްރޫޢުގެ މާސްޓަރ ޑިވެލޮޕަރއެއްގެ ގޮތުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަން މިނިސްޓަރ ހާމަކުރެއްވިއެވެ.
މިނިސްޓަރ ސައީދު ވިދާޅުވީ، މި މަޝްރޫޢަކީ މެރިޓައިމް ޚިދުމަތްތަކާއި އިކޮނޮމިކް ސެކިއުރިޓީއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށާއި، މީގެ ސަބަބުން ރިއަލް އެސްޓޭޓް، ޓޫރިޒަމް އަދި އެހެނިހެން ވިޔަފާރިތަކަށް ފުރުޞަތު ހުޅުވިގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިއީވެސް މަސްވެރިކަމާއި ފަތުރުވެރިކަމެކޭ އެއްފަދައިން ރާއްޖޭގެ އިޤްތިސާދުގައި މުހިއްމު ދައުރެއް އަދާކުރާނެ ސެކްޓަރއަކަށް ވާނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް މިނިސްޓަރ ވިދާޅެވިއެވެ.
މިނިސްޓަރ ސައީދު އިތުރަށް ވިދާޅުވީ، އިޤްތިސާދީ އައު ސެކްޓަރތަކަށް ވަނުމަކީ ކޮންމެވެސް ވަރެއްގެ ފަސްޖެހުމެއްވެސް އޮންނަ ކަމެއް ކަމަށާއި، ނަމަވެސް މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް ލިބިގެންދާނެ ފައިދާތައް ވަރަށް ބޮޑުކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، އިހަވަންދިއްޕޮޅުން މި މަޝްރޫޢަށް ކަނޑައަޅާ ސަރަހައްދުގެ ޑިވެލޮޕްމަންޓް ރައިޓްސް، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑަށް ދެއްވާފައިވާކަންވެސް މިނިސްޓަރ ހާމަކުރެއްވިއެވެ. އަދި މި މަޝްރޫޢު ހިންގުމަށް ނިންމަވާފައިވާ ސަރަހައްދު ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ކަނޑައެޅުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ސައީދު ވާހަކަފުޅު ނިންމަވާލެއްވީ، މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް އައު ދޮރެއް ހުޅުވިގެންދާނެ ކަމަށާއި، މިއީ ރާއްޖޭގެ އިޤްތިސާދީ ކުރިއެރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ވިދާޅުވަމުންނެވެ.

