އަހަރެއްގެ ތެރޭގައި އެހެން ވެރިން ނުކުރާ ވަރުގެ މަސައްކަތްތަކެއް މި ސަރުކާރުން ކޮށްފިކަމަށާއި، ރައްޔިތުންނަށް އުއްމީދު އެބަ އޮތްކަމަށް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ މެންބަރޝިޕް ޑްރައިވްގައި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ހަރަކާތް ކުރިއަށްދަނީ 7 ދާއިރާއަކަށް ބަހާލައިގެންނެވެ. މުޙައްމަދު އިސްމާޢީލް ވިދާޅުވިގޮތުގައި މިއީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކުރިއަށްގެންދާ ހަރަކާތެކެވެ. އަދި ކޮންމެ ހަފްތާ ބަންދެއްގައި ބޮޑެތި ސިޓީތަކުގައި މި ހަރަކާތް ހިންގާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ވެރިކަމުގެ ފުރަތަމަ އަހަރު ނިމޭއިރު ޕާޓީގެ މެންބަރުންގެ އަދަދު 75،000 އަށް އިތުރުކުރުމެވެ. މި ހަރަކާތުގެ މަގްސަދަކީ މުހައްމަދު އިސްމާއީލް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއަށް ޕީއެންސީ ހެދުމެވެ.
މި ހަރަކާތަށް ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތާއީދެއް ލިބެމުންދާކަމަށް މުޙައްމަދު އިސްމާޢީލް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މުހައްމަދު އިސްމާއީލް ވަނީ މި ހަރަކާތަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށްވެސް ރައްދުދެއްވާފައެވެ. ޑިމޮކްރަސީއެއްގައި ބަސް ބުނުމުގެ ހައްގުވެސް އޮންނާނެކަމަށާއި، އެހެން ނަމަވެސް ނާ ތަހުޒީބު ވާހަކަތަކެއް ދެކެވެމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ރައްޔިތުންނަށް ބިރު ދައްކައިގެން ފޯމު ފުރަމުންދާކަމުގެ ތުހުތުތައް ކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ކަން ހިނގަމުންދަނީ އެހެން ނޫންކަމަށް ފާހަގަކުރެއްވިއެވެ.
އެއަށްވުރެ ބޮޑަށް ރައްޔިތުން މިކަން ކުރާ ރޫހެއްގައި، މިކަން ކުރާ ހިތުން، ރައްޔިތުންނާއި ގުޅިގެން ވަރަށް ގާތުން އަޅުގަނޑުމެން މަސައްކަތްކުރާ އަދި މި ސަރުކާރު މިއަދާ ހިސާބަށް އައިރު، 10 މަސްވީއިރުގައި، ރައްޔިތުންނަށް ފެނިގެން މިދިޔައީ ރައީސް ޑރ މުއިއްޒުގެ ރިޔާސީ ވައުދުތައް ފުއްދަމުން އައި މަންޒަރު.
މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.
ރައްޔިތުން އަމިއްލައަށް މިކަމަށް ޝައުގުވެރިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ވެރިކަން މިހާ ހިސާބަށް އައިރު ރައްޔިތުންނަށް ފެނިގެން ގޮސްފައިވާނީ ރައީސް މުއިއްޒު ވެވަޑައިގެން ވައުދުތައް ފުއްދަމުންދާ މަންޒަރުކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުން ސަރުކާރާއިމެދު ކުރާ އުއްމީދެއް އެބައޮތްކަމަށް ފާހަގަކޮށް މުހައްމަދު އިސްމާއީލް ވިދާޅުވީ، ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި މާ ގިނަ، ބޮޑެތި މަސައްކަތްތަކެއް ކުރެވުނު އެއްވެސް ސަރުކާރެއް ނެތްކަމަށެވެ.
ނަމަވެސް މި ސަރުކާރުން މިހާ ހިސާބަށް އައިރު، ރާއްޖޭގެ އިޖުތިމާއީ ފޭރާމާއި، މިނިވަންކަން ދަމަހައްޓާ ކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ރައްޔިތުންވެސް މިކަންކަން ބަލައިގަންނަކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ ކުރީގައި ރާއްޖޭގައި އޮތް ބައިބައިވުން މިހާރު ނެތްކަމަށާއި، ޑިމޮކްރަސީގެ ފުރިހަމަ ނިޒާމު ރާއްޖެއިން ބަލައިގަންނަން ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

