ޕީއެންސީގެ މަސައްކަތްތަކަށް ރައްޔިތުންގެ ފުރިހަމަ ތާއީދު އޮތްކަން ދަނީ ހާމަވަމުންކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް ވިދާޅުވީ ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ދަނީ ވަރަށް ފޯރިއާއި ޖޯޝާއިއެކުކަމަށެވެ. ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ސަރުކާރުގެ ކަންކަން ކުރިއަށް ދާނީ ރައްޔިތުންނާއި ވަރަށް ބޮޑަށް ގުޅިގެންކަމަށެވެ. ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުންދަނީ މިވަގުތު ގައުމުގެ ހާލަތު އޮތް ގޮތަށް ބަލާ، އެއާއި އެކަށީގެންވާ ގޮތަށްކަމަށް ރައްޔިތުން ގަބޫލުކުރާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ޕާޓީގެ މަސައްކަތްތައް ފޯރިއާއި ޖޯޝާއިއެކު ކުރިއަށްދަނީ ޕާޓީގެ ރޫހާއި، ޕާޓީގެ ލީޑަރ ޝިޕްގެ ވަރުގަދަކަމުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޕީއެންސީއިން ކުރަމުން ގެންދާ މަސައްކަތްތައް ވަރަށް ކާމިޔާބުކަމަށް ފެންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިހާރުވެސް ހަގީގަތުގައި މިއީ އެންމެ ބޮޑު ޕާޓީ، ދެން މިހާރު މިހާ ހިސާބަށް އަންނައިރު، އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި ރާއްޖޭގައި، ސިޔާސީ ޕާޓީއެއް މިއަށްވުރެ ވަކި މަޝްހޫރު، މިއަށްވުރެ ކުރު މުއްދަތެއްގައި ވެރިކަމަށްވެސް އައި، އަދި ހަމައެއާއިއެކީގައި މިހާ ބޮޑަށް ރައްޔިތުން ބަލައިގަތް ޕާޓީއެއް މިހާރަކު ނެތް.
އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ގޮތުގައި މިހާ ކުރު މުއްދަތެއްގެ ތެރޭގައި ވެރިކަމަށް އައިސް، ރައްޔިތުންގެ ބޮޑު މަގުބޫލުކަމެއް ހޯދި ޕާޓީއެއް ޕީއެންސީ ނޫނީ ނެތްކަމަށެވެ. ޕީއެންސީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީކަމަށް ވިދާޅުވިއެވެ.
ޕީއެންސީ އަބަދުވެސް ކުރިއަށްދާނީ އެއް ވިސްނުމެއްގައި، އެއް ފިކުރެއްގައިކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެހެންކަމުން ޕާޓީއަށް ކުރިއެރޭނެކަމަށް ވިދާޅުވިއެވެ.

