ޒަމާނާއި، ޓެކޮނޮލޮޖީއާއި އަދި ހަމައެއާއިއެކު ގާނޫނުތަކަށް، އަންނަ ބަދަލާއި އެއްވަރަށް، ކުށްވެރިންނާއި، ކުށް ކުރާ ގޮތަށް ބަދަލުތައް އަންނަ ވާހަކަ އަހަމެވެ. އަދި ކުށުގެ ވެއްޓަށް މުޅިން އާ ކަންކަން ތައާރަފުވެގެން އަންނަ ވާހަކައާއި، މުޖުތަމައުގެ ތެރޭގަައި މީގެ ކުރީގައި ނެތް މައްސަލަތައް ފެންމަތިވެގެން އަންނަ ވާހަކަވެސް އަހަމެވެ.
ރާއްޖޭގައި މީގެ ކުރީގައި ރަހީނުކުރުމުގެ މައްސަލަތަކަކީ އާންމު މައްސަލަތަކެއް ނޫނެވެ. އެހެން ނަމަވެސް މިފަހުގެ ތާރީހުތަކަށް ބަލާއިރު، މިފަދަ މައްސަލަތައް އަންނަނީ އާންމުވަމުންނެވެ. މި މައްސަލަތަކުން ފާހަގަވެގެންދަނީ ރަހީނުވާ މީހާގެވެސް ކޮންމެސް ވަރެއްގެ ހިއްސާއެއް މައްސަލަ މިހާ ހިސާބަށް ދިއުމުގައި އޮންނަކަމެވެ. ބައެއް ހާދިސާތައް އަޅުގަނޑު ފާހަގަކޮށްލާނަމެވެ.
ހުޅުމާލެ ފޭސް 2 ގެ ފްލެޓަކަށް ދޮށީ އުމުރު ފިރިހެނުން ގެންގޮސް ރަހީނުކޮށް، ބިރުދައްކާ، ފޭރުނު މައްސަލައެއް މިއަހަރުގެ ތެރޭގައި ފެންމަތިވިއެވެ. އިސްކަންދަރު ބިލްޑިންގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން މައުލޫމާތު ދިން ގޮތުގައި ހިޔާ ފްލެޓް ”އެޗް5“ ގެ އެޕާޓްމަންޓަކަށް މީހުން ގެންގޮސް، ޖިނާއީ އަމަލު ހިންގާފައި ވަނީ ފައިސާއަށް ހަށިވިއްކާކަން އިސްތިހާރުކޮށްގެންކަމަށް ބުނެއެވެ. ހަށި ވިއްކުމުގެ އަމަލުގައި އިސްކޮށް އުޅުނު ދެ އަންހެނުން ދޮށީ އުމުރުގެ ފިރިހެނުންނާ ގުޅުން ބަދަހިކޮށް، ހަށިވިއްކާނެ ކަމަށް ބުނެ، އެޕާޓްމަންޓަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހަށިވިއްކި ފްލެޓަށް ދިޔަ މީހުން، އެތަނަށް ދިޔައީ ބިރު ދައްކައިގެންނާއި ގަދަކަމުންކަމަށް ތަހުގީގަށް ބަޔާން ދިން ނަމަވެސް ފުލުހުން ބެލި ސީސީޓީވީ ފޫޓޭޖުތަކުން ފެންނަ ގޮތުން އެތަނަށް މީހުން ދިޔައީ އަމިއްލަ އިހްތިޔާރުގައިކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އަމިއްލަ އިހްތިޔާރުގައި އެތަނަށް ދިޔަކަން ފުލުހުންގެ ތަހުގީގަށް އެނގުނު ހިސާބުން، އެ މައްސަލަތައް ތަހުގީގު ކުރަން ބޭނުން ނުވާކަމަށް މައްސަލަ ހުށަހެޅި ވަރަށް ގިނަ ފަރާތްތަކުން ބުނެފައިވާކަމަށެވެ. މި މަޅީގައިވެސް ޖެހުނީ އެންމެ މީހެއް ދެ މީހެއް ނޫނެވެ. އެތައް ބަޔެކެވެ.
އިހަކަށް ދުވަހު ފެންމަތިވީ މައްސަލައަކީ ހަމަ ހުޅުމާލޭގެ ހިޔާ ފްލެޓެއްގެ ތެރޭގައި މީހަކު ރަހީނުކޮށްގެން ގެންގުުޅުނު މައްސަލައެވެ. އަދި މަގެއްގެ މަތީގައި މީހަކު ހުއްޓާ، އެހީތެރިވެދިނުމަށްކަމަށް ބުނެ ގެއަކަށް ގެންގޮސް، އޭނާއަށް ވަޅިން ބިރުދައްކައި އޮރިޔާންކޮށް، އަނިޔާކޮށް، އޭނާގެ މޯބައިލް ފޯނުއަތުލައި އޭނާގެ ބެންކު އެކައުންޓުން ފައިސާ ޓްރާންސްފަރކުރުވައި އަދި އޭނާގެ ކޭޝްކާޑު ބޭނުންކޮށްގެން އޭޓީއެމްއިން ފައިސާ ނެގި މައްސަލައެއްވެސް ފެންމަތިވިއެވެ. ހަމަ މިއާއި ދާދި ގާތުން ގެސްޓް ހައުސްއަކަށް ފިރިހެނަކު ވައްދައި، އޭނާގެ އަތުން ފޭރުނު މައްސަލައެއްވެސް ފެންމަތިވިއެވެ. އަދި އެއަށްފަހު ދެ ސިފައިންގެ އޮފިސަރުން މީހަކު ރަނީހުނުކޮށް އިނގިލި ބުރިކޮށްލި މައްސަލައެއްވެސް ފެންމަތިވިއެވެ.
މީގެ ކުރީގައި މި މައްސަލަތައް މިގޮތަށް ނުހިގަނީކަމެއް ނުވަތަ ދެނެނުގަނެވެނީކަމެއް ސާފެއް ނޫނެވެ. މިފަދަ މައްސަލަތައް ފެންމަތިވުމުން އަބަދުވެސް، ކޮންމެ މީހަކުވެސް ފަސޭހަކަމާއިއެކު އިގިލި ދިއްކުރަނީ ސަރުކާރަށެވެ. ވެރިންނަށެވެ. ފުލުހުންގެ މުއައްސަސާއަށެވެ. ހޯމް މިނިސްޓްރީއަށެވެ. އެކިއެކި ވެރިކަންތަކުގައި މިކަމުގެ ޒިންމާ ނަގާ، މިކަންކަން ކޮންޓްރޯލް ކުރެވިފައި ނެތުމަކީ، މިއަދު މިފަދަ ކަންކަން ހައްދު ފަހަނައަޅާ ދާން މިސްރާބު ޖަހާފައިވާ ސަބަބުކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.
އަޅުގަނޑުވެސް ގަބޫލުކުރަމެވެ. މުޖުތަމައުގައި ހުރި މައްސަލަތަކާއި، އިޖުތިމާއީ ފޭރާން ރަނގަޅު ކުރެވޭނީ މިހެން ހުރި މުއައްސަސާތަކާއި، އިދާރާތަކުން ޒިންމާ ނަގައިގެން، ޒިންމާ އަދާކޮށްގެންނެވެ. އަދި އެކަށީގެންވާ ފިޔަވަޅުވެސް އަޅައިގެންނެވެ. ހަމައެއާއިއެކު އެކުށްތައް ކުރާ މީހުން އިންޒާފުގެ ކުރިމައްޗަށް ގެނެސް، އަދަބުތައް ތަންފީޒު ކުރެވިގެންނެވެ. ރާއްޖޭގައި ކުށް ކުރަމުން އަންނަ ގޮތް އިތުރަށް ފުޅާވަމުން އަންނައިރު، ގާނޫނާއި، އަޅަމުން އަންނަ ފިޔަވަޅުތައް އެއަށްވުރެ، މާ ހަރުދަނާ ވާން ޖެހެއެވެ. ގާނޫނުތަކާއި އެއްވަރަށް ކުށްވެރިން ކުރިއަރަމުން އަންނަކަމަށް ބުނެ ފަރުޖައްސަލެވޭ ވަރަށް ވުރެ މިއަދުގެ ހާލަތު ގޯހެވެ. އެކަންވެސް އަޅުގަނޑު ގަބޫލުކުރަމެވެ. އަދި ކުށްވެރިން ކުށް ކުރަމުން އަންނަ ގޮތް ދެނެގަނެ، އެއާއި އެއް ފެންވަރެއްގައި ފިޔަވަޅުތައް ފައިހަމަ ކުރެވެން އެބަޖެހެއެވެ.
އެހެން ނަމަވެސް މިހެން ހުންނަ މައްސަލަތަކުގެ ޒިންމާ ވެރިމީހާ ނުވަތަ ކުރީ ސަރުކާރުގެ ބޮލުގައި ނާޅުވާ، ފަރުދީ ޒިންމާ އަދާ ކުރުންވެސް މުހިންމެވެ. މިފަދަ ކަންކަމަށް ސަމާލުވެ، މިފަދަ ކަންކަމާއި ދުރުހެލިވުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާ، އަމިއްލައަށް މިކަންކަމުން ރައްކާތެރިވެތިބުމަކީ މާ މުހިންމުކަމެކެވެ. މިފަދަ މަޅިތަކުގައި ޖެހޭހާ ތިމާގެ ވިސްނުން ނާތަހުޒީބުވުމުން، ކުށްވެރިން ކުށްވެރިކޮށް، ތިމާގެ ކުށް އޮއްބާލަން މަސައްކަތް ބައްޓަން ކުރުމަކީ ޒިންމާދާރު އުސޫލެއް ނޫނެވެ.

