އާބަން ސެންޓަރުތައް ތަރައްގީކުރުމަށް ކަނޑައަޅައި އާންމު ކުރި ލިސްޓުގައި ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ފާހަގަކުރެވޭ މުހިންމު ރަށްތައް ނުހިމެނޭކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
އާބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްގީކުރުމަށް ނިންމައި އާންމު ކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ އަދި ލ. ފޮނަދޫއެވެ.
ރާއްޖޭގެ އެންމެ އުތުރުގެ 4 އަތޮޅު ޑިވެލޮޕްމަންޓު ޒޯނެއްގެ ގޮތުގައި ތަރައްގީކޮށް، އެންމެ ދެކުނުގެ 4 އަތޮޅުވެސް ޑިވެލޮޕްމަންޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ ސަރުކާރުގެ ސިޔާސަތަކެވެ.
ހައުސިން މިނިސްޓްރީން މިއަދު ރަށްތަކުގެ ލިސްޓު އާންމު ކުރުމުން، އެކަމަށް ފާޑުވިދާޅުވެ އަމީރު ކުރެއްވި ޕޯސްޓުގައި ވަނީ ދައުލަތުގެ ފައިސާ ހަރަދުކޮށް ހަދާ ގައުމީ ތަރައްގީގެ ޕްލޭންތަކުގައި އެއްވެސް އޮއްޓަރެއް ނެތްކަމަށެވެ. އަދި އާބަން ސެންޓަރުގެ ގޮތުގައި ތަރައްގީ ކުރެވޭނެ އެހެން ސަރަހައްދުތައް ހުއްޓައި، ލިސްޓުގައި ހިމެނި ރަށްތަކަކީ އަމީރު ވިދާޅުވި ގޮތުގައި ޕާޓީގެ އިސް މެމްބަރުންނަށް ބަލައި ކުރާ މަސައްކަތެކެވެ.
ސަރުކާރުން އާންމު ކުރި ލިސްޓުތަކުގައި ހިމެނޭ ރަށްތަކަށް ވެސް ތަރައްގީ ގެނައުމާއި މެެދު އަމީރު ދެކޮޅެއް ނޫނެވެ. އެހެން ނަމަވެސް މިހާރު އޮތް ގޮތުން ބޭނުންވާ ނަތީޖާ ނެރެވިދާނެކަމާއި މެދު ސުވާލު އުފައްދައި ވަނީ، ޒަމާނުއްސުރެ އާބަން ސެންޓަރުގެ ގޮތުގައި ބަލައިގަނެފައިވާ ސަރަހަދުތަކެއް ހުންނަކަން ފާހަގަކޮށްފަ އެވެ. އަދި ވިދާޅުވީ އެއީ ވިޔަފާރީގެ މަރުކަޒުތަކެއްގެ ގޮތުގައި ރައްޔިތުން ދެކޭކަމަށް ވިދާޅުވި އެވެ. އެހެންކަމުން އައު އާބަން ސެންޓަރުތަކެއް ތަރައްގީ ކުރުމުން، އެ ސަރަހައްދުތަކަށް ވެގެން ދާނެ ގޮތާއި މެދު ސަރުކާރުން ވިސްނަން ޖެހޭކަމަށް އަމީރު ވިދާޅުވި އެވެ.
އަމީރު ވަނީ ލިސްޓުކުރި ރަށްތަކުގެ ތެރޭގައި ހދ. ކުޅުދުއްފުށި، ތިނަދޫ، ލ. ގަން، އައްޑޫއާއި ފުވައްމުލައް ނެތްކަން ފާހަގަ ކުރައްވާފައެވެ. މި ރަށްތަކަށް ސަރުކާރުން ސަމާލުކަމެއް ދީފައި ނެތުން އަމީރު ސިފަ ކުރީ އެއްވެސް ޕްލޭނެއް ނެތުމުގެ ހެއްކެއްގެ ގޮތުގަ އެވެ.

