ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން ނިންމާފައިވާ ގޮތަށް އިޒްރޭލު ޕާސްޕޯޓު ބޭން ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ފެށުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގައި މިވަގުތު އޮތް ބިލުގެ މަސައްކަތް 241 ކޮމިޓީގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މި ބިލުގެ މަސައްކަތް ތާވަލުކޮށްފައި ވަނީ އަންގާރަ ދުވަހުގެ ބައްދަލުވުމަށެވެ.
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. މީކާއިލް މަޖިލީހަށް ހުށަހެޅުއްވީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ އެއްވަނަ މާއްދާގެ (ހ) ގެ ހަތް ވަނަ ނަމްބަރުގެ ފަހަތަށް ނަމްބަރެއް އިތުރު ކުރުމަށެވެ.
މި އިސްލާހުގައި ވަނީ ރާއްޖެ އެތެރެ ނުވެވޭ މީހުންގެ ތެރޭގައި އިޒްރޭލުގެ ޕާސްޕޯޓު ގެންގުޅޭ މީހުން، ޑުއަލް ޕާސްޕޯޓު ހިމެނޭ ގޮތުން ބޭން ކުރުމަށެވެ.
އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމަށް ހުށަހެޅި އިސްލާހުގެ ދިރާސާ 241 ކޮމިޓީގައި ތާށިވެ، އެ މަސައްކަތުގެ ތަފްސީލެއް ނުލިބޭތީ މިފަހުން ގިނަ ބަޔަކު ކަންބޮޑުވުންފާޅު ކުރި އެވެ.
ބިލުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައި ވާތީ ”ސަންގު“ އަށް މައުލޫމާތު ދެއްވަމުން ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވީ ދުނިޔޭގެ ގައުމުގެ ވެރިންތަކުގެ ތެރެއިން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އެންމެ ބޮޑަށް ވަކާލާތު ކުރައްވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ. އަދި ސަރުކާރުގެ ބޮޑު މެޖޯރިޓީއެއް އޮތް ރައްޔިތުންގެ މަޖިލީހުން ވެސް މަސައްކަތް ކުރަމުން ދަނީ ދުނިޔެއަށް އެ އަޑު އިއްވުމަށްކަމަށާއި، ޕާސްޕޯޓު މަނާކުރުމުގެ މަސަައްކަތް ވަރަށް އަވަހަށް ތަންފީޒު ވެގެންދާނެކަމަށް ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ ކޮމިޓީ ބާއްވައި އެންމެ ފުރަތަމަ ނިންމާނީ، ބިލު ނިންމަން ޖެހޭ ސުންގަނޑިއެއްކަމަށެވެ. އެއަށް ފަހު ކޮމިޓީއިން ފަންނީ ލަފާ ހޯދުމަށް ކަމާއި ބެހޭ ފަރާތްތަކަށް ފޮނުވައި މަޝްވަރާ ހޯދައި އެޅެން ހުރި ފިޔަވަޅުތައް ބިލުގައި ހިމަނާނެކަމަށް ފަލާހު ވިދާޅުވި އެވެ.
ދެން އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން ފުރަތަމަ މަސައްކަތަކަށް ވާނީ ހުށަހެޅިފައި މިއޮތް ބިލުގެ ސުންގަނޑި ކަނޑައެޅުން.. ދެން އޭގެ އިތުރުން ކަމާއި ގުޅުން ހުރި ފަރާތްތަކަށް ކޮމެންޓަށް ވެސް ފޮނުވާނަން.. ކޮމިޓީއަށް ގެނެސް އެބޭފުޅުންނާއި މަޝްވަރާކޮށްގެން އަޅުގަނޑުމެން މިކަން ނިންމާނީ.. މިހާ މުހިންމު ބޮޑު މައްސަލައެއްވީމަ.. ދެން އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ މިވަނީ ސަރުކާރުން މިވަނީ ނިންމަވާފައި މިކަން ކުރަން.. ޕާސްޕޯޓު މަނާކުރަން.. ދެން އަޅުގަނޑުމެންގެ ރައީސަކީ މިހާތަނަށް ދުނިޔޭގައި ވެސް ވެރިއަކު އިޒްރޭލުން ފަލަސްތީނަށް ކުރަމުން މިދާ ލާއިންސާނީ އަމަލުތައް އެންމެ ބޮޑަށް ކުށްވެރިކުރައްވާ އެއް ރައީސް.. އެހެންވީމަ މި މަސައްކަތް ކޮމިޓީގައި އޮތީމައި، މި މަސައްކަތް އަޅުގަނޑުމެން ފެއްޓީމި މިހާރު..
ރާއްޖެއަށް އިޒްރޭލުގެ ޕާސްޕޯޓުގައި އެތެރެވުން މަނާކުރުމުގެ މަސައްކަތް ފެށިކަން ދިވެހި ސަރުކާރުން އިއުލާނު ކުރުމުން، ރާއްޖޭގައި ތިބި އެ ގައުމުގެ މީހުން ވީހާވެސް އަވަހަށް ފޭބުމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ވަނީ އަންގާފަ އެވެ.
އިޒްރޭލުން ވަނީ އެ ގައުމުގެ ރައްޔިތުންގެ ތެރެއިން، ޑުއަލް ޕާސްޕޯޓު އޮތް މީހުން ވެސް ރާއްޖެ ނައުމަށް އަންގާފަ އެވެ.
ރާއްޖެއަށް އެންމެ ގިނައިން އިޒްރޭލު ރައްޔިތުން އަންނަނީ، ރާޅާ އެޅުމަށެވެ. އަދި އެ ގައުމުން މިދިޔަ އަހަރު އައީ 10،966 ފަތުރުވެރިންކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި އޭގެ ކުރީއަހަރު އައީ 15،700 ފަތުރުވެރިންނެވެ.

