ރާއްޖޭގެ ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް މިދިޔަ އެއް އަހަރުގެ ތެރޭގައި ފޯރުވާފައި ނުވާނެކަމަށާއި، ސިޔާސީ ގޮތުން ވަކި މަގްސަދެއް ހާސިލު ކުރުމަށް ކުރި އެއްވެސް މަސައްކަތެއް ނެތް ސަބަބަކީ ވެސް އެއީކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، ވެރިކަމާއި ހަވާލުވި ފުރަތަމަ ދުވަހު ޝަރުއީ ނިޒާމު އެއްކޮށް މިނިވަންވެގެން ދިޔަކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ވެސް ވަކި މައްސަލައެއް ކުރިޔަށް ގެންދަން ޖެހޭ ގޮތާއި، ހުކުމް ކަނޑައަޅާން ޖެހޭ ގޮތުގެ އެއްވެސް އިރުޝާދެއް ކޯޓުތަކަށް ނާންގަވާނެކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސިޔާސީ ގޮތުން ވަކި ބަޔަކު ހިފަހައްޓަން ނުޖެހޭ ސަބަބަކީ ވެސް އެއީކަމަށާއި، އަދި ސިޔާސީ ބަޔަކު ދައުވާއެއްގައި ތިބިނަމަ މިނިވަންވެގެން ދަނީ ވެސް އެ ސަބަބާއި ހުރެކަމަށެވެ.
އެހެންވީމަ ސިޔާސީ ގޮތުން މީހުން ހައްޔަރު ނުކުރަނީ، އެހެންވީމަ ސިޔާސީ ގޮތުން ހައްޔަރުވެފައި ތިބި މީހުން މިނިވަން ވެސް ވަނީ.. އަޅުގަނޑުމެން ނުފޯރުވާނަން ސިޔާސީ ދާއިރާއަކަށް ނުފޫޒެއް.. އޭގެ ބަދަލުގައި ޝަރުއީ ދާއިރާއަށް ބޭނުންވާ ކަންކަން އަޅުގަނޑުމެން މަގުފަހިކޮށްދޭނީ..
ރައީސް ވިދާޅުވީ ޝަރުއީ ދާއިރާއަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އަންނަ އަހަރު އިމަރާތާއި ޖާގައިގެ ދަތިކަމަށް ހައްލު ލިބޭނެކަމަށެވެ. އަދި ވިދާޅުވީ މި ސަރުކާރުން ހަވާލުކޮށްފައިވާ ކްރިމިނަލް ކޯޓުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނިމޭނެކަމަށެވެ.
މީގެއިތުރުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ ގޮތަށް ކޯޓު ކޮމްޕްލެކްސް އަންނަ އަހަރުގެ ތެރޭގައި ހުޅުމާލޭގައި އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ. އަދި ސުޕްރީމް ކޯޓަކީ މާލޭގައި ހުންނަން ޖެހޭތަނެއްކަމަށް އެމަނިކުފާނަށް ގަބޫލު ކުރެވޭތީ، އެ އިންތިޒާމު މި ހަފްތާގެ ތެރޭގައި ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވި އެވެ.
ޝަރުއީ ދާއިރާއަށް ނުފޫޒެއް ނެތްކަމަށް ރައީސް މިރޭ ވިދާޅުވިއިރު، ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ވެސް އެމަނިކުފާނު އެކަމަށް ވައުދުވެވަޑައިގަތެވެ. އަދި އޭރު ކެމްޕެއިނުގެ ތެރޭގައި އެންމެ ބޮޑަށް އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންވުމުގެ ވާހަކަ އެވެ. ސަރުކާރުން ބުނެފައި ވަނީ އެމަނިކުފާނަށް މިނިވަން އިންސާފުވެރި ޝަރީއަތެއް މި ސަރުކާރުގައި ލިބިގެން ދާނެކަމަށެވެ.

