ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކިކަމަށް ތުހުމަތު ކުރެވޭ މީހަކު ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ބިރު ދެއްކުމުގެ ކުށުގެ ތުހުމަތެވެ.
ކޯޓު އަމުރުގައި ބުނެފައިވާ ގޮތުން އޭނާ އެ ކުށް ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކިވެސް ހުށަހެޅިފައިވެއެވެ. އެގޮތުން ސީނަށް ދިޔަ ފުލުހުންގެ ޙާދިސާ ރިޕޯޓު ހުށަހެޅިފައިވެއެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާ އެއްގޮތަށްކަަމަށްވެސް ގާޒީ ވަނީ ކަނޑައަޅުއްވާފައެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހާ ވަނީ އެ ތުހުމަތަށް އިންކާރުކޮށްފައެވެ. އެގޮތުން އޭނާ ކޯޓުގައި ބުނެފައިވަނީ އެކަން އޭނާއަށް ކުރެވުނީ ބަނޑުހައިވެފައި ހުރުމުން ކަމަށެވެ.
އެހެންކަމުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައި އޭނާ 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 25 ނޮވެމްބަރު 2024 ގައެވެ.
ކްރިމިނަލް ކޯޓުގައި މި އަމުރު ނެރުއްވީ އެ ކޯޓުގެ އިސްގާޒީ އާދަމް މުޙައްމަދުއެވެ.

