ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް 1 އަހަރު ވެގެންދާއިރު، އެމަނިކުފާނުގެ ތަސައްވުރުގެ ނަތިއްޖާ ފެންނަމުންދާ ކަމަށާއި ސަރުކާރާއި މެދު ދިވެހިންގެ އިތުބާރު ލިބިއްޖެ ކަމަށް ދިވެހިބަހާއި އަދަބިއްޔާތާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އަހަރެއްވުމާއި ގުޅިގެން، ”ސަންގު ޓީވީ“ އަށްދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، ޤައުމު އޮތް ޙާލަތާއި ރިޔާއަތްކޮށް ބަލާއިރު، ރައީސްގެ ވިސްނުންފުޅުގައި ހުރީ، ހުރިހާ ދާއިރާއަކަށް ބޭނުންވާ އަސާސީ ހުރިހާ ކަމެއް ތަރުތީބު ކުރެއްވުން ކަމަށެވެ. އަދި އެކަމުގެ ނަތިއްޖާ ފެންނަމުންދާ ކަމަށާއި ސަރުކާރާއިމެދު ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ، ހުރިހާ ކަމެއް ތަރުތީބު ކޮށްގެން ކަމަށާއި ދުރުރާސްތާއަށް ވިސްނައި ދާއިމީ ހައްލު ގެނެއުމުގެ މަޤުސަދުގައި ކަމަށެވެ.
“ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް 1 އަހަރު ފުރިގެން ދާއިރު ސަރުކާރުގެ ދުވެއްޔާއި ސަރުކާރުގެ މަޤްސަދުތައް ހާސިލް ކުރުމަށްޓަކައި ކުރެވޭ މަސައްކަތާއި އޭގެ ނަތިއްޖާއަށް ބަލާއިރު، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ޤައުމު އޮތް ޙާލަތާއި ކަންކަމަށް، އެމަނިކުފާނުގެ ތަސައްވުރުގައި ، ވިސްނުމުގައި ހުރި ހުރިހާ ދާއިރާއަކަށް ބޭނުންވާ އަސާސީ ކަންކަން ތަރުތީބު ކުރެވި ނަތިއްޖާ ފެންނަމުންދާ ކަން“ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު އެންމެ ފުރަތަމަ ރައްޔިތުންނާއި މުޙާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ އިޤްތިސާދީ ޙާލަތު ބަޔާންކޮށްފައިވާ ކަމަށެވެ. އޭރު ރާއްޖޭގެ މާލީ ހާލަތު އޮތީ ވަރަށް ނިކަމެތިކޮށް ކަމަށާއި އަދި އެ ޙާލަތުން އަރައިގަތުމަށް ސަރުކާރުން މަސައްކަތް ކުރައްވާމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވެރިކަމާއި ހަވާލުވިއިރު، ރާއްޖޭގެ އިޤްތިސާދީ ހާލަތު ދައްވެފައިވީ ނަމަވެސް އެހާލަތުން އަރައިގަތުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށާއި އަދި ބިންގާ އެޅެމުން ދަނީ ރަނގަޅަށް ކަމަށް ރައީސް ވަނީ ފާހަގަކުރައްވައިފައެވެ. ވެރިކަމަށް އައިރު ގިނަ ވައުދުތަކެއް ވެފައިވާއިރު، އޭނގެ ތެރެއިން ފުރަތަމަ ހަތަރު ހަފްތާ ތެރޭގައި ފައިސާ ޗާޕު ކުރުން ހުއްޓާލުން ހިމެނިފައި ވެއެވެ. އަދި ރާއްޖޭގައި ޑޮލަރު އިތުރު ކުރުމަށްޓަކައި ގާނޫނީ ބަދަލު ތަކާއި ނިޒާމީ ބަދަލުތައް ކުރުމުގެ މަސައްކަތްވެސް ވަނީ ފެށިފައެވެ.

