ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭރީގެ މަރުގެ މައްސަލަ: ލަމްހާއަށް ޝަރުތުތަކެއްކޮށް އަނެއްކާވެސް ބަންދުން ދޫކޮށްލައިފި

މޭރީގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ލަމްހާއާއި، މޭރީގެ ފިރިމީހާ މާވިން އެސްވައި/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސް ނަރުހުގެ މަރުގެ މައްސަލައިގައި ތުހުމަތުގައި ހައްޔަރުކޮށް، ދައުވާ އުފުލާފައި ވާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ ޝަރުތުތަކެއްގެ ދަށުން ބަންދުން ދޫކޮށްލުމަށް އަނެއްކާވެސް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސް ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި، ހަލީމަތާއި އެކު ދެން ހައްޔަރުކޮށްފައި ވަނީ މޭރީގެ ފިރިމީހާ މާވިން އެސްވައި އެވެ. 2021، އޮކްޓޯބަރު ގައި، މޭރީގެ މަރުވެފައިވާ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ، މާވިން އެވެ. އޭނާއަކީ ވެސް ލަމްހާއައި، މޭރީއާއި އެކު އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހެކެވެ.

މި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދަނީ ވަކީވަކީންނެވެ. އެގޮތުން ލަމްހާގެ ޝަރީއަތުގައި ދައުލަތުން ބުނީ އިންސާނެއްގެ ހަށިގަނޑަކަށް އިންޖެކްޓުކޮށް އެ މީހެއްގެ ފުރާނައަށް ނުރައްކާ ކުރާނެ ގޮތްތައް ބަލައި، އޭނާ އެކަން ކުރާނެ ގޮތް މާވިންއަށް ކިޔައިދިނީ ލަމްހާ ކަމަށެވެ.

މައްސަލައިގައި ޝަރުތުތަކަކާއި އެކު ލަމްހާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުނުއިރު، މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވެސް ޝަރުތުތަކެއްކޮށް އޭނާ ބަންދުން ދޫކޮށްލުމުން ދައުލަތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމުން އެ ނިންމުން ބާތިލު ކުރި އެވެ.

މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ތުހުމަތު ކުރެވި، އޭނާ ހައްޔަރުކޮށް ހުރީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ. މި މައްސަލައިގައި ލަމްހާގެ މައްޗަށް ދައުވާ އުފުލީ 2021، އޮކްޓޯބަރު މަހުގެ ތެރޭގައި ޝަރީއަތް ފެށުމަށް ފަހު ލަމްހާގެ އެންމެ ބޮޑު ޝަކުވާއަކީ އަޑުއެހުންތައް ރަނގަޅު ސްޕީޑެއްގައި ކުރިޔަށް ނުދިއުމެވެ.

ލަމްހާ ބަންދުން ދޫކޮށްދޭން އެދި ދިފާއީ ވަކީލު ވިދާޅުވީ، މި މައްސަލައިގައި މިހާރުވެސް ގިނަ އަދަދެއްގެ ހެކިންގެ ހެކިބަސް ނެގިފައިވާ ކަމަށާއި، ހެއްކަށް ނުފޫޫޒު ފޯރުވުމުގެ އިހްތިމާލު ނުހަނު ބަލިކަށި ކަމަށެވެ. އަދި ލަމްހާ މީގެ ކުރިން ބަންދުން ދޫކޮށްލި މުއްދަތުގައިވެސް އޭނާގެ ފަރާތުން މުޖުުތަމައުގެ ސަލާމަތަށް ނުރައްކާވާ ފަދަ ކަމެއް ހިނގާފައިނުވާކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ.

ޝަރީއަތް ނުނިމި ދިގުލައިގެން ދާތީ ބަންދުން ދޫކޮށްދިނުމަށް އެދި ލަމްހާގެ ފަރާތުން ހުށަހަޅާފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ. އަދި މިއަދު ލަމްހާ ބަންދުން ދޫކުރުމަށް ކުރި ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ވަކި ވަގުތުތަކެއްގައި ބޭރަށް ނިދިއުމާއި، ކޯޓުން އަންގާ ގަޑިތަކަށް، ކޓަށް ހާޒިރުވުން އަދި ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުދިއުމާއި މާލެއިން ބޭރަށް ފުރައިގެން ނުދިއުން އަދި މައްސަލައިގައި ހެކި ބަސް ދީފައިވާ އެއްވެސް މީހަކާއި ބައްދަލު ނުކުރުމާއި މޭރީގެ އާއިލާގެ އެއްވެސް މީހަކާ ވެސް ބައްދަލު ނުކުރުމެވެ.

މި މައްސަލަ ކްރިމިނަލް ކޯޓުގައި ބައްދަލަވަނީ، ގާޒީ ހުސެއިން ފާއިޒް ރަޝާދެވެ.

ލަމްހާ އާއި މާވިންގެ ގުޅުމުގެ ވާހަކަތައް މީޑިއާތަކުން ފެންމަތި ކުރުމުން އޭނާ ވަނީ އެހެން މީޑިއާއެއްގެ ނޫސްވެރިއަކާއި ބައްދަލުކޮށް އެ ވާހަކަތައް ދޮގުކޮށްފަ އެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ލަމްހާ އާއި މާވިން ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު، މާވިންއަށް ފަސޭހައިން މޭރީ ވަރި ކުރެވެން ނެތީ އެ މީހުން ނިސްބަތްވާ ފިލިޕީންސްގައި ގާނޫނުން އެކަމަށް ތަން ނުދޭތީ އެވެ.

ފުލުހުން ބުނީ މޭރީ މަރާލާފައި ވަނީ މާވިން އާއި ލަމްހާ އެކަމަށް ދުރާލާ ރާވައިގެން މ. އުދުހޭކޮކާ ގޭގެ ފުރަތަމަ ފަންގިފިލާގައިކަމަށެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުން މޭރީ މަރާލާފައި ވަނީ އޭނާގެ ނޭވާ ހާސްކޮށްލައިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: