ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން ޑޮމެސްޓިކް މާކެޓުން 8.8 ބިލިއަން ރުފިޔާ ލޯނު ނަގާފައިވާކަން އެނގެން އެބައޮތް: ޞާލިޙް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞޯލިޙް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ލޯނު ނުނަގާކަމަށް ބުނިނަމަވެސް އެމްއެމްއޭއިން ލިބެންހުރި މައުލޫމާތުތަކުގެ ތެރޭގައި ޑޮމެސްޓިކް މާކެޓުން 8.8 ބިލިއަން ރުފިޔާ ނަގާފައިވާ ކަން ސާފުކޮށް ފެންނާން އޮތްކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޖަލްސާގައި ކުރީގެ ރައީސް ޞާލިޙް ވިދާޅުވީ މިހނގާ 2024 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 49.8 ބިލިއަންގެ ބަޖެޓެއް ކަމަށާއި އެއީ އޭރު އިންތިހާބުވެފައިވާ އިސްވެރިންނާއި އެކުގައި އެއްތަނެއްގައި ތިބެގެން މަޝްވަރާކުރައްވައިގެން ފާސްކުރި ބަޖެޓެއް ކަމަށެވެ. 12 މަހަށް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިޅީހުން ފާސްކުރި ބަޖެޓު 8 މަހުން ހުސްކޮށްފައިވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

”އަނެއްކާވެސް މަޖިލީހަށް ގޮއްސަ މި ބުނީ 5 ބިލިއަން ދޭށޭ. ރައްޔިތުންގެ މަޖިލީހުން ބުނީ ކޮބައިހޭ ހަރަދުކުރި ގޮތަކީ. ތަފްސީލް ދޭށޭ. އެ ބޭފުޅުން މިހާރުވެސް އެވިދާޅުވަނީ އޭގެ ތެރެއިން 30 ބިލިއަން ރުފިޔާ ހަރަދުކުރި ގޮތުގެ ތަފްސީލެއް ނެތޭ. ކޮން ކަމެއްތޯ ކުރީ. މިތާ ތިއްބަވާނެ އެކި ރަށްރަށުގެ ބޭފުޅުން. ވިދާޅުވެ ދެއްވާ. ތީން ރަށެއްގައި މަަސައްކަތެއް ހިނގާތޯ؟ އައު މަޝްރޫއުއެއް ފަށާއިފިތޯ؟ އަޅުގަނޑުވެސް ހިތަށްއަރާ ކީއްބާއޭ މި 49 ބިލިއަން ރުފިޔާގެ ކޮށްގެން މިއުޅެނީ.“

މިސަރުކާރުން އައްޑޫގައި ބްރިޖެއް އަޅާނެ ކަމަށް ބުނި ކަމަށާއި އަފި ފުވައްމުލަކު ސިޓީގެ މަގުތައް ރަނގަޅުކޮށް، އެއާޕޯޓް ބޮޑުކޮށް ބަނދަރު ބޮޑު ކުރާނެ ވާހަކަ ވިދާޅުވި ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. ކޮމަންޑޫ އެއާޕޯޓާއި އަދި ދިއްދޫގައި އެއާޕޯޓެއް ގާއިމްކުރާނެ ކަމަށް ވިދާޅުވީ ނަމަވެސް އޭގެން އެއްވެސް މަސައްކަތެއް ފެންނާން ނެތް ކަމަށާއި އަދި 49 ބިލިއަނަށް ވީ ގޮތެއްވެސް އެންގިވަޑައިނުގަންނަވާ ކަމަށް ރައިސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ ބަޖެޓު ހުސްވިއިރު ދައްކަން ޖެހިފައިވާ އެއްވެސް ލޯނެއް ދައްކާފައި ނުވާ ކަމަށާއި، އިންޑިއާއަށް ދައްކަންޖެހޭ ލޯނު އެމީހުން ފަސްކޮށްދީފައިވާ ކަމަށާއި އަދި ޗައިނާއަށް ދައްކަން އޮތް ލޯނުވެސް އެގައުމުން ފަސްކޮށްދީފައިވާ ކަމަށެވެ.

ރައީސް ޞޯލިޙް ވިދާޅުވީ މި ސަރުކާރުން ހަދަނީ ދޮގު ކަމަށާއި އަދި ސަރުކާރު ނިންމާލަނީ އެއްވެސް ދަރަންޏެއް ނުނަގާކަމަށް ވިދާޅުވެ ވެސް އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ. އެހެންނަމަވެސް 55 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުސްކުރާއިރުގައި އާމްދަނީ ގޮތުގައި ލިބެނީ 35 ބިލިއަން ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެހެން ހަރަދުތައް ހަމަޖެއްސީ ކިހިނެތްތޯ ޞޯލިޙް ވަނީ ސުވާލު އުފައްދަވާފައެވެ.

ރައީސް ޞޯލިޙް ވިދާޅުވީ އެމްއެމްއޭއިން ލިބެންހުރި މައުލޫމާތުތަކުގެ ތެރޭގައި ޑޮމެސްޓިކް މާކެޓުން 8.8 ބިލިއަން ރުފިޔާ ނަގާފައިވާ ކަން ސާފުކޮށް ފެންނާން އޮތްކަމަށާއި އަދި އެއީ ދަރަޏެއް ކަމަށެވެ. ބޭރުން ނަގާފައިހުރި ލޯނުތަކުގެ މައުލޫމާތު ސަރުކާރުން ހާމަނުކުރާ ކަމަށް ޞޯލިޙް ވިދާޅުވިއެވެ.

މިއަހަރު ނިމޭއިރުގައި ދައުލަތުގެ ބަޖެޓުގެ ދަރަނީގެ އަދަދު 22 ބިލިއަނަށް އަރާނެ ކަމަށާއި އެއީ ރެކޯޑް އަދަދެއް ކަމަށާއި އަދި 2025 ވަނަ އަހަރު ނިމޭއިރުގައި މި އަދަދު 40 ބިލިއަނަށް އަރާނެ ކަމަށް ޞޯލިޙް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: