ތައުލީމާއި މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމުގެ ދާއިރާއިން ނިމިދިޔަ އެއް އަހަރަކީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހާސިލުކުރެވުނު އަހަރެކެވެ. މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލް ޑިވެލޮޕްމަންޓްގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ:
• ދިވެހިރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގެ ސިޔާސަތުތައް އެކަށައެޅުން
• މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގެ ނިޒާމުގެ ފެންވަރު ހިފެހެއްޓުން
• މަސައްކަތްކުރުމާއި މަސައްކަތްކުރުވުމުގެ ޤައުމީ ސިޔާސަތު އެކަށައަޅައި ތަންފީޒުކުރުން
މީގެ އިތުރުން، މިނިސްޓްރީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ އެހެނިހެން މުހިންމު މަސައްކަތްތަކުގެ ތެރޭގައި:
• ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ޤާނޫނު ތަންފީޒުކުރުމަށް ބޭނުންވާ ގަވާއިދުތައް އެކުލަވާލައި ހިންގުން
• ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ ބޭނުންވާ ފަރާތްތައް ގުޅުވައިދިނުން
• ކެރިއަރ ގައިޑެންސް ފޯރުކޮށްދިނުން
• ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް މަސައްކަތްކުރުން
• ވަޒީފާ އަދާކުރާ ދިވެހިންގެ އުފެއްދުންތެރިކަން އިތުރުކުރުމަށް މަގުފަހިކުރުން
• ރާއްޖޭގެ މަސައްކަތާއި ވަޒީފާގެ މާޙައުލު ޞިއްޙީގޮތުން ރައްކާތެރި ތަނަކަށް ހެދުމަށް ބޭނުންވާ ޤާނޫނުތަކާއި ގަވާއިދުތަކުގެ ކޮންސެޕްޓް ކަރުދާސްތައް ތައްޔާރުކުރުން
• ރާއްޖެއިން ބޭރުގެ ވަޒީފާތަކަށް ދިވެހިން ފޮނުވުމާބެހޭ ސިޔާސަތު އެކަށައަޅައި ތަންފީޒުކުރުން
މިނިސްޓްރީގެ ދަށުން ހިންގަމުންދާ މުހިންމު އިދާރާތަކުގެ ތެރޭގައި އެމްކިއުއޭ، އެމް.އެން.އެސް.ޑީ.އޭ، ޕޮލިޓެކްނިކް އަދި ކެރިއަރ ހިމެނެއެވެ.

ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ޤާބިލު ދިވެހިން ބިނާކޮށް ވަޒީފާއަށް ނެރުމަށްޓަކައި މަތީ ތައުލީމާއި ތަމްރީނަށް މާލީ އެހީ ދިނުމަކީ ސަރުކާރުގެ އިސް ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން މިނިސްޓްރީން އަންނަނިވި ޕްރޮގްރާމްތައް ހިންގަމުން ގެންދެއެވެ:
• ލޯނު ދިނުމުގެ ސްކީމް
• ސްކޮލަރޝިޕް ސްކީމް
• ފުރަތަމަ ޑިގްރީ ސްކީމް
• ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތައް
މީގެ އިތުރުން، މަތީ ތައުލީމުގެ އިތުރު ފުރުސަތުތައް ދިވެހިންނަށް ފަހިކޮށްދިނުމަށްޓަކައި ބޭރު ޤައުމުތަކުގެ ހައިކޮމިޝަންތަކާއި، އެމްބަސީތަކާއި، ޔުނިވަރސިޓީތަކާއި އަދި މަތީ ތައުލީމު ފޯރުކޮށްދޭ އެހެނިހެން އިދާރާތަކާއެކު މަޝްވަރާކޮށް، އެމް.އޯ.ޔޫތަކުގެ ދަށުން ގިނަ އަދަދެއްގެ ފުރުސަތުތައް ވަނީ ހޯދިފައެވެ. މީގެ ތެރޭގައި:
• ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތައް
• ސްކޮލަރޝިޕް ފުރުސަތުތައް
• ކޯހުގެ ޓިއުޝަން ފީއިން ޑިސްކައުންޓް ލިބޭ ފުރުސަތުތައް
ދިރާސާކުރުމާއި ފިކުރީ މުދާ އުފެއްދުމުގެ ފުރުސަތުތައް ފުޅާކުރުމަށްޓަކައި މިނިސްޓްރީން ޤައުމީ ދިރާސާ ފަންޑެއް ވަނީ ޤާއިމުކޮށްފައެވެ. މިހާރު ދަނީ ރިސާޗް ކައުންސިލަށް މެންބަރުން ޢައްޔަންކުރުމާއި އިދާރީ މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ.
ވަޒީފާ ބޭނުންވާ ކޮންމެ ފަރާތަކަށް، ތަޢުލީމާއި ތަޖުރިބާ އަދި ހުނަރާ އެކަށޭނަ ރަނގަޅު ވަޒީފާތައް ފޯރުކޮށްދިނުމަށް މިނިސްޓްރީން ދަނީ މަސައްކަތްކުރަމުންނެވެ. މި މަސައްކަތުގެ މައިގަނޑު އަމާޒަކީ 5 އަހަރުގެ ތެރޭގަހަރުގެ ތެރޭގައި ރާއްޖެއިން އިންވޮލަންޓަރީ އަންއެމްޕްލޯއިމަންޓް އެއްކޮށް ނައްތާލުމެވެ. މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި އަންނަނިވި ފިޔަވަޅުތައް ވަނީ އެޅިފައެވެ:
• ބައެއް ދާއިރާތަކަކީ ދިވެހިންނަށް ޚާއްޞަ ދާއިރާތަކެއްގެ ގޮތުގައި ކަނޑައެޅުން
• އެ ދާއިރާތަކަށް ބިދޭސީންނަށް ވާރކް ވިސާ އަދި ކޯޓާ ދޫނުކުރާގޮތަށް ހަމަޖެއްސުން
• ”އެންމެންނަށް ވަޒީފާ“ ގެ ސިޔާސަތު އެކުލަވާލައި ތަންފީޒުކުރުމުގެ މަސައްކަތް ފެށުން
މި މަސައްކަތްތަކުގެ ސަބަބުން، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ވަޒީފާގެ ދާއިރާގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ލިބޭނެކަމަށް އުންމީދުކުރެވެއެވެ. މިނިސްޓްރީގެ މަސައްކަތްތަކުން ދިވެހި ޒުވާނުންނަށް ފުރިހަމަ ތަޢުލީމާއި ހުނަރު ލިބި، އެކަށީގެންވާ ވަޒީފާތަކަށް މަގުފަހިވެގެންދާނެއެވެ. މިއީ ޤައުމުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ކޮންމެހެން ބޭނުންވާ ކަމެކެވެ.

ނޭޝަނަލް ޖޮބް ސެންޓަރު ނޭޝަނަލް ކެރިއަރ ސަރވިސްގެ ގޮތުގައި އަލުން އެކުލަވާލައި، ”އެންމެނަށް ވަޒީފާ“ ސިޔާސަތުގެ ދަށުން، ވަޒީފާ ނެތް ފަރާތްތަކަށް މި ފަސް އަހަރުގެ ތެރޭގައި ފަސޭހަކަމާއެކު ވަޒީފާ ހޯދުމުގެ މަގު ތަނަވަސްކޮށްދިނުމަށް ކަނޑައެޅިފައިވާ އަމާޒުތައް ޙާޞިލުކުރުމުގެ މަސައްކަތް ކުރިއަށްދެއެވެ. މި ގޮތުން، ވަޒީފާގެ ދާއިރާއަެ ދާއިރާއަށް އަލަށް ނުކުންނަ ފަރާތްތަކަށް ކެރިއަރ މަގުދެއްކުމުގެ ޕްރޮގްރާމްތައް ހިންގުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށް، ޕްލޭންތައް އެކުލަވާލެވިފައިވެއެވެ. އަދި ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު ކުރިއަށްދާ ސެއިލްސް ޕްރޮގްރާމުގެ ދަށުން ކޭސް ވާރކަރުން ޢައްޔަނުކޮށް، ކޭސް މެނޭޖްމަންޓް ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކޮށްދީ، އެ ތަންތަނުގެ ދަފްތަރު އެކުލަވާލައި، މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކޮށް، މިނިސްޓްރީން ދަނީ ބަލަހައްޓަމުންނެވެ. މި ވަގުތު ދަފްތަރުގައި 2 ޔުނިވަރސިޓީއާއި، 10 އަމިއްލަ ކޮލެޖާއި، ދައުލަތުގެ 2 ކޮލެޖާއި، 84 އަމިއްލަ އިންސްޓިޓިއުޓާއި، އަދި ދައުލަތުގެ 27 އިންސްޓިޓިއުޓް ހިމެނެއެވެ.
ޚިދުމަތުން މުސްކުޅިކުރެވޭ މުވައްޒަފުން ވޭޖް އެމްޕްލޯއިމަންޓްގެ އުސޫލުން ވަޒީފާތަކަށް ނެރެ، މީހުން ލިބުން ދަތި ދާއިރާތަކުގެ މަޤާމުތަކަށް މުވައްޒަފުން ހޯދުމަށްޓަކައި ކަމާބެހޭ އުސޫލެއްގެ ދަށުން އެ ފަރާތްތައް ވަޒީފާއަށް ނުކުތުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް މިނިސްޓްރީން ދަނީ ރާވައި ހިންގަމުންނެވެ.
ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްގެ އުސޫލުން މަތީ ތަޢުލީމާއި ތަމްރީނުދޭ އިންސްޓިޓިއުޓްތަކުގެ ދާއިރާގައި ހިމެނޭ، މި އަހަރު އަލަށް ތަޢާރަފުކުރެވުނު އިންޑަސްޓްރިއަލް ރިލޭޝަންސްގެ ޤާނޫނާއި މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނު ތަންފީޛުކުރުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އާލާވެފައިވާ މަސައްކަތްތެރިކަމާއި ޚާއްޞަ ފަންނުތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރުމަށް މޯލްޑިވްސް ޕޮލިޓެކްނިކުން ދަނީ މަސައްކަތް ކުރަމުންނެވެ. އަޑުއިވުމުން މަޙްރޫމްވެފައިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ކޭކް ޑެކަރޭޝަން އެންޑް ބޭކިންގގެ މަސައްކަތް ދަސްކޮށްދޭ ޕްރޮގްރާމެއް ފެށުމަށްވެސް ޕޮލިޓެކްނިކުން ދަނީ ތައްޔާރުވަމުންނެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީންވެސް ރާއްޖޭގެ މަތީ ތަޢުލީމުގެ ނިޒާމު ކުރިއަރުވައި، ދަރިވަރުންނަށް މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތުތައް ފަހިކޮށްދެމުންދާއިރު، މިނިސްޓްރީން ދަނީ ދެ ޔުނިވަރސިޓީއާ ވަރަށް ގާތުން މަސައްކަތްތަކެއް ކުރަމުންނެވެ.
މުޅި ތަޢުލީމީ ނިޒާމަށް ބަލާއިރު، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އޭގެތެރޭގައި މުދައްރިސުން ބާރުވެރިކުރުވުމާއި ދަރިވަރުންގެ ތަޢުލީމީ ފެންވަރު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތައް ހިމެނެއެވެ. މީގެއިތުރުން، ދުނިޔެއަށް ޓެކްނޮލޮޖީގެ ގޮތުން އަންނަ ކުރިއެރުންތަކާއެކު މަސައްކަތްކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއާ ގުޅިގެން ޕައިލެޓް ޕްރޮގްރާމްތަކެއް ވަނީ ހިންގާފައެވެ.

ތަޢުލީމީ ނިޒާމު ފުޅާކޮށް، ކުރިއަށްވުރެ ހަރުދަނާކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެއް ސިޔާސަތު ކަމަށްވާއިރު، އެ ދާއިރާގެ ތެރެއިން ދަރިވަރުން ބިނާކޮށް، މުދައްރިސުންގެ ޤާބިލުކަން އިތުރުކުރުމަށްޓަކައިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ނިމިދިޔަ ސަރުކާރުގެ އެއް އަހަރުގެ ތެރޭގައި ފެނިގެން ގޮސްފައިވެއެވެ.

