އިމާރާތްކުރުމުގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ޚާއްޞަ މިނިސްޓްރީއެއް އުފައްދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިޢުލާނުކުރެއްވީ ރިޔާސީ އިންތިޚާބުގެ ކާމިޔާބަށްފަހުގައެވެ.
ހަތް އަހަރު ހައުސިންގ މިނިސްޓަރުކަން ކުރައްވާފައިވާ ރައީސް މުޢިއްޒު ވިދާޅުވީ، އެހެނިހެން ދާއިރާތަކަށް ޚާއްޞަކޮށްފައިވާ މިނިސްޓްރީތަކާއި، އިމާރާތްކުރުމުގެ މަސައްކަތާ ގުޅުންހުރި މިނިސްޓްރީއެއް އޮތްނަމަވެސް، މި ފުޅާ ދާއިރާއަށް އެކަށީގެންވާ ސަމާލުކަމެއް ނުދެވޭކަމަށެވެ.
އެހެންކަމުން، މުޅި ދާއިރާގެ އެތެރޭގައި ހުރި މައްސަލަތައް ދެނެގަތުމަށާއި ޙައްލުކުރުމަށް އޮތް މަގަކީ، ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، އިމާރާތްކުރުމުގެ ދާއިރާއަށް ޚާއްޞަކޮށް މިނިސްޓްރީއެއް އުފެއްދުމެވެ.
މީގެ ކުރިން ޕްލޭނިންގ މިނިސްޓްރީގެ ދަށުން ހިންގަމުން އައީ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވެލޮޕްމަންޓް ޑިޕާޓްމަންޓެވެ.
ރާއްޖޭގައި އިމާރާތްކުރުމުގެ ދާއިރާއަށް ޚާއްޞަ މިނިސްޓްރީއެއް އެންމެ ފަހުން އޮތީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައެވެ. ނަމަވެސް، އޭގެ ފަހުން މިވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި މި ދާއިރާއަށް ޚާއްޞަ މިނިސްޓްރީއެއް ނެތެވެ. އޭރު އެ މިނިސްޓްރީގެ ނަމަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗަރ އެވެ. މި ސަރުކާރުގައި މި ވުޒާރާގެ މެންޑޭޓު ފުޅާވެ، އިތުރަށް ސާފުވެގެން ދިޔައެވެ.

މިނިސްޓްރީގެ ބައެއް މަސައްކަތްތައް:
އިމާރާތްކުރުމުގެ ސިނާޢަތު ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި އެކުލަވާލަންޖެހޭ ގަވާއިދުތަކާއި، ކޯޑުތަކާއި އަދި ސްޓޭންޑަޑްތައް އެކުލަވާލައި، މުރާޖަޢާކޮށް އިޞްލާޙު ގެނައުމުގެ މަސައްކަތްތަކުގެ ތެރެއިން 17 ނޮވެމްބަރު 2023 އިން 10 ޖުލައި 2024 ގެ މުއްދަތުގެ ތެރޭގައި 3 ގަވާއިދަކާއި 1 ސްޓޭންޑަޑެއް ވަނީ ޢާންމުކޮށްފައެވެ. މި މުއްދަތުގައި ކުރެވުނު އެންމެ މުހިންމު މަސައްކަތުގެ ތެރޭގައި ހިމެނެނީ ޢިމާރާތްކުރުމުގެ ފަންނީ އަދި ޓެކްނިކަލް ދާއިރާތަކުގެ ޢިލްމީ ޕްރޮގްރާމްތަކުގެ ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ސިވިލް އިންޖިނިއަރިންގ އެކަޑަމިކް ސްޓޭންޑަޑް ޢާންމުކުރުމެވެ.
އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީކުރުމުގެ ގަވާއިދު މުޅިން އިޞްލާޙުކޮށް މިދިޔަ ޖޫން މަހުގައި ގެޒެޓުކޮށް ޢަމަލުކުރަން ވަނީ ފަށާފައެވެ. ހުއްދަ ދޫކުރާ އިދާރާތައް ގިންތިކުރާ ގޮތަށް ބަދަލުގެނެސް، އެފަރާތްތަކުގައި ޓެކްނިކަލް މުވައްޒަފުން ތިބެންޖެހޭ މުއްދަތުތައް ކަނޑައަޅައި، އަތޮޅު ކައުންސިލުގެ ދައުރު އިތުރުކުރުމަކީ މި ގަވާއިދަށް ގެނެސްފައިވާ މައިގަނޑު އިޞްލާޙެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގެ ސިޔާސަތެއް އެކުލަވައިލައި ތަންފީޒުކުރުމާ ގުޅޭ ގޮތުން ކެބިނެޓުން ޑިސެންބަރު 2023 ގައި ނިންމެވި ނިންމެވުމުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހިވާނެ ގޮތަށް ޕްލޭނިންގ އަދި ކޮންސްޓްރަކްޝަނާ ގުޅޭ ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ނިންމުނެވެ.
މިގޮތުން، ޢިމާރާތް ކުރުމާއިބެހޭ އިދާރީ ގަވާއިދަށް ގެންނަންޖެހޭ އިޞްލާޙާއި އެކްސެސިބިލިޓީ ގައިޑްލައިން ފޮރ އޮފީސް ބިލްޑިންގްސް އެންޑް ޕަބްލިކް ސަރވިސްގެ ދެލިކޮޕީ އެކުލަވާލައި، ސްޓޭކްހޯލްޑަރ ކޮންސަލްޓޭޝަންތަކުން ބައެއް ފުރިހަމަކޮށްފައިވެއެވެ.
މީގެ އިތުރުން، ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު މުޅިން އިޞްލާޙުކުރުމުގެ މަސައްކަތް ފަށައި، ސްޓޭކްހޯލްޑަރ ކޮންސަލްޓޭޝަންގެ މަސައްކަތް ފެށުނެވެ.
އިތުރު މުހިންމު މަޝްރޫޢުތައް:
1. އައްޑޫ ސިޓީގެ ހުރިހާ އަވަށްތަކާއި ރަށްތައް ކޯޒްވޭއާއި ބްރިޖުން ގުޅާލުން.
2. ބޮޑެތި ޖަލްސާތަކާއި، އެގްޒިބިޝަންތަކާއި، ކޮންސަރޓުތައް ބޭއްވޭނެ ތަނަވަސްކަމާއި ފެންވަރުހުރި ބައިނަލްއަޤްވާމީ ކޮންވެންޝަން ސެންޓަރެއް ރާއްޖޭގައި ޤާއިމުކުރުން.
3. ރާއްޖޭގެ ހުރިހާ ރަށެއްގައި ނަރުދަމާއާއި ފެނުގެ ނިޒާމު ޤާއިމުކޮށް ނިންމުން.
4. ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓެއް އަދި ސިނާޢީ ސަރަޙައްދަކުންވިޔަސް އެންމެ ގިނަވެގެން 30 މިނެޓުގެ ތެރޭގައި ވާސިލުވެވޭނެ ދުރުމިނެއްގައި ޑޮމެސްޓިކް އެއަރޕޯޓެއް ޤާއިމުކޮށް، ޤައުމީ ޑޮމެސްޓިކް އެއަރޕޯޓް ވިއުގަ ފުޅާކުރުން.
މިނިސްޓަރ މުއްޠަލިބް ކޮންސްޓްރަކްޝަން ދާއިރާއާ ގުޅުންހުރި އެސޯސިއޭޝަންތަކާއި މޯލްޑިވްސް ބިލްޑިންގ އެންޑް ކޮންސްޓްރަކްޝަން ބޯޑުގެ މެންބަރުންނާ ބައްދަލުކުރައްވައި، ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށް ގެންދެވިއެވެ.
ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވެލޮޕްމަންޓް ޑިޕާޓްމަންޓާއި އެސެޓްސް އެންޑް ފެސިލިޓީސްގެ އައު އޮނިގަނޑު އެކުލަވާލައި ހުށަހެޅިފައިވެއެވެ.
މޯލްޑިވްސް ބިލްޑިންގ އެންޑް ކޮންސްޓްރަކްޝަން ބޯޑުގެ މެންބަރުން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އިސްވެރިންނާއި ސިއްޙަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ބައްދަލުވުންތަކެއް ބޭއްވިއެވެ. މި ބައްދަލުވުންތަކުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އެދިވަޑައިގެންނެވި ގޮތުގެމަތިން، ސިއްޙަތާއި ރައްކާތެރިކަމާ ގުޅޭ ދެ ހޭލުންތެރިކުރުމުގެ ސެޝަން ކުރިއަށް ގެންދެވުނެވެ.
ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުން ބަލަހައްޓަމުންދާ ކޮމިޓީތަކަށާއި (އިސްތިއުނާފު ކޮމިޓީ، މައްސަލަ ބަލާ ކޮމިޓީ، ގަވާއިދު ކޮމިޓީ، އެކަޑެމިކް ކޮމިޓީ، ކޮންސްޓްރަކްޝަން ކޮމިޓީ) މޯލްޑިވްސް ބިލްޑިންގ އެންޑް ކޮންސްޓްރަކްޝަން ބޯޑަށް އައު މެންބަރުން ޢައްޔަނުކޮށް އެކުލަވާލެވިފައިވެއެވެ.
މިނިސްޓްރީގެ ދަށުން ކުރިއަށްދާ މުހިންމު މަޝްރޫޢުތައް:
އެންމެ ފަހުން ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވަނީ ތިލަފުށި ބްރިޖު މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތާއި މަޝްރޫޢުގެ މަސައްކަތް ނިމޭނެ ތާރީޚު މީޑިއާތަކާ ހިއްސާކުރައްވާފައެވެ. މިގޮތުން، މަސައްކަތް ކުރިއަށްދާ ގޮތާއި ނިމިފައިވާ މަރުޙަލާތައް ބެއްލެވުމަށް މިއަދު މިނިސްޓަރާއި، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއެކު، ހައިކޮމިޝަންގެ އިސްވެރިންނާއި، މިނިސްޓްރީގެ އިސްވެރިންނާއި ޓެކްނިކަލް ޓީމު ބައިވެރިވެވަޑައިގެންނެވިއެވެ. މި ޒިޔާރަތުގައި މަޝްރޫޢުގެ މަސައްކަތްތަކާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ދެއްވީ ޕްރޮޖެކްޓުގެ ކޮންސަލްޓަންޓާއި ކޮންޓްރެކްޓަރ އެފްކޮންސްގެ ބޭފުޅުންނެވެ.

އައްޑޫ ސިޓީގެ ތަރައްޤީއަށް ކުރެވުނު މުހިންމު މަސައްކަތްތައް
އައްޑޫ ސިޓީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، ހިއްކާފައިވާ ސަރަޙައްދުތަކުގެ ގޮނޑުދޮށް ރައްކާތެރިކުރުމަށްޓަކައި ހިތަދޫ، މަރަދޫ، މަރަދޫ-ފޭދޫ އަދި ”4 ލޭން ޑީޓުއަރ ލިންކް ރޯޑު“ ހިމެނޭ ސަރަޙައްދުގައި ޖުމްލަ 7 ކިލޯމީޓަރުގެ ބޮޑު ހިލަ ވަނީ ޖައްސާފައެވެ. މީގެ އިތުރުން، ފަތުރުވެރިކަމަށް ޚާއްޞަކޮށް ހިއްކާފައިވާ 3 ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި ޖުމްލަ 4.1 ކިލޯމީޓަރުގެ ޖިއޯޓިއުބް ތޮށިލުމުގެ މަސައްކަތް ވެސް ވަނީ ނިންމާފައެވެ.
މި މަޝްރޫޢުގެ ތެރެއިން ހިތަދޫ ޒޯން 2 ގައި ތަރައްޤީކުރެވިފައިވާ ގޮނޑުދޮށަކީ ދިވެހިރާއްޖޭގައި މިހާތަނަށް ތަރައްޤީކުރެވުނު އެންމެ ދިގު އާޓިފިޝަލް ބީޗެވެ. މި މަސައްކަތްތަކުގެ އިތުރުން، ރަސްމީކޮށް އިފްތިތާޙުކުރެވުނު ”4 ލޭން ޑީޓުއަރ ލިންކް ރޯޑު“ އަކީ އައްޑޫ ސިޓީގެ ހަންކެޑެ ހިމެނޭ ސަރަޙައްދުގައި މިހާރު ބޭނުންކުރަމުންދާ ލިންކް ރޯޑުގެ ކައިރިން، ހަންކެޑެއަށް ނާރާގޮތަށް ހިތަދޫ ގައުކެޑެއާއި މަރަދޫ ގުޅާލުމަށްޓަކައި ތަރައްޤީކުރެވުނު 1.463 ކިލޯމީޓަރުގެ މަގެކެވެ.
މި މަޝްރޫޢުތަކުގެ ސަބަބުން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމަށް އިތުރު ފުރިހަމަކަމެއް ލިބި، ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރުކުރެވޭނެ މަގު ތަނަވަސްވެގެންދާނެއެވެ.
އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރުގެ ދަތުރުފުޅުގައި އިފްތިތާޙުކުރެވުނު މަޝްރޫޢުތައް
އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރުގެ ދަތުރުފުޅުގައި އިފްތިތާޙުކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ 21 ރަށެއްގެ ފެނުގެ ނިޒާމާއި، 2 ރަށެއްގެ ނަރުދަމާ ނިޒާމް އަދި 5 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތެވެ. މި މަޝްރޫޢުތަކަކީ ދިވެހި ސަރުކާރާއި އެގްޒިމް ބޭންކާ ދެމެދު 18 މާރިޗު 2019 ގައި ސޮއިކުރެވުނު 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީ އެގްރީމަންޓުގެ ދަށުން ޚަރަދުކޮށްގެން ކުރިއަށް ގެންދެވުނު މަޝްރޫޢުތަކެކެވެ.
މި މަޝްރޫޢުތަކުގެ ޖުމްލަ އަގަކީ ގާތްގަނޑަކަށް 110 މިލިއަން އެމެރިކާ ޑޮލަރު (ދިވެހި ރުފިޔާއިން ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާ) އެވެ. މި މަސައްކަތްތައް ޙަވާލުކުރެވިފައިވަނީ އިންޑިއާގެ 4 ކުންފުންޏަކަށެވެ. އެއީ ވިޝްވަރާޖް އެންވަޔަރަންމަންޓް ޕްރައިވެޓް ލިމިޓެޑް، ކަލްޕަޓްރޫ ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކުރީގެ ޖޭ.އެމް.ސީ ޕްރޮޖެކްޓްސް އިންޑިއާ ލިމިޓެޑް)، އެސް.އެމް.ސީ އިންފްރާސްޓްރަކްޗަރސް ޕްރައިވެޓް ލިމިޓެޑް އަދި ޓްރީވެނީ އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑެވެ.
މި މަޝްރޫޢުތަކުގެ ދަށުން ނިންމާފައިވާ ފެނުގެ ނިޒާމުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:
– އާރް.އޯ ޕްލާންޓް ބެހެއްޓުން
– ސްޓޯރޭޖް ޓޭންކް ބެހެއްޓުން
– ރަށުގެ މީހުން އުޅޭ ސަރަޙައްދުގައި ފެނުގެ ނެޓްވަރކް އެޅުން
– ގޭގެއަށް ފެން މީޓަރު ގުޅައިދިނުން
– ބްރައިން އައުޓްފޯލް އެޅުން
– އިދާރީ އޮފީސް ޤާއިމްކުރުން
– އިއާދަކުރަނިވި ހަކަތައިން ކަރަންޓު ފޯރުކޮށްދިނުމަށް އިދާރީ އޮފީހުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރުން
ނަރުދަމާ ނިޒާމުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:
– ރަށުގެ މީހުން ދިރިއުޅޭ ސަރަޙައްދުގައި ނަރުދަމާގެ ނެޓްވަރކް އެޅުން
– ޕަމްޕް ސްޓޭޝަން ޤާއިމްކުރުން
– ހައުސް ކަނެކްޝަން ގުޅައިދިނުން
– ސީ އައުޓްފޯލް އެޅުން
މި މަޝްރޫޢުތަކަކީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކޮށް ނިންމުމަށް ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން އެކުލަވާލެވިފައިވާ މަޝްރޫޢުތަކެކެވެ. މި މަޝްރޫޢުތައް އަމާޒުކޮށްފައިވަނީ ފެނާއި ނަރުދަމާގެ ޚިދުމަތް ލިބިފައިނުވާ ދިވެހިރާއްޖޭގެ އާބާދީގެ ތެރެއިން 32,773 މީހުންނަށެވެ. މިއަދު ރަސްމީކޮށް ޙަވާލުކުރެވުނު 28 ވަސީލަތާއެކު، އަމާޒުކުރެވުނު އާބާދީގެ ތެރެއިން 28,298 މީހުންނަށް މި ޚިދުމަތް މިހާރު ލިބެމުންދާނެއެވެ. މިއީ ދިވެހިރާއްޖޭގެ މުޅި އާބާދީގެ 7 އިންސައްތައެވެ.
މި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ ގިނަ ރަށްތަކެއްގެ ރައްޔިތުންނަށް ރައްކާތެރި ފެނާއި ނަރުދަމާގެ ޚިދުމަތް ލިބި، ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެއެވެ. އަދި މިއީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެވެއެވެ.

