މީޑިއާތަކާއި، ނޫސްވެރިން ކޮންޓްރޯލްކޮށް ފިޔަވަޅު އެޅުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅުއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ މަޖިލީހުގައި މިވަގުތު އޮތް މީޑިއާ ކޮމިޝަނުގެ ބިލާއި މެދު ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދާތީ އެވެ. އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ވަނީ ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު ގަބޫލު ކުރާ ހަމައެއް ނޫންކަމަށެވެ. އަދި މާތް ވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ޚިލާފު ނުވާހާ ހިނދަކު ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދުގައި ކޮންމެ ދިވެއްސަކަށް ވެސް އަމިއްލަ މިނިވަންކަމާއެކު އެމީހަކު ބޭނުންކަމެއްކޮށް އުޅުމުގެ ހައްގު އޮންނާނެކަމަށް ވިދާޅުވި އެވެ.
މީޑިއާތަކުގެ އިތުރުން ވަކިވަކި ނޫސްވެރިން ވެސް ޖުރިމަނާކޮށް ސުވާލު ކުރެވޭ ގޮތަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައި ރޭގެ ވަގުތެއްގައި ވަނީ ޝާއިއުކޮށްފަ އެވެ. ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި އެ ބިލުގައި ވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގެ ނަމުގައި އައު ކޮމިޝަނެއް އުފެއްދުމަށެވެ.
ބިލުގައިވާ ގޮތުގައި ކޮމިޝަން އުފެއްދުމާއި އެކު ވަކި ދެ ގާނޫނަކުން އުފައްދާފައިވާ މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އުވާލައި ދެ ތަނުގެ މުދަލާއި މުވައްޒަފުންނާއި އެކު މަސްއޫލިއްޔަތާއި ޒިންމާތައް ވެސް ބަދަލިވާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ބްރޯޑްކާސްޓު ކުރުމާއި، ފްރިކުއަންސީ ލައިސެންސިން އަދި ނޫސް މަޖައްލާ ރެޖިސްޓްރީކޮށް މީޑިއާތަކުން ގެންނަ ހަބަރާއި މައުލޫމާތު މޮނީޓާކޮށް ނޫސްވެރިކަން ކުރިއަރުވައި ރެގިއުލޭޓު ކުރުމެވެ.
މި ބިލުގައި ހިމަނާފައިވާ ހަރުކަށި ގަވައިދުތަކުގެ އިތުރުން ދެން ހިމެނެނީ ނޫސްވެރިން އަމަލު ކުރަން ޖެހޭ ސުލޫކީ މިންގަނޑު އެކުލަވާލުމެވެ. އެގޮތުން ނޫސްވެރިންނާއި އެޑިޓަރުންގެ ދަފްތަރެއް ބަލެހެއްޓުމުގެ އިތުރުން ނޫސްވެރިއެއްކަން އަންގައިދޭ ފާސް ދޫކުރުމުގެ ޒިންމާ ވަނީ ކޮމިޝަނަށް ވަނީ މަތިކޮށްފަ އެވެ.
ސުލޫކީ މިންގަނޑާއި ތަކުރާރުކޮށް ހިލާފުވެއްޖެ ނަމަ ނޫސްވެރިއަކަށް 5000 ރުފިޔާއާއި 50،000 ރުފިޔާގެ އަދަދަކުން ޖުރިމަނާ ކުރެވޭއިރު، ވަކިވަކި ނޫސްވެރިން 10،000 ރުފިޔާއާއި ހަމައަސް ޖުރިމަނާ ކުރެވޭނެ އެވެ.

