ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ބިލު ފަރުމާކޮށްފައި ވަނީ ނޫސްވެރިންގެ މިނިވަންކަން ހަނިވެގެންދާ ގޮތަށް ކަމަށް އެމްޑީޕީން ބުނެފިއެވެ.
މީޑިއާތަކުގެ އިތުރުން ވަކިވަކި ނޫސްވެރިން ވެސް ޖުރިމަނާކޮށް ސުވާލު ކުރެވޭ ގޮތަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން އަބޫބަކުރެވެ.
މި ބިލުގައި ހިމަނާފައިވާ ހަރުކަށި ގަވައިދުތަކުގެ އިތުރުން ދެން ހިމެނެނީ ނޫސްވެރިން އަމަލު ކުރަން ޖެހޭ ސުލޫކީ މިންގަނޑު އެކުލަވާލުމެވެ. އެގޮތުން ނޫސްވެރިންނާއި އެޑިޓަރުންގެ ދަފްތަރެއް ބަލެހެއްޓުމުގެ އިތުރުން ނޫސްވެރިއެއްކަން އަންގައިދޭ ފާސް ދޫކުރުމުގެ ޒިންމާ ވަނީ ކޮމިޝަނަށް ވަނީ މަތިކޮށްފަ އެވެ.
ސުލޫކީ މިންގަނޑާއި ތަކުރާރުކޮށް ހިލާފުވެއްޖެ ނަމަ ނޫސްވެރިއަކަށް 5000 ރުފިޔާއާއި 50،000 ރުފިޔާގެ އަދަދަކުން ޖުރިމަނާ ކުރެވޭއިރު، ވަކިވަކި ނޫސްވެރިން 10،000 ރުފިޔާއާއި ހަމައަސް ޖުރިމަނާ ކުރެވޭނެ އެވެ.
މައްސަލައިގައި އެމްޑީޕީ އާންމު ކުރި ބަޔާނުގައި ވަނީ، ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ނޫސްވެރިންގެ އަޑު ކަނޑުވާލުމަށް ކަމަށެވެ. ބަޔާނުގައި ވަނީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމުގެ ނިޔަތުގައި ހުށަހަޅާފައިވާ ބިލާއި މެދު މީޑިއާ ތަމްސީލު ކުރާ ފަރާތްތަކުގެ ކަންބޮޑުވުން އެބަހުރިކަމަށެވެ. އެގޮތުން އެ ޕާޓީ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އާއި ވެސް ބައްދަލު ކުރިކަމަށާއި، ނޫސްވެެރިންގެ އެ ޖަމިއްޔާގެ ވެސް އިންތިހާއަށް ބޮޑެތި ކަންބޮޑުވުންތައް ބިލާއި މެދު އެބަހުރިކަމަށް ވަނީ ބުނެފަ އެވެ.
އެމްޑީޕީން ބުނެފައި ވަނީ ނޫސްވެރިންގެ ފަރާތުން ހިއްސާކުރި ކަންކަމުގެ ތެރޭގައި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މީޑިއާތަކުގެ ރެގިއުލޭޓަރީ އިދާރާއެއްގެ ގޮތުގައި މީޑިއާގެ ވޯޓާއެކު އިންތިހާބުވެގެން އެކުލަވައިލައިފައިވާ މިނިވަން މީޑިއާ ކައުންސިލް އުވައިލައި ސަރުކާރުގެ ކޮންޓްރޯލް އޮންނަ ގޮތަށް އެކުލަވައިލާ މީޑިއާ ކޮމިޝަނަކަށް މީޑިއާތައް ރެގިއުލޭޓްކުރުމުގެ ބާރު ދޭ ގޮތަށް އޮތް އޮތުން ކަމަށެވެ. ބިލުގައި އޮތް ގޮތުންނަމަ މި ކޮމިޝަނުގައި ހިމެނޭ 7 މެންބަރުންގެ ތެރެއިން 4 މެމްބަރުންނަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މެންބަރުން ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން ކޮމިޝަންގެ ހިންގުމުގެ އެންމެ އިސް ފަރާތްތައް ކަމުގައިވާ ކޮމިޝަންގެ ރައީސް އަދި ނާއިބު ރައީސަކު ކަނޑައެޅުމުގެ ބާރުވެސް ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
ނޫސްވެރިން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ގުޅޭ ގޮތުން ބިލުގައި ހިމަނައިފައި ހުރި ކަންކަމުގެ ގޮތުގައި، މީހެއްގެ ހުރުމަތާއި، އިއްޒަތާއި ގަދަރަށް އުނިކަން އަންނަ ބަސްތައް ޝާއިޢުނުކުރުމާއި، ވަކި ފަރާތަކަށް ބުރަވުމެއްނެތި ހަބަރު ގެނެސްދޭން ޖެހޭނެ ކަމަށް ބަޔާންކޮށްފައި ހުރި މާއްދާތައް ސިފަކުރެވެނީ، ސަރުކާރުން ކުރާ ނޭދެވޭ ކަންކަމާއި ސަރުކާރަށް ފާޑުކިޔުން އަމާޒުވާ ގޮތަށް ގެނެސްދޭ އެއްވެސް ހަބަރެއް ފެތުރުނަނުދިނުމުގެ މަގްސަދުގައި ހިމަނައިފައިވާ މާއްދާތަކެއްގެ ގޮތުގައި ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
އެމްޑީޕީން ބުނެފައިވަނީ މީޑިއާ ކޮމިޝަނުން ނުރުހޭ ކޮންމެ ހިނދެއްގައި، މީޑިއާތަކާއި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް ބިލުގައި ހިމަނައިފައިވާ މާއްދާތަކަކީ ވެސް، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ކަނޑައެޅިގެން ހުރަސް އަޅައި، ނޫސްތަކާއި މީިޑިއާތައް ބަންދުކޮށް، ޑިމޮކްރަސީގެ ހަތަރުވަނަ ބާރުގެ ގޮތުގައި ނޫސްވެރިންނާއި މީޑިއާތަކުން އަދާކުރަމުންދާ ދައުރު މުޅިން ނައްތައިލުމަށް ޓަކައި ހިމަނައިފައިވާ މާއްދާތަކެއްކަން ފާހަގަކުރާ ކަމަށެވެ.
ރައްޔިތުންނާ ގުޅިފައިވާ ކަންކަމުގެ ހަބަރު، ހާމަކަމާއި ދެފުށްފެންނަ އުސޫލަކުން ރައްޔިތުންނާ ހިސާބަށް ފޯރުކޮށްދިނުމުގައްޔާއި ސަރުކާރާއި ރައްޔިތުންގެ މަންދޫބުން ޖަވާބުދާރީކުރުވުމުގައި ވެސް ނޫސްވެރިންނަކީ މުހިންމު ދައުރެއް އަދާކުރާ ބައެއްކަމަށް އެޕާޓީން ވަނީ ބުނެފައެވެ. ޑިމޮކްރަސީގެ އުސޫލުތައް ނަގަހައްޓައި، ސަރުކާރަކުން މަސައްކަތްކުރަންވާނީ، ވީހާވެސް ފުޅާދާއިރާއެއްގައި ނޫސްވެރިކަމުގެ މަސައްކަތްކުރެވޭނެ ޖާގަ ތަނަވަސްކޮށްދިނުމަށް ކަމަށް ވާއިރު، މި ކަމުގެ، ނޫސްވެރިކަމުގެ ދާއިރާގައި ރާއްޖެ ހާސިލްކޮށްފައިވާ ކުރިއެރުމާއި ކާމިޔާބީތައް އެތަށް ގުނައަކުން ފަހަތަށް ސޮއްސައިިލާނެކަމުގެ ކަންބޮޑުވުންވެސް ނޫސްވެރިންގެ މެދުގައި އޮތްކަން ފާހަގަކުރެވޭކަމަށް އެ ޕާޓިން ވަނީ ބުނެފައެވެ.
އެމްޑީޕީން ބުނެފައިވަނީ ނޫސްވެރިކަމުގެ މިނިވަންކަން އިންތިހާ ދަރަޖައަށް ހަނިވެ، ނޫސްވެރިންގެ މަސައްކަތްތަކުގައި ގިނަ ގުނަ ގޮންޖެހުންތަކާ ކުރިމަލާންޖެހޭނެ ކަމެެއްކަން ނޫސްވެރިންގެ ވާހަކަތަކުން ފާހަގަވެފައިވާކަމަށާއި އެހެންކަމުން މި ބިލު އަނބުރައި ގެންދިއުމަށް ޕާޓީން ސަރުކާރަށް ގޮވައިލާ ކަމަށެވެ.
ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ޓަކައި ޒިންމާދާރު އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން، ކުރަންޖެހޭ އެންމެހައި މަސައްކަތެއް ކުރުމަށް އެ ޕާޓީން ނިންމައިފައިވާކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް ނެގެހެއްޓުމުގައްޔާއި، އަދި ވަކިން ހާއްސަކޮށް، ހިޔާލުފާޅުކުރުމާއި، ދުލާއި ގަލަމުގެ މިނިވަންކަމުގެ ދިފާއުގައި ކުރަންޖެހުނު ކޮންމެ ކަމެއްް ކުރުމުގައި އެމްޑީޕީން ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް ވަނީ ބުނެފައެވެ.

