ކުރީ ސަރުކާރާއި ދެކޮޅަށް މައްސަލައެއް ހޯދުމަށް އޮޑިޓުތަކެއް ކުރި ނަމަވެސް ފެންނާނެ އެއްވެސް ހެއްކެއް ނެތްކަމަށާއި، މަސައްކަތް ކުރީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިންކަމަށް އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
މާލީ ހާލަތާއި މެދު ކަންބޮޑުވުން އޮތް މި ވަގުތުގައި، ސަރުކާރުން ކުރާ އެންމެ ބޮޑު ތުހުމަތަކީ މިދިޔަ ވެރިިކަމުގައި ބޮޑެތި ގޯސްތަކެއް ހަދައި އަމިއްލަ މަންފާއަސް ބޮޑެތި ހަރަދުތައް ކުރިކަމަށެވެ. އަދި ކޮވިޑު-19 ގައި ރާއްޖެއަށް ލިބުނު ހިލޭ އެއްހީތަކަށް ވީނުވީއެއް ނޭނގޭކަމަށް ތުހުމަތު ކުރެއެވެ.
ރާއްޖެއިން ބޭރުން ހިލޭ އެހީގެ ގޮތުގައި ލިބުނު 4 މިލިއަން ރުފިޔާއާއި މެދު ސުވާލު އުފައްދަވައި، އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ދެއްކެވި ވާހަކައަށް ރައްދު ދެއްވައި އަމީރު ވިދާޅުވީ މީގެ ކުރީގައި ވެސް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ދައުލަތް ހިނގައި، ދައުލަތުގެ ފައިނޭންސް މެނޭޖް ކުރާ ގޮތާއި، ދައުލަތަށް ހިލޭ އެހީ ލިބޭ ގޮތް އަދި ލޯނުތައް ލިބޭ ގޮތް ނޭނގޭނަމަ އެންމެ ރަނގަޅު ގޮތަކީ މަގާމާއި ހަވާލު ނުވުންކަމަށެވެ.
އަމީރު ވިދާޅުވީ ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާއަކީ ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާވާ ފައިސާ ކަމަށާއި އެ ފައިސާ ހަރަދުކުރެވޭ ގޮތް ބަރާބަރަށް މިނިސްޓްރީ އޮފް ފިނޭންސުން އޭރު ކޮންމެ ހަފްތާއަކު ވީކްލީ ފިސްކަލް ޑެވެލޮޕްމެންޓުގެ ގޮތުގައި ޝާއިއުކުރަމުން ދިޔަކަމަށެވެ. އޭގެ ފަހުން މި ސަރުކާރު ވެރިކަމާއި ހަވާލުވެ އެ މައުލޫމާތު ވެސް އާންމު ކުރުން، ހުއްޓާލީކަން އަމީރު ފާހަގަކުރެއްވި އެވެ.
އަމީރު ވިދާޅުވީ މިހާރުވެސް ފިނޭންސްގެ ވެބަސައިޓަށް ޒިޔާރާތް ކުރެއްވުމުން ”އިކޮނިމިކް ރެސްޕޯންސް ޓު ކޮވިޑް19“ ގެ ދަށުން އޭރު ކުރި ކުރިހާ ހަރަދުތަކެއް ތަފްސީލުކޮށް މިހާރުވެސް ފިނޭންސްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.
އަމީރު ވިދާޅުވީ އިތުރަށް އޮޑިޓްކޮށްގެން ބަލަންޖެހޭ އެއްވެސް އެޗެއ ނޯންނާނެ ކަމަށާއި މަސައްކަތްތައް ގޮސްފައި ވަނީ ވަރަށް ޓްރާންސްޕޭރެންޓުކޮށް ކަމަށެވެ. ދައުލަތެއްގެ އިކޮނޮމިކް މިނިސްޓަރު، ދައުލަތެއްގެ ފިނޭންސް މިނިސްޓަރު ނިކުމެވަޑައިގެން ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާއަށް ވީގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވުމުން އެބޭފުޅުންނަށްވެސް ދެއްކޭ ވާހަކަ އެނގިވަޑައިނުގަންނަވާ ކަން އެކަމުން ސާފުވާކަމަށް އަމީރު ވިދާޅުވިއެވެ.
ސަރުކާރުން ބަޖެޓު ޑެފިސިޓް ފައިނޭންސް ކުރުމަށް ފައިސާ ބޭނުންނުވަނީ ތޯ އަމީރު ވަނީ ސުވާލު ކުރައްވާފައެވެ. ނުވަތަ ލޯނު ހޯދުމަށްޓަކައި އެހެން ފަރާތްތަކުގެ އެހީ ބޭނުންނުވަނީ ތޯ އަމީރު ސުވާލު އުފެއްދިއެވެ. ހަމައެއާއިއެކު އަމީރު ވިދާޅުވީ ޑެފިސިޓްގެ ގޮތުގައި 9 ބިލިއަން ނުވަތަ 10 ބިލިއަން ހުށައަޅައިފައިވާކަމަށެވެ.

