ވެރިކަމަށް އައިސް އަހަރެއްގެ ތެރޭގައި ކުރެވުނު މަސައްކަތުން ޕާޓީގެ ދަފްތަރުގައި ތިބި މެމްބަރުންގެ އަދަދު 80،000 އަށް އަރާކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު، އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް އަހަރެއް ފުރޭއިރު ޕާޓީގައި 75،000 މެމްބަރުން ތިބެން އެދޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އަދި އެކަމަށް ވާސިލުވުމަށް ޕީއެންސީ ކުރި މަސައްކަތަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާކަމަށް އެ ޕާޓީން މައުލޫމާތު ދިނެވެ.
މިދިޔަ ދުވަސްތަކުގައި ކުރިޔަށް ގެންދިޔަ މެމްބާޝިޕް ޑްރައިވްގެ މާލޭގެ ސަރަހައްދުގެ ބައެއް ފޯމުތައް ހުށަހެޅުމަށް، ޕާޓީ އޮފީހުގައި ކުރިޔަށް ދިޔަ ބައްދަލުވުމުގައި ފަލާހު ވިދާޅުވީ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ޕީއެންސީ އަށް 75،000 މެމްބަރުން ހަމަކުރުމަކީ ރައީސްގެ ތަސައްވުރެއް ކަމަށެވެ. އެގޮތުން މިހާތަނަށް 82،000 މެމްބަރުން ޕީއެންސީއާ ގުޅިފައިވާކަމަށް ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން އެ އަދަދު ފެންނަން ނޯވެދާނެ ކަމަށެވެ. އަދި އޭގެ ސަބަބަކީ ކުރު މުއްދަތެއްގެ ތެރޭގައި ގިނަ އަދަދެއްގެ ފޯމުތަކެއް ހުށަހަޅައިފައި ވުމުން އެ ފޯމުތައް ކުރިއަށް ގެންދިއުމަށް ވަގުތުތަކެއް ނަގާނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީއެންސީއާއި ގިނަ އަދަދެއްގެ މެމްބަރުން ގުޅުމުން ރަމްޒުކޮށްދެނީ ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރާއި ރައީސް މުއިއްޒަށް އޮތް ތާއީދު ކަމަށް ފަލާހު ވިދާޅުވިއެވެ. އަދި މީގެ ކުރިން ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކަށް 75،000 މެމްބަރުން ހަމަވެފައި ނުވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
މި ސަރުކާރަށް އެއް އަހަރު ފުރުމާ ދިމާކޮށް، މި މަހުގެ 17 ގެ ނިޔަލަށް ޕީއެންސީ އަށް 75،000 މެމްބަރުން ހަމަކޮށް، ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ވުމަށް އެ ޕާޓީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މެމްބަރުން އިތުކުރުމުގެ ހަރަކާތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ވެސް އަންނަނީ ކުރަމުންނެވެ.

