މިއަދު ފެނިގެން ދަނީ ރައސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތު ރައްޔިތުން ބަލައިގަނެފައިވާ މަންޒަރުކަމަށް، ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެންސީއާ ގުޅުނު އިތުރު މެމްބަރުންތަކެއްގެ ފޯމުތަކާ ހަވާލުވުމަށް ބޭއްވި ހަފްލާ އަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އަބްދުރަޙީމް ވިދާޅުވީ، އަންނަ އާދީއްތަ ދުވަހު ސަރުކާރަށް އަހަރެއް ފުރޭއިރު 80،000 އާއި ގާތް ކުރާ އަދަދަކަށް ޕީއެންސީއަށް މެމްބަރުން ގުޅުމުން ފެނިގެން ދަނީ، ރައީސްގެ ތަސައްވުރު ބަލައިގަނެވައިވާކަމެވެ. އެއް އަހަރު ދުވަހު ރައްޔިތުންނަށްޓަކައި ރައީސް ކޮށްދެއްވި ޙިދުމަތް އުފަލާއެކު ބަލައިގަތް ކަމުގެ ސާފު ހެއްކެއް ކަމަށެވެ.
މިވަގުތު ރާއްޖޭގައި ސިޔާސީ މަސައްކަތްކުރާ ހަމައެކަނި ޕާޓީއަކީ ޕީއެންސީ ކަމަށް އަބްދުރަހީމް ވިދާޅުވިއެވެ. އެހެންކަމުން ހާމަވެގެންދަނީ ޕާޓީގެ ނިޒާމުގައި ވެރިކަން ކުރަން އެގޭ ވެރިއަކު، ރާއްޖޭގެ ވެރިކަމާއި ހަވާލުވުމުން ލިބޭ ކާމިޔާބު ކަމަށެވެ. ރައީސް އަބަދުވެސް އިސްކަންދެނީ ޕާޓީއަށް ކަމަށާއި، އަދި އެމަނިކުފާނު ޤަބޫލުކުރާ ގޮތުގައި ސަރުކާރު ވަރުގަދަ ވެގެން ދާނީ ޕާޓީ ވަރުގަދަވެގެން ކަމަށް އަބްދުރަހީމް ވިދާޅުވިއެވެ.
އެހެންކަމުން ރައީސްގެ ވިސްނުންފުޅާއެކު އެ ޕާޓީ މަސައްކަތް ކުރައްވަމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އަދާހަމައަށް މާލެ ސަރަހައްދުން 30،000 ގާތްކުރާ އަދަދަކަށް ފޯމު ލިބިފައިވާ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.

