ސަރުކާރު ހިއްސާ އޮންނަ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ސިވިލް ސާވަންޓުންގެ މުސާރައާ އެއްހަމަ ނުވަތަ އެއަށް ވުރެ ކުޑަ ކުރަން ޖެހޭކަމަށް މަރުކަޒީ ބޭންކްގެ ގަވަރުނަރު އަހްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
މުންނަވަރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ. ދައުލަތުގެ ހަރަދުތައް އިންތިހާއަށް އިތުރުވެފައި ވާތީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި އިސްލާހީ ގިނަ ފިޔަވަޅުތައް އެޅުމަށް ވަނީ ހިމަނާފަ އެވެ. އޭގެ ތެރޭގައި ކުންފުނިތަކުގެ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތައް ހިމެނެ އެވެ.
މަޖިލީހުގެ ބަޖެޓު ކޮމިޓީގައި މުނައްވަރު ވިދާޅުވީ، މިހާރުވެސް ފައިސާ ”ޕަމްޕު“ ކޮށްގެން ސަރުކާރުން ހިންގާ ކުންފުނިތައް އެބަ ހުރިކަމަށެވެ. އަދި އެ ތަންތަނުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ މުސާރަ މުރާޖައާ ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުން އެ ބޭފުޅުންނަށް މުސާރަ ދޭ ކަމުގައިވާ ނަމަ އެ މުސާރައަކީ ސިވިލް ސާވަންޓުންގެ މުސާރައާ އެއްވަރު އެހެން ނޫނީ އެއަށް ވުރެ ވެސް ދަށް މުސާރައަކަށް ހަދަން ޖެހެނީ.
2025 ވަނަ އަހަރަށް ލަފާކޮށް ހުށައެޅި 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ހުރި މާލީ ރިފޯމްގެ ކަންކަން ރަނގަޅަށް ދާނީ މުސާރަތައް މުރާޖައާ ކޮށްގެންކަމަށް ގަވަރުނަރު ވިދާޅުވިއެވެ. ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވުރެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އުޅޭ މުވައްޒަފުންނަށް ލިބޭ މުސާރަ ބޮޑުކަމަށް ވިދާޅުވިއެވެ.
ސަރުކާރުން ކުންފުނިތަކުގައި 33،284 މުވައްޒަފުން ތިބިކަމަށް ކުންފުނިތައް ބަލަހައްޓާ ޕްރައިވަޓައިޒޭޝަން ބޯޑުން ނެރުނު ރިޕޯޓުން ހާމަވެއެވެ.
އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށްޓަކައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން:
1. ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 އިންސައްތަ އުނިކުރުމާއި،
2. ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 އިންސައްތަ އުނިކުރުމާއިއެކު، ބައެއް ކުންފުނިތަކުގެ މުސާރައިގެ އޮނިގަނޑު މިވަގުތު އޮތް ގޮތުން 1 ލައްކަ ރުފިޔާއަށްވުރެ ބޮޑު މުސާރަ ލިބިވަޑައިގަންނަވާ ވެރީން ތިއްބެވިއިރު، ކުންފުނިތަކުގެ ވެރީންނަށް ދެވޭނެ އެންމެ ބޮޑު މުސާރައަކީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުމާއި،
3. މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށް، ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން،
4. ޝަރުޢީ ދާއިރާގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށް، އެ ފަރާތްތަކުގައި އެދިވަޑައިގަތުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިޔާ ވަނީ ހާމަކުރައްވާފައެވެ.

