ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭނުން ވަނީ ހުވަފެންތައް ހަގީގަތަކަށް ހަދައިދޭނެ ވެރިއެއް!

ދިވެހި ގައުމީ ދިދަ
ޝެއާރކޮށްލާ ކަހަލަދޯ؟

އަޅުގަނޑުމެންގެ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެވެސް އެދުމެކެވެ. ނަމަވެސް މިއަދު އަޅުގަނޑުމެން ވިސްނާލަން ޖެހެނީ އަޅުގަނޑުމެންގެ ޤައުމުގެ މިނިވަންކަން ހަގީގަތުގައި ކިހާ މިންވަރަކަށް ކަށަވަރުވެފައިވޭތޯއެވެ.

އަޅުގަނޑުމެންގެ އިޤްތިޞާދީ ސިޔާދަތަށް ބަލާއިރު، މިއަދު އަޅުގަނޑުމެންގެ ޤައުމު ވަނީ ބޮޑު ދަރަންޏެއްގެ ތެރޭގައެވެ. ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ އެންމެ މިލިއަން ޑޮލަރެވެ. މިއީ ޤައުމުގެ އިޤްތިޞާދީ މިނިވަންކަން ކަށަވަރުވެފައިވާ ހާލަތެއް ނޫނެވެ. އަޅުގަނޑުމެން ބޭނުންވަނީ މި ހާލަތުން އަރައިގަނެ، އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ވެރިއެކެވެ. އަމިއްލަވަންތަކަމާއި ދިފާޢީ ސިޔާދަތަށް ބަލާއިރު، އަދިވެސް ގިނަ ކަންކަން ކުރަން އެބަހުއްޓެވެ. ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހެއެވެ. މިކަންކަން ހާސިލުކޮށްދޭނެ ވެރިއެއް އަޅުގަނޑުމެންނަށް ބޭނުންވެއެވެ.

ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަކީ ވެރިކަމުގެ އެންމެ މަތީ ޒިންމާއެވެ. އެހެންކަމުން، އަޅުގަނޑުމެން ބޭނުންވަނީ މި ޒިންމާ އުފުލައި، ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދޭނެ ވެރިއެކެވެ. އިޚްލާޞްތެރިކަމާއެކު މަސައްކަތްކޮށް، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކޮށްދޭނެ ވެރިއެކެވެ. ޤައުމުގެ މުސްތަޤުބަލު ބިނާވެގެންދާނީ މިފަދަ ވެރިއެއްގެ އަތްމަތީގައެވެ. އެހެންކަމުން، އަޅުގަނޑުމެން އެންމެން އެއްބައިވެ، މި މަތިވެރި މަޤްޞަދު ހާސިލުކުރުމަށް މަސައްކަތް ކުރަންޖެހެއެވެ.

އިޤްތިޞާދީ ސިޔާދަތު ހަރުދަނާކުރުމަށްޓަކައި، އަމިއްލަ އުފެއްދުންތެރިކަން އިތުރުކޮށް، ބޭރުގެ އެހީއަށް ބަރޯސާވުން މަދުކުރަން އެބަޖެހެއެވެ. މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއަރުވައި، ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކުރަން އެބަޖެހެއެވެ. މީގެ އިތުރުން، އައު އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނެސް، ވަޒީފާގެ ފުރުޞަތުތައް އިތުރުކުރަން އެބަޖެހެއެވެ.އަމިއްލަވަންތަކަން ހިމާޔަތްކުރުމަށްޓަކައި، ތަޢުލީމީ ދާއިރާއަށް އިތުރު އަހައްމިއްޔަތުކަމެއް ދޭން އެބަޖެހެއެވެ. ދިވެހި ދަރިންނަކީ ޒަމާނީ ޓެކްނޮލޮޖީއާއި ސައިންސްގެ ރޮނގުން ކުރިއަރާފައިވާ ބަޔަކަށް ހަދަން އެބަޖެހެއެވެ. އަދި ދިވެހި ސަޤާފަތާއި އާދަކާދަ ދިރުވައި އާލާކޮށް، ދިވެހި ބަހުގެ ދިރުން ދެމެހެއްޓުމަށް މަސައްކަތްކުރަން އެބަޖެހެއެވެ.

ދިފާޢީ ސިޔާދަތު ހަރުދަނާކުރުމަށްޓަކައި، ޒަމާނީ ވަސީލަތްތަކާއި ތަމްރީނު ލިބިފައިވާ ސިފައިންނާއި ފުލުހުން އުފެއްދުމަށް އިސްކަންދޭން އެބަޖެހެއެވެ. އަދި ސައިބަރ ސެކިއުރިޓީއަށް ޚާއްޞަ ސަމާލުކަމެއް ދީ، ޤައުމުގެ މަޢުލޫމާތާއި މުވާޞަލާތީ ވިއުގަ ރައްކާތެރިކުރަން އެބަޖެހެއެވެ. މި ހުރިހާ ކަމެއް ހާސިލުކުރުމަށްޓަކައި، އަޅުގަނޑުމެންނަށް ބޭނުންވަނީ ދުރުވިސްނުން ހުރި، ހިކްމަތްތެރި އަދި ޤައުމީ ލޯބި ހިތުގައި އަށަގެންފައިވާ ވެރިއެކެވެ. ރައްޔިތުންގެ އުންމީދުތަކާއި ހުވަފެންތައް ހަޤީޤަތަކަށް ހަދައިދޭނެ ވެރިއެކެވެ.
ކުރިމަގު އުޖާލާކުރުމަށްޓަކައި، ކޮންމެ ރައްޔިތަކުވެސް އަމިއްލަ ޒިންމާ އަދާކުރަން އެބަޖެހެއެވެ.  ހަމައެއާއެކު، ޤައުމުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި އެއްބާރުލުން ދީ، ޤައުމީ ލޯބި ހިތުގައި އަށަގަންނުވަން އެބަޖެހެއެވެ.

ޒުވާނުންނަކީ ޤައުމުގެ މުސްތަޤުބަލެވެ. އެހެންކަމުން، ޒުވާނުންނަށް ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދީ، އެމީހުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް އިސްކަންދޭން އެބަޖެހެއެވެ. އަދި ޒުވާނުންގެ ޚިޔާލުތަކާއި އައު އީޖާދުތަކަށް މަގުފަހިކޮށްދީ، އެމީހުންގެ ހުނަރު ޤައުމު ބިނާކުރުމުގައި ބޭނުންކުރެވޭނެ ގޮތްތައް ހޯދަން އެބަޖެހެއެވެ.އަޅުގަނޑުމެންގެ އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ޞިއްޙީ ޚިދުމަތްތައް ފުޅާކޮށް، ތަޢުލީމީ ނިޒާމު ހަރުދަނާކޮށް، އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުތައް ވަރުގަދަކުރާނެ ވެރިއެއް ބޭނުންވެއެވެ. ކޮންމެ ރައްޔިތަކަށްވެސް އަސާސީ ޚިދުމަތްތައް ލިބިދެވޭނެ ގޮތް ހަދައިދޭނެ ވެރިއެއް ބޭނުންވެއެވެ.

ކުރިމަގު ބިނާވެގެންދާނީ މިއަދު އަޅުގަނޑުމެން އަޅާ ފިޔަވަޅުތަކުގެ މައްޗަށެވެ. އެހެންކަމުން، ކޮންމެ ރައްޔިތަކުވެސް އަމިއްލަ ޒިންމާ އުފުލައި، ޤައުމުގެ ލާބައާއި މަންފާއަށް މަސައްކަތްކުރަން އެބަޖެހެއެވެ. އަޅުގަނޑުމެން ކޮންމެ މީހަކުވެސް އަމިއްލަ ދާއިރާގައި އިޚްލާޞްތެރިކަމާއެކު މަސައްކަތްކޮށް، އުފެއްދުންތެރިކަން އިތުރުކޮށް، ޤައުމީ ތަރައްޤީއަށް ހިއްސާކުރަން އެބަޖެހެއެވެ.

އަޅުގަނޑުމެންގެ ވެރިންނަށް ގޮވާލަން، އޮތީ ރައްޔިތުންގެ އަޑުއަހައި، އެމީހުންގެ ބޭނުންތަކަށް އިޖާބަދޭށެވެ. ޤައުމުގެ މަޞްލަޙަތު އިސްކުރައްވައި، ވަކި ފަރުދެއްގެ ނުވަތަ ވަކި ޖަމާޢަތެއްގެ މަޞްލަޙަތަށްވުރެ ޤައުމުގެ މަޞްލަޙަތު މަތިވެރިކުރައްވާށެވެ. ޝަފާފުކަމާއި ޖަވާބުދާރީވުމުގެ އުސޫލުތައް ހިފަހައްޓަވައި، ކޮރަޕްޝަނާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތައް އަޅުއްވާށެވެ.

އަޅުގަނޑުމެންގެ ޒުވާނުންނަށް ގޮވާލަން، އޮތީ ހުނަރާއި ޤާބިލުކަން ތަރައްޤީކޮށް، ޤައުމު ބިނާކުރުމުގައި ޢަމަލީގޮތުން ބައިވެރިވާށެވެ. އުފެއްދުންތެރި ޚިޔާލުތަކާއި އީޖާދުތައް ކުރިއަށް ގެންގޮސް، ޤައުމަށް ފައިދާހުރި ގޮތުގައި ބޭނުންކުރާށެވެ. ޤައުމީ ކަންކަމުގައި ޝައުޤުވެރިކަން ހުރި، ޒިންމާދާރު ރައްޔިތުންގެ ގޮތުގައި ތިބޭށެވެ.

ކާބަފައިން މި ޤައުމު ދެމެހެއްޓުމަށް ކުރި މަސައްކަތްތައް ހަނދާންކުރަމާ ހިނގާށެވެ. އެ ބޭފުޅުންގެ ޤުރުބާނީތަކާއި ވިސްނުންތެރިކަމުގެ ސަބަބުން މިއަދު އަޅުގަނޑުމެންނަށް މި މިނިވަން ދިވެހިރާއްޖެ ލިބިފައި މިވަނީ. އެހެންކަމުން، އަޅުގަނޑުމެންވެސް އަންނަން އޮތް ޖީލުތަކަށް މި ޤައުމު ރައްކާތެރިކޮށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެކެވެ.

ދިވެހިރާއްޖެ ދެމިއޮންނާނީ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ފުދުންތެރި އަދި ކުރިއަރާފައިވާ ޤައުމެއްގެ ގޮތުގައެވެ. މި މަތިވެރި މަޤްޞަދު ހާސިލުކުރުމަށްޓަކައި، އަޅުގަނޑުމެން އެންމެން އެއްބައިވެ، އެކުގައި މަސައްކަތްކުރަމާ ހިނގާށެވެ. އަޅުގަނޑުމެންގެ ހުވަފެންތައް ހަޤީޤަތަކަށް ހަދައިދޭނެ ވެރިއެއްގެ ފަހަތުގައި ތިބެ، އަޅުގަނޑުމެންގެ ލޮބުވެތި ވަޠަން އިތުރަށް ކުރިއަރުވަމާ ހިނގާށެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: