ޓެކްސީ ޑްރައިވަރުންގެ މެދުގައި ސިޔާސީ ވާހަކަތަކާއި ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ފަތުރައި، ނެތް މައްސަލައެއް އުފައްދާފައިވާ ކަމަށް. ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އަހަރު ފުރުމާ ގުޅިގެން ސަންގުން ގެނެސްދިން ހާއްސަ ކަވަރޭޖުގައި މިނިސްޓަރު އަމީން ވަނީ، ޓެކްސީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި ސަރުކާރާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ އަސްލު ސަބަބުތަކާ ބެހޭ ގޮތުން މަޢުލޫމާތު ހިއްސާކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ، މި ދާއިރާ ހަރުދަނާކުރުމުގެ ގޮތުން މިނިސްޓްރީން ވަނީ ކަންކަން ދެނެގަތުމަށާއި މައްސަލަތައް ފާހަގަކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ.
އަމީން އިތުރަށް ވިދާޅުވީ، ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ މެދުގައި ޚިދުމަތުގެ ފެންވަރާ މެދު ބައެއް ކަންބޮޑުވުންތައް ހުރި ކަމަށެވެ. އޭގެ ތެރޭގައި ޓެކްސީތަކުގެ ޙާލަތު ދަށްވުމާއި، އެއްބަސްނުވެވޭ ފަދަ ގޮތަކަށް ޚިދުމަތް ދިނުމުގެ ޝަކުވާތައް ހިމެނެއެވެ. މި ކަންކަމަށް ރިޢާޔަތްކޮށް، ދައުލަތުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން ސަރުކާރުން މި މައްސަލަ ޙައްލުކުރުމަށްޓަކައި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ގިނަ އަދަދެއްގެ ރައްޔިތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ސަރަޙައްދަށް ދިރިއުޅުން ބަދަލުކުރުން ފަދަ ކަންކަން ހިނގަމުންދާއިރު، މިހާރު އޮތް ހިސާބުގައި މަސައްކަތްތައް ބަހައްޓާނީތޯ ނުވަތަ ހެޔޮ ބަދަލެއް ގެންނާނީތޯ ވިސްނަން ޖެހިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، އެންމެ ރަނގަޅު ގޮތަކީ ހެޔޮ ބަދަލުތަކެއް ގެނައުން ކަމަށާއި، އެއީ އެންމެ މުހިންމު ގޮތް ކަމަށް ފާހަގަކުރެއްވިއެވެ. އަދި ހުރިހާ އެންމެންވެސް މި ކަމަށް އެއްބަސްވާނެ ކަމަށް ލަފާކުރެއްވިއެވެ. ނަމަވެސް، އެ ބަދަލު ގެންނާނީ ކޮން ގޮތަކުންތޯ އެއީ މުޅިން އެހެން މައްސަލައެއް ކަމަށާއި، ރައްޔިތުންނަށް ދޭ ޚިދުމަތްތަކަށް ބަދަލުތައް ގެންނައިރު މަޞްލަޙަތު ހިމެނޭ ފަރާތްތަކާއެކު މަޝްވަރާތައް ކުރަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އަމީން އިތުރަށް ވިދާޅުވީ، ޓެކްސީ ލައިނެއް ހަދާނެ ކަމަށް ނުވަތަ ވަކި ގޮތަކަށް އެ މަސައްކަތްތައް ކުރާނެ ކަމަށްވެސް އަދި ސަރުކާރުން އިޢުލާނުކޮށްފައި ނުވާނެ ކަމަށެވެ. އެހެންނަމަވެސް، ކޮންމެވެސް ގޮތަކަށް މާކުރިން އެ ވާހަކަތައް އުފަންވެގެން އައިސްފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ޓެކްސީ ޑްރައިވަރުންނާއި ސަރުކާރާ ދެމެދު ހިތްހަމަނުޖެހުންތައް އުފެދި، ކޮންމެ ވެރިކަމެއްގައިވެސް މުޒާހަރާތައް ކުރާ ހިސާބަށް ކަންކަން ގޯސްވެގެންދާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އަމީން އިތުރަށް ހާމަކުރެއްވި ގޮތުގައި، ޓްރާންސްޕޯޓު ދާއިރާގައި ގަވާއިދުތަކެއް ހުރި ނަމަވެސް، ޚިދުމަތްތައް ހުރީ އެ ގަވާއިދުތަކާ އެއްގޮތަށް ނޫން ކަމަށާއި، މިހާރު ޢަމަލުކުރަމުންދަނީ އެތައް އަހަރެއް ކުރިން އެކުލަވާލެވިފައިވާ ގަވާއިދުތަކަކަށް ކަމަށެވެ.
އެހެންކަމުން، ހުރި މައްސަލަތައް ދެނެގަނެ، ދާއިރާގެ ކަންކަން ބަދަލުކޮށްލުމަށްޓަކައި ވިސްނައި ޕްލޭންތަކެއް އެކުލަވާލުމަކީ ޚިދުމަތް ދެއްވާ ފަރާތްތަކުގެ ޙައްޤަށް އުނިކަމެއް އަންނާނެ ކަމެއް ނޫން ކަމަށާއި، އެއީ ފުރުޞަތު ގެއްލޭނެ ކަމެއްވެސް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް، ސަރުކާރުން ކުރަން އުޅޭ މަސައްކަތްތަކެއް ނުވަތަ އެ މަސައްކަތްތައް ކުރަން އުޅޭ ގޮތެއްވެސް ރަސްމީ އަދި ނުރަސްމީ ގޮތުންވެސް އިޢުލާނުކޮށްފައި ނުވާ ކަމަށް ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އަމީން ސާފުކޮށްދެއްވީ، ސަރުކާރުން ކޮންމެ މަސައްކަތެއްވެސް ކުރާނީ ރައްޔިތުންނަށް ގެއްލުން ނުވާނެ ގޮތެއްގެ މަތިން ކަމުގެ ޔަޤީންކަމެވެ. އަދި ޚިދުމަތްތެރިންނަށް ގެއްލުން ލިބިގެންދާ ގޮތަށް ސަރުކާރުން ޢަމަލު ނުކުރާނެ ކަމަށާއި، ރައްޔިތުންގެ ތެރޭގައި މަސައްކަތްތަކެއް ކުރިއަށް ގެންގޮސް ޚިދުމަތްތަކެއް ފޯރުކޮށްދެމުންދާ މީހުންނަށް ގެއްލުންތަކެއް ވެގެންދާ ގޮތަކަށް ސަރުކާރަކުން ޢަމަލު ނުކުރާނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، ޚިދުމަތްދޭ ފަރާތްތަކަށާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށްވެސް ގެއްލުން ނުލިބި ފައިދާ ލިބޭނެ ގޮތްތައް ހުންނާނެ ކަމަށް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، މާ ކުރިން މައްސަލަތަކެއް އުފެދި، އޭގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށާއި، މިހާރު ސިޔާސީ ޕޯޑިއަމްތަކުގައި މި މައްސަލައިގެ ވާހަކަތައް ދައްކަމުންދާ ކަމަށާއި، ނެތް މައްސަލައެއް އުފައްދާފައިވާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވީ، ޓެކްސީ ޚިދުމަތްދޭ މީހުންގެ ތެރެއަށް ސިޔާސީ ނުފޫޒު ވައްދައިގެން ޙަޤީޤަތާ ޚިލާފު ވާހަކަތައް ފަތުރައި، އެ މީހުންނަށް ކަންކަން އޮޅުވާލާފައިވާ ކަމަށެވެ. އަދި މުހިންމީ މި ޚިދުމަތްތައް ރަނގަޅުކުރުން ކަމަށާއި، އަމާޒުކުރަނީ ޚިދުމަތްތެރިންނާއި މަޞްލަޙަތު ހިމެނޭ ފަރާތްތަކާއެކު މަޝްވަރާތައް ކޮށްގެން، ގެއްލުންތައް ވެގެން ނުދާނެ ގޮތެއްގެ މަތިން ޚިދުމަތް ކުރިއެރުވުމަށް މަސައްކަތްކުރުން ކަމަށެވެ. ނަމަވެސް، އެ ހިސާބަށް ކަންކަން ގޮސްފައި ނުވާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

