ފަލަސްޠީނުގައި އިސްރާއީލުން ހިންގަމުންދާ އުދުވާނީ ހަމަލާތަކާ ގުޅިގެން އިސްރާއީލުން ‘ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް’ (ޖެނޮސައިޑް ކޮންވެންޝަން) އާއި ޚިލާފުވެފައިވާކަމަށް ދައުވާކޮށްދިނުމަށް އެދި 2023، 29 ޑިސެމްބަރ ގައި ދެކުނު އެފްރިކާ އިން އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައަށް ތަދައްޚުލުވުމަށް ދިވެހިރާއްޖެއިން ވަނީ ނިންމާފަ އެވެ.
މި ފުރުސަތު ހޯދުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ބަންޑާރަ ނައިބުގެ އޮފީހާއި ބައިނަލްއަޤުވާމީ ވަކީލުންގެ ޓީމަކާ ގުޅިގެން ފޮރިން މިނިސްޓްރީން ދަނީ ކުރަމުންނެވެ. އަދި 2024، 1 އޮކްޓޯބަރ ގައި ދިވެހިރާއްޖެއިން ތަދައްޚުލުވުމަށް ހުށަހަޅަންޖެހޭ “ޑެކްލެރޭޝަން އޮފް އިންޓަރވެންޝަން”، އައ.ިސ.ީޖ.ޭ އަށް ހުށަހަޅައިފައި ވެއެވެ.

ދިވެހިރާއްޖެއިން ހުށަހެޅި އިންޓަރވެންޝަން ބިނާކޮށްފައިވަނީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން “އިންސައިޓްމަންޓް ޓު ކޮމިޓް ޖެނޮސައިޑް” އަދި “ޑިއުޓީ ޓު ޕަނިޝް ދަ އިންސައިޓްމަންޓް އޮފް ޖެނޮސައިޑް” މާނަކޮށްފައިވާ ގޮތާ ގުޅޭގޮތުންނެވެ.
އިރުމަތީ ޤުދުސް ހިމެނޭ ގޮތަށް އިޒްރޭލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޢަމަލު ކުރަމުންދާ އިޒްރޭލުގެ ސިޔާސަތުތަކާއި ހަމަތަކުން އުފެދޭ ޤާނޫނީ ނަތީޖާތަކާ ގުޅޭގޮތުން އައިސީޖޭގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލައިގައ،ި 2024، 26 ފެބްރުއަރީ ގައި ބޭއްވި އޯރަލް އަޑުއެހުމުގައި ބައިވެރިވުމަށް ދިވެހިރާއްޖެއިން ވަނީ އެ ކޯޓަށް ހާޒިރުވެ ބަޔާނެއްދީފައެވެ.

އެގޮތުން އައިސީޖޭގައި ކުރިޔަށްގެންދިޔަ އަޑުއެހުމުގައި ދިވެހިރާއްޖެ ތަމްސީލު ކުރެއްވި ވަފުދުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވެވަޑައިގެންނެވީ ޖަރުމަންވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޢާއިޝަތު ޝާން ޝާކިރެވެ. މި އަޑުއެހުމުގައި ބައިވެރިވެވަޑައިގެން ދެއްވި ބަޔާނުގައި އިސްރާއީލާއި ފަލަސްޠީނާ ދެމެދު އޮތް ހަމަނުޖެހުމަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިރުމަތީ ޤުދުސް އަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅައި އެ ޤައުމު އިސްރާއީލުގެ އަތްދަށުން މިނިވަންކޮށް އެއީ މިނިވަން މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ޤައުމަކަށް ހެދުންކަމަށް ފާހަގަކުރި އެވެ.

މި މައްސަލާގައި 2024، 19 ޖުލައި ގައި އައިސީޖޭއިން ވަނީ އިސްތިޝާރީ ލަފައެއް ނެރެފައެވެ. މި އިސްތިޝާރީ ލަފާގައި އައިސީޖޭއިން ވަނ،ީ ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސްގައިވާ އިސްރާއީލުގެ އާބާދީތަކާއި އެއާ ގުޅިފައިވާ ވެރިކަން ޤާއިމްކޮށްފައި ވަނީ އަދި ކުރިއަށްގެން ދަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށްކަމަށް ކަނޑައަޅުއްވާފަ އެވެ.
ދިވެހިރާއްޖެއިން ވަނީ އދ. ގެ އާންމު މަޖިލީހުގެ އެކި ބައްދަލުވުންތަކުގައި ފަލަސްތީނަށް ތާއީދު ކުރުމުގެ ގޮތުން އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ކުއްވެރިކޮށް 12 ފަހަރެއްގެ މަތިން ތަޤުރީރުކޮށްފަ އެވެ.
މީގެއިތުރުން 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި އ.ދ ގެ ޢާންމު މަޖިލީހުގެ 10 ވަނަ ’އިމަޖެންސީ ސްޕެޝަލް ސެޝަން‘ ގައި ދިވެހިރާއްޖެއިން ބައިވެރިވެ ރައީސް މުއިއްޒުގެ ޚާއްސަ މެސެޖެއް ވަނީ އަޑުއިއްވާފައެވެ. އެގޮތުން ދިވެހިރާއްޖެއިން ވަނީ ފަލަސްތީނުގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ވަގުތުން ހުއްޓުމަކަށް ގޮވާލާ އިސްރާއީލުގެ އަމަލުތައް ކުއްވެރި ކުރާ ޤަރާރުތަކާއި އ.ދ. ގެ ފުރިހަމަ މެންބަރަކަށްވުމަށް އެދި ފަލަސްތީނުން ހުށަހަޅާފައިވާ އެޕްލިކޭޝަން ބަލައިގަތުމަށް ސަލާމަތީ މަޖިލީހަށް ބާރުއަޅައ،ި އ.ދ. ގެ ޢާންމު މަޖިލީހުގައި ފަލަސްތީނަށް ޚާއްސަ އިމްތިޔާޒުތަކެއް ދިނުމަށް ގޮވާލައި ޤަރާރާއެކު ޖުމްލަ 5 ޤަރާރެއް ކޯ ސްޕޮންސަރ ކޮށްފައެވެ.
މީގެއިތުރުން އދ. ގެ ސަލާމަތީ މަޖިލީހުގެ ’އޯޕެން ބްރީފިންގ އޮން ދަ ސިޗުއޭޝަން އިން ދަ މިޑްލް އީސްޓް‘ ގައި ދިވެހިރާއްޖެއިން ވަނީ އިންޑޮނޭޝިއާ، ބަންގްލަދޭޝް މެލޭޝިއާ ނަމީބިއާ، ޓިމޮރ ލެސްޓޭ އަދި ތުރުކީ އާ ގުޅިގެން ޖޮއިންޓް ސްޓޭޓްމަންޓް އެއް ދީފައެވެ.

ސުލްޙަ މަސަލަސްކަން ޤާއިމުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް އ.ދ. ގެ ސަލާމަތީ މަޖިލީހުގައި ބޭއްވި ޖަލްސާގައި ދިވެހިރާއްޖެއިން ތަގުރީރުކޮށް ވަނީ ސުލްޙަ މަސަލަސްކަން ޤާއިމުކުރުމާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލުކުރުމާ ހުރި ގުޅުން ފާހަގަކޮށް ފަލަސްޠީނުގައި އިސްރާއީލުން ހިންގަމުންދާ ޤަތުލުޢާންމު ވަގުތުން ހުއްޓުމަކަށް ގެނައުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ބާރުއަޅާ ގޮވާލާފަ އެވެ. އަދި ޢިރުމަތީ ޤުދުސް ހިމެނޭ ގޮތަށް އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޢަމަލުކުރަމުންދާ އިސްރާއީލުގެ ސިޔާސަތުތަކާއި ހަމަތަކުން އުފެދޭ ޤާނޫނީ ނަތީޖާތަކާ ގުޅޭގޮތުން އައސޖޭ އިން 19 ޖުލައި 2024 ގައި ނެރުއްވާފައިވާ އިސްތިޝާރީ ލަފަޔަށް އިސްރާއީލުން ބޯލަނބައިފައިނުވާތީ އ.ދ. ގެ އާއްމު މަޖިލީހުގެ ކުއްލި ބައްދަލުވުމެއް 17 ސެޕްޓެމްބަރ 2024 ގައި ކުރިޔަށް ގެންގޮސްފައި ވެއެވެ.
އައިސީޖޭއިން ނެރެފައިވާ އިސްތިޝާރީ ލަފާއާއި ގުޅޭގޮތުން ހުށަހަޅާފައިވާ ޤަރާރު ދިވެހިރާއްޖެއިން ވަނީ ކ-ޯސްޕޮންސަރ ކޮށް އެ ޤަރާރާއި އެއްކޮޅަށް ވޯޓު ދީފަ އެވެ.

އ.ދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 55 ވަނަ ސެޝަންގެ އެކި ބައްދަލުވުންތަކުގައި ފަލަސްތީނަށް ތާއީދު ކުރުމުގެ ގޮތުން އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ކުއްވެރިކޮށް 5 ފަހަރެއްގެ މަތިން ތަޤުރީރުކޮށްފައި ވެއެވެ. އަދި ފަލަސްޠީނުގައި ނޫސްވެރިން ހިމާޔަތްކުރުމަށާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތުކުރުމާ ގުޅޭގޮތުން ގިނަ ޤަޢުމުތަކެއް ތާއީދާއެކު އެކުލަވާލި ޖޮއިންޓް ސްޓޭޓްމަންޓެއް ރާއްޖެއިން ހުށަހެޅި އެވެ.
ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކާ ގުޅޭގޮތުން، ޚާއްޞަކޮށް ޣައްޒާއާ ބެހޭ 5 ޖޮއިންޓް ސްޓޭޓްމަންޓެއް ދިވެހިރާއްޖެއިން ވަނީ ކޯ-ސްޕޮންސަރ ކޮށްފައެވެ. މި ޖޮއިންޓް ސްޓޭޓްމަންޓްތަކުގައި ކުޑަކުދިން، އަންހެނުން، އަންހެން ކުދިން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކާއި، ބޯހިޔާވަހިކަމާއި އުމްރާނީ ވަސީލަތްތަކާ ގުޅޭ މުހިންމު މައުޟޫޢުތައް ހިމެނިފައިވެއެވެ. މީގެ އިތުރުން، ފަލަސްޠީނުގެ މިނިވަންކަމާ ގުޅުންހުރި 4 ޤަރާރަކަށް ދިވެހިރާއްޖެއިން ވަނީ ތާއީދުކޮށް، އދ. ގެ މަޖިލީހުގައި ނެގުނު ވޯޓުގައި ބައިވެރިވެފައެވެ. މިކަމުން ދޭހަވަނީ، ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަންކަމަށް ކުރެވޭ މަސައްކަތްތަކަށް ދިވެހި ސަރުކާރުން އަބަދުވެސް ތާއީދުކުރާކަމެވެ. މި ޤަރާރުތަކާ އެއްކޮޅަށް ދިވެހިރާއްޖެއިން ވޯޓުދިނުމަކީ މިކަމުގެ ހެއްކެކެވެ.

