އަދުގެ ޒުވާނުން އަމިއްލަ ފައިމައްޗަށް ތެދުވާން ދަސްކުރަން ޖެހޭކަމަށާއި އަދި ވަޒީފާގެ ފުރުސަތުތައް ހޯދުމަށްވެސް މަސައްކަތް ކުރަންޖެހޭ ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލް ޑެވެލޮޕްމެންޓް ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ސަންގަށް ދެއްވި ހާއްސަ އިންޓަވިއުގައި މިނިސްޓަރ މާރިޔާ ވިދާޅުވީ މިހާރުވެސް ވަރަށް ގިނަ ރަށްރަށުގައި ޕޮލިޓެކްނިކްގެ ކެމްޕަސްތަކާއި އަދި އެމްއެންޔޫގެ ކެމްޕަސްތައްވެސް ހުރިކަމަށް ވިދާޅުވިއެވެ. މާރިޔާ ވިދާޅުވީ ރަށްރަށުގައި ކުރިއަށް ގެންދަނީ އެ ތަންތަނަށް ބޭނުންވާ ދާއިރާތައް ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ވަރަށް ގިނަ ރިސޯޓުތައް ޓުއަރިޒަމްގެ ދާއިރާގައި ހުންނަ ކަމަށާއި އަދި ރަށްރަށުގެ ކައުންސިލްތަކުން މިނިސްޓަރީގައި ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ނުވަތަ ޕޮލިޓެކްނިކްގެ ކޯސްތައްވެސް ހިންގުމަށް އެދޭކަމަށެވެ. ވަރަށް ގިނަ ރަށްރަށުގައި ރެފްރިޖިރޭޝަންކަހަލަ އިލެކްޓްރިކަލް، މަސައްކަތް ކުރާ ކުދިން ނުތިބޭ ކަމަށާއި އެހެންކަމުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް އެ ރަށްރަށުގައިވެސް އެފަދަ ކޯސްތައް ހިންގުމަށް އެދިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
”އޭގެމާނަޔަކީ އެބަހުއްޓޭ މިހާރު ވަޒީފާގެ މިސާލަކަށް ފުރުސަތު ނުލިބުނު ކަމުގައި ވީނަމަވެސް އަމިއްލަ ފައިމައްޗަށް ތެދުވާން ބޭނުންވާ އަދި އެކަން އަޅުގަނޑުމެންގެ ޒުވާނުންނަށް ދަސްކޮށް ދޭން ޖެހޭކަން އަޅުގަނޑު ހަމަ މިވަގުތު ފާހަގަކޮށްލަން. އަޅުގަނޑުމެންގެ ކާބަފައިންނަކީ އެންމެ ކުޑައިރުއްސުރެން ވަރަށް މަސައްކަތްކޮށްގެން މި ގައުމު މިއޮތީ ކޮޅަށް ޖަހާފަ“
މިނިސްޓަރ ވިދާޅުވީ ޒުވާނުން އަމިއްލަ ފައިމަށްޗަށް ތެދުވާން ދަސްކުރަންޖެހޭ ކަމަށާއި، ހަމަ ކިޔަވާ ނިމޭއިރަށް ވަޒީފާތައް އެގޮތުގައި އަމިއްލައަށް ހަމަޖެހިފައި ނުހުންނާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރަށްރަށުގެ ވަޒީފާގެ ފުރުސަތުތައް ވަރަށް މަދު ކަމަށާއި އެހެންނަމަވެސް ރާއްޖޭގައި މިއޮންނަނީ ބައިނަލްއަގުވާމީ ފެންވަރުގެ ފަތުރުވެރިކަމުގެ ނިޒާމެއް ކަމަށް ވާއިރު އެ ވަޒީފާތަކުގެ ފުރުސަތު ރަށްރަށުގައި ތިބި ކުދިންނަށްވެސް އޮތް ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއަކީ ވަކި ޖިންސަކަށް އޮންނަ ކަމެއް ނޫން ކަމަށާއި ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމްގެ ދާއިރާގައި މަސައްކަތްކުރުމަށް ވަރަށް ފަހި ފުރުސަތުތަކެއް ހުރިކަމަށެވެ.

