މުޖްތަމައުގެ އެންމެން ވެސް ޤައުމު އިސްކުރުމަކީ އެހެން ޤައުމުތަކުން ދިވެހިންނާއި މެދު ދެކޭގޮތް ބަދަލުވެ، އެ ޤައުމުތަކުން ކުރާ އިޙުތިރާމު އިތުރުވެގެން އަންނަ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް އެއް އަހަރުފުރުމާ ގުޅިގެން ސަންގު ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުގައެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި، ރައީސް މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ހުރިހާ ފޯރަމެއްގައި ވެސް، ދިވެހި ޤައުމާއި އާބާދީ ކިތަންމެ ކުޑަޔަސް، އަޅުގަނޑުމެންގެ އާބާދީ ކުދިކުދި ރަށްތަކެއްގައި މިހެން ބެހިފައި އޮތްކަމުގައިވީ ނަމަވެސް އަޑެއް އޮންނާނެކަމާއި އަދި ފަޚުރުވެރިވާ އަމިއްލަވަންތަ ބައެއްގެ ގޮތުގައި ސިފަކުރެވޭ ގޮތަށް ވާހަކަފުޅުދައްކަވާފައިވާ ކަމުގައި ވިދާޅުވިއެވެ.
އެހެންވީމާ އެބޭފުޅުންނަށް އެބަ އެނގިވަޑައިގަންނަވާ، މިއަދު އަޅުގަނޑުމެންގެ ލީޑަރަކަށް އެ ހުންނެވި ބޭފުޅާއަކީ ޤައުމު ދެކެ ވަރަށް ލޯބިވާ އަދި މި ޤައުމުގެ ތާރީޚެއް އޮތްކަމާއި އަދި މިޤައުމުގެ މާޒީގައި ކަން ކޮންމެ ގޮތަކަށް ހިނގާފައި އޮތްކަމުގައިވީ ނަމަވެސް، އަސްލު ދިވެހިވަންތަ ވެރިކަމެއް ކުރައްވާނެ ބޭފުޅެއްކަން. އެހެންވީމަ، އެންމެ ފުރަތަމަ ޤައުމު. އެ ސިޔާސަތު އެ މަނިކުފާނު އެ ގެންގުޅުއްވަނީ.
ދިވެހިރާއްޖޭގެ ކަނޑުއަޑީގެ ޗާޓު ނުވަތަ ކުރެހުންތައް ހެދުމުގެ މަސައްކަތް ވަކި އެއް ބައެއްގެ އަތްމައްޗަށް ހިނގައިދާނެތީ އެ ކަންބޮޑުވުން، މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި ފާޅުކުރައްވާފައިވާނެ ކަމަށާއި އެހެންނަމަވެސް މިއަދު ދިވެހިން އެކަން ކުރަމުންދަނީ އަމިއްލައަށްކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ ރައީސް މުއިއްޒުގެ ޒަޢާމަތުގައި އެކަން ކުރުމުގެ ފުރުޞަތު ދިވެހިންނަށް ފަހިކޮށްދެއްވިކަމުގައި ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގެ އިޤުތިޞާދީ ޙާލަތަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވަނީ މި ސަރުކާރު ވެރިކަމާ ޙަވާލުވެވަޑައިގެން މި ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އިޤުތިޞާދީ ހާލަތު ރަނގަޅުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރެއްވި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޭރު ދައްކަމުން އައި ވާހަކަތަކާއެކު ސަރުކާރާއި ޙަވާލުވެވަޑައިގެން، އެންމެ ބޮޑު ގޮންޖެހުމަކަށް ކުރިމަތިވި ކަމަކީ ރާއްޖޭގެ އިޤުތިޞާދީ ޙާލަތު ރަނގަޅުކުރުން ކަމަށާއި ވެރިކަމާއި ޙަވާލުވެވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރަތަމަވެސް ކުރެއްވި މަސައްކަތްޕުޅަކީ އެ ޙާލަތު ރަނގަޅުކުރުން ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އެގޮތުން އެންމެ ފުރަތަމަ ކުރެއްވި މަސައްކަތްޕުޅަކީ މާލީ ނިޒާމުގައި ހުރި ގޮންޖެހުންތައް ނައްތާލުން ކަމަށާއި ދަރަނިތައް ރީސްޓްރަކްޗަރކޮށް، ތަރުތީބުކުރައްވައި އެކުލަވާލެއްވުމަށްފަހު، ރާއްޖޭގެ ކުންފުނިތައް އޮތް ޙާލަތުން އަރައިގަތުމަށްޓަކައި ބައިވަރު މަސައްކަތްތަކެއް ކުރެވުނުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

