2025ވަނަ އަހަރުގެ ތެރޭގައި ޑްރިފްޓުކުރުމާއި ރޭސްޖެހުމަށް ޝައުގުވެރިވާ ޒުވާނުންނަށް ފަހި މާހައުލެއް ގާއިމުވެގެންދިއުމަށް އިންތިޒާމުތައް ހަމަޖެހިގެންދާނެކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ސަންގުޓީވީއަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި މިނިސްޓަރު އަމީންވަނީ ދިވެހިރާއްޖޭގެ ޓްރާންސްޕޯޓު ދާއިރާގެ ތެރެއިން ފާހަގަކުރެވިފައިވާ ބައެއް މައްސަލަތަކަށް ހައްލު ގެނައުމުގެ ގޮތުން ސަރުކާރުން ގެންގުޅޭ ހިޔާލުތައް ހިއްސާކުރައްވާފައެވެ. އެގޮތުން ޒުވާނުންގެ ތެރޭގައި މަގުބޫލު މަސައްކަތްތަކެއްކަމަށްވާ ރޭސްޖެހުމާއި ޑްރިފްޓުކުރުމުގެ މަސައްކަތްތަކާއިމެދު ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އެކަމުގައި މައްސަލަތައް އުފެދިގެން އަންނަނީ ހަމައެކަނި އުޅަނދުތައް ދުއްވާ މީހުންގެ ސަބަބުން ނޫންކަމަށާއި ބާރަށް ދުވާ ވަކި ބާވަތްތަކުގެ އުޅަނދުތައްވެސް ނޫންކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ކިތަންމެ ކުޑަ އުޅަނދެއްވެސް ބާރު ދުވެލިތަކުގައި ދުއްވުމުން އެކްސިޑެންޓެއް ހިނގުމުގެ ފުރުސަތު އޮންނާނެކަމަށާއި މައްސަލައާއިމެދު ގެންގުޅޭ ނަޒަރިއްޔާގައިވެސް މައްސަލަތަކެއް ހުރިކަމަށެވެ. އަމީން ވިދާޅުވީ، ރޭސް ޖެހުމާއި ޑްރިފްޓުކުރުމަކީ ވަރަށް ގިނަ ގައުމުތަކުގައި ޒުވާނުންގެ ތެރޭގައި މަގުބޫލު މަސައްކަތްތަކެއްކަމަށާއި އެއީ ހުއްޓިގެންދާނެ މަސައްކަތްތަކެއްވެސް ނޫންކަމަށެވެ.
އަމީން ވިދާޅުވީ، ރާއްޖޭގެ ވެރިކަމަށް އައިސްފައިވާ ފަރާތްތަކާއި އައުމަށް އެދޭ ފަރާތްތަކުންވެސް މި މަސައްކަތްތަކާއި ގުޅޭގޮތުން ގިނަ ވާހަކަތައް ދައްކާފައިވާކަމަށެވެ. އެހެންނަމަވެސް އެކަމަށް އުސޫލެއް ކަނޑައެޅި ސަލާމަތްތެރިކަމާއިއެކު ޒުވާނުންނަށް އެކަން ކުރާނެ ފުރުސަތު ނުދީ މަގުތަކެއް ހުޅުވާނުލެވި އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި އެކަން ކުރަމުން އައިސްފައިވުމުގެ ސަބަބުން މައްސަލަތައް އުފެދިފައިވާކަމަށެވެ. އަދި ރައްޔިތުން މިކަމާއިމެދު ދެކޭ ގޮތްވެސް ބަދަލުވެގެންދިއުމަށް ދިމާވެފައިވާކަމަށް ފާހަގަކުރެއްވިއެވެ.
އެހެންކަމުން އެ މަަސައްކަތްތަކެއް ވަކި އުސޫލެއްގެ ތެރެއަށް ފައްތައި ބަންދުކުރެވިފައިވާ ސަރަހައްދެއް ރޭސްޖެހުމާއި ޑްރިފްޓުކުރުމަށް ހާއްސަ ކުރެވުމުން މައްސަލަތައް ހައްލުވެގެންދާނެކަމަށް އިޝާރާތްކުރެއްވިއިރު އެއީ އަޅަން ރަނގަޅު ފިޔަވަޅެއްގެ ގޮތުގައި ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، ވާހަކަތައް ދެކެވެމުންދަނީ މުޅި ދުނެއިންވެސް ކުޅިވަރެއްގެ ގޮތުގައި ބަލައިގަނެފައިވާ މަސައްކަތްތަކެއްކަމަށާއި ގިނަ އަދަދެއްގެ މީހުންގެ ތެރޭގައި ވަރަށް މަގުބޫލުކަމަށާއި ސަރުކާރުން ގެންގުޅެމުންދަނީ މި ވިސްނުންކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ރައީސް ޑރ މުއިއްޒުވަނީ މިކަން ފަހިކުރުމުގެ ގޮތުން ޕްލޭނެއް ކަނޑައަޅުއްވާފައިކަމަށާއި އެކަމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށެވެ. އަމީން ވިދާޅުވީ، ކުރިއަށް އޮތް އަހަރު ފެށޭ ހިސާބުގައި ޑްރިފްޓުކުރުމަށް ވަކި ސަރަހައްދަކާއި ރޭސްޖެހުމަށްވެސް ވަކި ސަރަހައްދެއް ކަނޑައެޅި ޓްރެކްތައް ބިނާކޮށް އެކަމަށްޓަކައި އެދެމުންދާ ޒުވާނުންނަށް އެ މަގުފަހިކޮށް ހުޅުވާލެވިގެންދާނެކަމަށެވެ.

