ރައްޔިތުންގެ މަޖިލީހުން އިދިކޮޅު މައި ޕާޓީ އެމްޑީޕީ ތަމްސީލު ކުރުމަށް ފުރުސަތު ނުލިބޭކަމަށް ބުނުމުގެ ޖާގައެއް ނޯންނާނެކަމަށް މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕަރސަން އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރަށް 1 އަހަރު ފުރުމުގެ މުނާސަބަތުގައި ސަންގުޓީވީން ގެނެސްދިން ޚާއްސަ ކަވަރޭޖަށް ދެއްވި ބަސްދީގަތުމެއްގައި އަބްދުއްރަޙީމް ވިދާޅުވީ، އެމްޑީޕީއަށްވެސް ކުއްލި މައްސަލަތައް ހުށަހަޅައިގެން ކުރިއަށް ދިއުމަށް އެކަށީގެންވާ ފުރުސަތު ދެވިފައިވާ ކަމަށެވެ. އެގޮތުން އެ ޕާޓީން ހުށަހެޅި ކުއްލި މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތައް ބަލައިގަނެ، އެ މައްސަލަތަކަށް މަޖިލީހުގައި ބަހުސް ކުރެވިފައިވާނެކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ.
އޭގެ އިތުރުން، މަޖިލީހުން ބަލައިނުގަނެ ދޫކޮށްލާފައިވާނީވެސް އެއްވެސް އަސާސެއްނެތި، ހަމައެކަނި ސަރުކާރަށް ފާޑުކިއުމުގެ ނިޔަތުގައި ހުށަހެޅި މައްސަލަތައް ކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ.
އޭގެ އިތުރުން، މަޖިލީހުގެ ޤަވާއިދު ލާޒިމުކޮށްފައިވާ މިންވަރަށްވުރެވެސް އިތުރަށް ކޮމިޓީތަކުންވެސް ފުރުސަތު ދެވިފައިވާނެކަން ފާހަގަ ކުރެއްވިއެވެ. އަދި ކޮމިޓީތަކަށް އެމްޑީޕީގެ ފަރާތުން މައްސަލައެއް ހުށަހެޅި ނަމަވެސް އެ މައްސަލަވެސް ކުރިއަށްދާނެކަމަށް ވިދާޅުވިއެވެ.
އެއްގޮތަކަށްވެސް 20 ވަނަ ރައްޔިތުންގެ މަޖިލީހުން އެމްޑީޕީއަށް ފުރުސަތެއް ނުލިބެއޭ ބުނާކަށް ޖާގައެއް ނޯންނާނެ
ހަމައެއާއެކު، ރައްޔިތުންގެ މަޖިލީހުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައިވެސް އެމްޑީޕީ ބައިވެރިކުރާ ކަމަށާއި، މަޖިލީހުން އެކަށީގެންވާ ގޮތެއްގައި ފުރުސަތު ދެވިފައިވާކަމަށްވެސް އަބްދުއްރަޙީމްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
އަބްދުއްރަޙީމް ވިދާޅުވީ، ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާއާ އެއްގޮތްވާ ގޮތުގެ މަތިން ބިލުތައް މަޖިލީހަށް ފޮނުވަމުންދާ ކަމަށާއި، އެހެންކަމުން މަޖިލީހުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށެވެ.
އޭގެ އިތުރުން، ސަރުކާރުގެ ވައުދުތައް އެންމެ އެކަށީގެންވާ ގޮތެއްގައި ފުއްދޭނީ ސަރުކާރަށް އެއްބާރުލުންދޭ މަޖިލީހެއް އޮވެގެންކަމަށް ޤަބޫލު ކުރެވޭ ކަމަށްވެސް އަބްދުއްރަޙީމް ފާހަގަ ކުރެއްވިއެވެ.

