ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި، 4000 ފްލެޓު ލިބޭކަމަށް ލިސްޓު ކުރި މީހުންގެ ތެރޭގައި ފޯމު ހުށަނާޅައި ހަމައެކަނި އައިޑީކާޑު ދައްކައިގެން ވެސް ފްލެޓު ދޫކޮށްފައި އެބަހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގިނަ ބައެއްގެ ކަންބޮޑުވުން ހުރި މި މައްސަލައިގެ ތެރެއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވަދެ ހިންގި ތަހުގީގަށް ފަހު ބުނެފައި ވަނީ ލިސްޓުގައި ނަން ހިމެނޭ ގިނަ މީހުންނަކީ އޮންނަ އުސޫލުން ފްލެޓު ލިބުނު މީހުން ނޫން ކަމަށެވެ. މި މައްސަލައިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުން ބުނެފައިވަނީ ފުލެޓަށް އެދި ހުށައަޅާފައިވާ ފޯމުގައި ޝަރުތުހަމަ ނުވާ އެތައް ބައިތަކަކަށް ޕޮއިންޓު ދީފައިވާކަމަށާއި ޕޮއިންޓު ދީފައި ވަނީ ކޮން އަސާސްތަކެއްގެ މައްޗަށްކަން ސާފުނުވާކަމަށެވެ.
ކުރީގެ ސަރުކާރުން ފުލެޓު ދޭން ނިންމާފައިވާ މީހުންގެ ތެރެއިން 60 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާ ކަމަށް އޭސީސީން ބުނެފައިވެއެވެ.
ސަރުކާރަށް އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މައްސަލައިގައި އޭސީސީ ވެސް ކުރަން ޖެހޭ ގިނަ ތަހުގީގުތައް އެބަހުރިކަމަށެވެ.
މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވިފައި ހުރި އުސޫލާއި ހިލާފު ބައެއް ކަންކަމުގެ ތަފްސީލު ދެއްވައި ރައީސް ވިދާޅުވީ ކުރީ ސަރުކާރުން އެކުލަވާލި ގެދޮރުވެރިޔާ ކޮމިޓީގައި ހިމެނޭ ސިޔާސީ ފަރާތްތަކަށް ލިބޭ ގޮތަށް މާކްސް ބަދަލުކޮށްފައިވާކަމަށެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ނެރޭނީ ދެފުށް ފެންނަ ލިސްޓެއްކަމަށާއި، އެ މީހެއްގެ ނަމާއި އިންވެގެން ތަފްސީލުތައް ލިޔެފައިވާނެކަމަށެވެ.
މީގެ ކުރިން ވެސް އެތައް މައްސަލައެއް ފެންމަތިވެގެން އައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެއްވެސް ފޯމެއް ހުށަހަނާޅައި ވެސް ފްލެޓުތައް ދޫކޮށްފައިވާކަމަށް ރައީސް މިރޭ ވިދާޅުވި އެވެ. އެ މީހުންނަށް މި ފްލެޓުތައް ދޫކޮށްފައި ވަނީ ރައީސް ވިދާޅުވި ގޮތުގައި ސިޔާސީ ގޮތުން ނުފޫޒު ގަދަ އާއިލާއަކަށް ވީތީ ނުވަތަ ސިޔާސީ ގޮތުން މަންފާ ނެގޭ ފަދަ މަގާމެއްގައި ހުރުމުގެ ސަބަބުންނެވެ.
ފްލެޓު ދޫކުރުމަށް ގޮވާލައި، އެމްޑީޕީ އިހުތިތާޖު ކުރަމުން ގެންދާތީ އެކަމަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ ގޯސްތަކެއް ހަދައި ބޮޑެތި އޮޅުވާލުންތައް އޮޅުވާލީ ކުރީ ސަރުކާރުން ކަމަށެވެ. ޕޯޓަލްގެ ބެކްއެންޑުން މައުލޫމާތުތައް ބަދަލު ކުރުމަށް މަސައްކަތް ކުރުމާއި، ފްލެޓު ކޮމިޓީގައި ތިބި މެމްބަރުންނަށް ފައިދާވާނެ ގޮތަށް ޕޮއިންޓު ދީފައި ހުރިއިރު ރައީސް ސުވާލު އުފެއްދެވީ މިއަދު އެމްޑީޕީ ދައްކަމުން ދާ ވާހަކައާއި މެދުއެވެ.
ކޮންމެ މީހެއްގެ ތަފްސީލު ހޮވުނުގޮތް ވެސް ނުހޮވުނު ގޮތް ވެސް.. އުސޫލާއި ހިލާފަށް، ސިޔާސީ ފަރާތްތަކުގެ އާއިލީ މީހުންނަށް ފްލެޓު ދީފައިއެބަހުރި.. އުސޫލާއި ހިލާފަށް މި ދެންނެވި ނުފޫޒު ގަދަ އައިލާތަކުގެ، އެއް އާއިލާއެއްގެ އެތައް މެމްބަރުންނަށް ފްލެޓު ދީފައި އެބަހުރި، ޕޯޓަލްއަށް ހުށަހެޅި ފޯމުތަކުގެ އިތުރަށް ފްލެޓުދީފައި އެބަހުރި.. މިއީކޮށްފައި ހުރި ކަންތައް.. ފޯމު ހުށަނާޅައި، ހަމައެކަނި އައިޑީކާޑަށް ވެސް ފްލެޓުދީފައި އެބަހުރި.. އަދި އައިޑީކާޑުގެ އެއްފަޅި.. ދެން އެބޭފުޅުން ކޮން ވާހަކައެއްތޯ މި ދައްކަނީ.. ޕޯޓަލްގެ ބެކްއެންޑުން މާކްޝީޓު ބަދަލުކޮށްފައި އެބަހުރި..
ވެރިކަމަށް އައުމަށް ގިނަ މުހިންމު ވައުދުތައްވިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެމަނިކުފާނުގެ އެންމެ ބޮޑު ސަމާލުކަމެއް ދިނީ ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ކަމަށެވެ. އެހެންކަމުން އެ ވައުދާއި އެއްގޮތަށް، ހުރިހާ ކަމެއް ފުރިހަމަ ކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވައުދަކީ ގޯއްޗާއި، ފްލެޓު އިންސާފު

