ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށައަޅާފައިވާ މީޑިއާ ބިލަކީ ރައީސް ގަބޫލުފުޅު ކުރައްވާ ސިޔާސަތުތަކެއް ހުރި ބިލެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އަހަރެއް ވުމާއި ގުޅިގެން ބޭއްވި ހާއްސަ ޖަލްސާގައި ރައީސް ވިދާޅުވީ އެއްވެސް ސަރުކާރެއްގައި މައުލޫމާތު ހާމަނުކުރާ މިންވަރަށް މި ސަރުކާރުން ދަނީ މައުލޫމާތު ހާމަކުރަމުން ކަމަށެވެ. ސަރުކާރު ހިންގަމުންދަނީ ދެފުއްފެންނަ ގޮތަކަށް ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އެކަން ކުރައްވާނީ އެގޮތަށް ކަމަށް ރައިސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށައަޅާފައިވާ މީޑިއާ ބިލަކީ ރައީސް ގަބޫލުފުޅު ކުރައްވާ ސިޔާސަތުތަކެއް ހުރި ބިލެއް ނޫން ކަމަށާއި މީޑިއާތައް ކޮންޓްރޯލް ކުރައްވަން ނޫޅުއްވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ބޭނުންފުޅުވެ ވަޑައިގަންނަވަނީ މިހާރަށްވުރެވެސް މާބޮޑަށް މީޑިއާތަކަށް މިނިވަންކަން ދޭން ކަމަށެވެ.
ރައީސް ވިދާޅުވީ މަސައްކަރް ކުރައްވަމުން ގެންދަވަނީ މީޑިއާތައް ބާރުވެރިކުރުވުމަށް ކަމަށެވެ. މީޑިއާތައް ބާރުވެރިކުރުމަށްޓަކައި މިހާރު ހުށައަޅާފައިވާ ބަޖެޓުގައި ފުރަތަމަ ފަހަރަށް ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ވަކި ވަރެއް ދިނުމަށް ކަނޑައަޅައިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
މީޑިއާތަކަށް ޖާގައިގެ ތަކުލީފެއް ނުޖެހޭގޮތަށް އެ ޖާގަތަނަވަސް އިމާރާތެއް ގާއިމްކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

