އެމަނިކުފާނު މަޤާމެއް ދެއްވާފައިވާ އެއްވެސް މީހަކު ޝަރުޢީދާއިރާގެ ތެރެއަށް ނުފޫޒެއް ނުފޯރުވާނެކަމަށާއި އެފަދަކަމެއް ފާހަގަވެއްޖެނަމަ އެ ފަރާތެއް ވަޒީފާއިން ދުރުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެފަދައިން ވިދާޅުވީ ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރު އައި ދުވަހުން ފެށިގެން ޝަރުޢީ ދާއިރާއަށް ނުފޫޒުފޯރުވުން ނިމުމަކަށް ގެނެވިފައިވާ ކަމަށެވެ. އަދި ސިޔާސީ މަޤާމެއްގައި ހުުރި މީހަކު ޝަރުއީ ދާއިރާއަށް ނުފޫޫޒު ފޯރުވައިފިނަމަ އެމީހަކު މަޤާމުން ވަކި ކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު، މި ސަރުކާރު ކުރިއަށްގެންދާނީ ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންގެ އަޑުއަހައިގެންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވަނީ ދެފުށްފެންނަ ސަރުކާރެއްގެ ގޮތުގައި މި ސަރުކާރު ކުރިއަށްގެންދިއުމަށް ކުރައްވާ މަސައްކަތްޕުޅުތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ރައްޔިތުން ހުށަހަޅާފައިވާ އާރް.ޓީ.އައި. ތަކުގެތެރެއިން ގާތްގަނޑަކަށް 91 އިންސަތަ އާރް.ޓީ.އައި. އަށް ޖަވާބުދާރީވެވަޑައިގެންފައިވާކަން ހާމަކުރައްވާފައެވެ.
ހަމަ އެއާއެކު ސަރުކާރުގެ ވެބަސައިޓުގެ ނަމުގައި ވެބަސައިޓެއް ޤާއިމުކުރައްވާފައި ވާނެކަމަށާއި، ވަޒީރުންގެ މަޖިލީހުގެ ނިންމެވުންތަކަށް ޚާއްޞަ ވެބްސައިޓެއް ހައްދަވާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުންވެސް 791 ފަހަރު ވުޒާރާތަކުންނާއި ވަޒީރުން އެކި މީޑިއާތަކަށް މަޢުލޫމާތުދީފައިވާކަމަށާއި 73 ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ އަޑު ޕޯޓަލުންވެސް ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދާރީވަމުންގެންދަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުުގައި ރާއްޖޭގައި ދުވަހަކުވެސް މަޢުލޫމާތު ހާމަނުކުރާވަރަށް މި ސަރުކާރުން ދަނީ މަޢުލޫމާތު ހާމަކުރަމުންނެވެ.

