ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހެއްގެ ބަލި ޙާލަތާ ގުޅޭގޮތުން އެމީހަކު ދައްކާ ވާހަކައަށް ދައުލަތުން ރައްދު ނުދިނުމަކީ އޭނާ ބަންދުން ދޫކޮށްލެވޭނެ ސަބަބެއް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުުން ނިންމައިފިއެވެ.
މި މައްސަލައިގައި މަސްތުވާތަކެތި ބޭނުންކޮށް، އޭގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކޮށްފައިވަނީ ސ ހުޅުމީދޫ ހުސައިން ސާޙިބުއެވެ. އޭނާ ހައްޔަރު ކުރުމަށްފަހު ދަށު ކޯޓު (ސ ހުޅުދޫ މެޖިސްޓްރޭޓް ކޯޓުން) އެކި ފަހަރުމަތިން އޭނާގެ ބަންދުގެ މުއްދަތު އިިތުރުކޮށްދީފައިވެއެވެ. އެއަށްފަހު އޭނާ ޝަރީއަތް ނިމެންދެން ބަންދުވެސް ކޮށްފައިވެއެވެ.
އޭގެ ފަހުން އެކި ފަހަރު މަތިން އޭނާގެ ބަންދު މުރާޖައާކޮށްފައިވާއިރު، ކޮންމެ ފަހަރަކުވެސް ދަށު ކޯޓުުން ނިންމާފައިވަނީ އޭނާގެ ބަންދު ދެމެހެއްޓުމަށެވެ. އެހެންނަމަވެސް އެންމެ ފަހުން ބަންދު މުރާޖައާކުރިއިރު، އޭނާގެ ބަލި ޙާލަތާ ގުޅިގެން ދެއްކި ވާހަކަތަކަށް ދައުލަތުން ވަކި އެއްޗެއް ބުނެފައިނުވާތީ ދަށު ކޯޓުން ނިންމީ އޭނާ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށެވެ. އެހެންވެ ދައުލަތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރީއެވެ.
މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ، ޝަރީޢަތް ނިމެންދެން ބަންދުކުރި ސަބަބު ފިލައި ނުދަނީސް ނުވަތަ އެސަބަބު ބަދަލު ނުވަނީސް، ބަލި ޙާލަތާއި ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކަށް ދައުލަތުން ރައްދު ނުދޭކަމަށް ބުނެ، ނޫނީ އޭނާ ބަންދުގައި ހުންނަތާ އެތައް ޒަމާނެއްވެއްޖެކަމަށް ބުނެ ބަންދުން ދޫކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އޭގެ އިތުރުން، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހެއްގެ ބަލި ޙާލަތާއި ގުޅުވައި ބަންދުގައި ހުންނަންޖެހޭ މީހަކު ދޫކޮށްލުމަކީ ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫންކަމަށް މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމެއްގައިވެސް ބަޔާންކޮށްފައިވެއެވެ. ހަމައެއާއެކު، މީހަކު ޝަރީޢަތް ނިމެންދެން ބަންދުކުރި ސަބަބު ވުޖޫދުގައި އޮތްނަމަ އެމީހަކު ހުންނަންވާނީ ބަންދުގައިކަމަށްވެސް ސުޕްރީމް ކޯޓުގެ ޙުކުމެއްގައިވެއެވެ.
އެހެންކަމުން ދައުވާ އުފުލާފައިވާ މީހާގެ ބަލިހާލަތުގެ ވާހަކާއި ގުޅިގެން ދައުލަތުގެ ފަރާތުން ޙާޟިރުވި ވަކީލު ރައްދެއް ނުދޭކަމަށް ބުނެ، ސުޕްރީމް ކޯޓުން ކަނޑައަޅައި ޤާނޫނީ ބާރު ލިބިދީފައިވާ އުޞޫލެއް ދޫކޮށްލުމަކީ ދަށު ކޯޓުގެ ފަނޑިޔާރަކަށް ކުރެވޭނެ ކަމެއްނޫންކަން ޙުކުމުގައި ފާހަގަކޮށްފައިިވެއެވެ.
ކަން އެހެން ހުރުމުން ހައިކޯޓުން ވަނީ މި މައްސަލައިގައި ތުުހުމަތުވާ މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި ބަންދުން ދޫކޮށްލުމަށް ދަށު ކޯޓުން ކުރި އަމުރު ބާތިލުކޮށް، އަލުން އޭނާގެ ބަންދު މުރާޖައާ ކުރުމަށް އަންގަވައި މައްސަލައިގައި ޙުކުމްކޮށްފައެވެ.

