ގާނޫނުތައް ތަންފީޒު ނުކުރެވޭ އެންމެ ބޮޑު ސަބަބަކީ، ބޭރުގެ ގައުމުތަކުގެ މުޖްތަމައުއަށް ފެތޭ ގޮތަށް ހުރި މާއްދާތައް ރާއްޖޭގެ ނިޒާމުގެ ތެރެއަށް ފެއްތުންކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އަހަރު ފުރި، ވުޒާރާތަކުގެ މިދިޔަ އަހަރެއްގެ ތެރޭގެ މަސަައްކަތްތަކާއި ގުޅޭގޮތުން ”ސަންގު“ ޓިވީން ގެނެސްދިން ހާއްސަ ކަވަރޭޖުގައި އިހުސާން ފާހަގަކުރެއްވީ، ގާނޫނުތައް ގެނައުމުގައި ރާއްޖޭގެ ނިޒާމާއި މުޖްތަމައުގެ ތެރޭގައި ހިނގާ ކުށްތަކަށް ބަލަން ޖެހޭ މިންވަރެވެ. އަދި ވަކި ހާދިސާއަކާއި އެކު އަވަސް އަރުވާލައި ގެންނަ ގާނޫނުތަކުގެ ސަބަބުން، އެ ބޭނުން ކުރަން ޖެހޭ ވަގުތު އިތުރު އިސްލާހުތަކެއް ބޭނުންވާކަން އެނގި އިތުރު މައްސަލަތަކެއް ދިމާވާކަމަށް އިހުސާން ވިދާޅުވިއެވެ.
ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ އެންމެ ބޮޑު މައްސަލައަކީ އިހުސާން ވިދާޅުވި ގޮތުގައި، ގާނޫނުތައް ފަރުމާކުރުމުގައި ބޭރު ގައުމުތަކުގައި އަމަލު ކުރާ ގޮތް އިސްލާހުތަކުގެ ގޮތުގައި ގެނައުމެވެ. އިހުސާން ވިދާޅުވީ ރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއަށް ގެންނަ އެ ބަދަލުތަކަކީ، އެ ގައުމެއްގައި ހުރި ވަކި ތަރުތީބުތަކެއްގެ މައްޗަށް ގެނެސްފައި ހުރި މާއްދާތަކެއްކަމަށެވެ.
އިހުސާން ވިދާޅުވީ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ މުޖުތަމައުއަށް މި ގާނޫނުތައް ނުފެތޭކަމަށެވެ. މިސާލެއްގެ ގޮތުގައި ކުޑަކުދިންގެ އަދުލުގެ ގާނޫނު ފާހަގަކުރައްވައި އިހުސާން ވިދާޅުވީ ޓައިމްލައިނެއް ދީ އެ މުއްދަތުގެ ތެރޭގައި ސެންޓަރުތަކާއި އެކި ލެވެލްތަކުގެ ޖަލުތައް ގާއިމު ކުރުމަށް ލާޒިމް ކުރާކަމަށެވެ. އެހެން ނަމަވެސް ދީފައިވާ މުއްދަތުގެ ތެރޭގައި އެކަން ކުރެވޭނެ ގާބިލުކަމާއި އެ ފައިސާ، ދައުލަތުގެ ނެތްކަމަށް އިހުސާން ވިދާޅުވިއެވެ. އޭގެ ސަބަބުން އެ އިންތިޒާމު ހަމަނުޖެހިގެން، އިދާރާތަކުން އިތުރު އެހެނިހެން ފިޔަވަޅު އަޅައި މަސައްކަތް ފަށައިގަންނަން ޖެހޭކަމަށް އިހުސާން ވިދާޅުވިއެވެ.
މިސާލަކަށް ބައެއް ގާނޫނުތަކުން އަޅުގަނޑުމެންނަށް މެންޑޭޓުކޮށްފާނެ، މިވެނި ގޮތަކަށޭ ގައިދީންނާ ދޭތެރޭގައި ނުވަތަ ރިހެބިލިޓޭޝަން ޕްރޮސެސްއެއް ގެންދަން ވާނީ.. ގެންދާއިރު އެކަމަށް ބޭނުންވާ ޓެކްނިކަލް ސްކިލްއާއި، ނޯހައު މީހުންނެއް ވެސް އެވަރަކަށް ރާއްޖެއަކު ނެތް.. އަދި ލިބޭކަށް ވެސް ފަސޭހަކަމެއް ނޫންއެއިކީ.. ނިޒާމުގެ ތެރެއަށް މިކަންކަން ގެންނާށޭ ބުނާއިރުގަ އަޅުގަނޑުމެންގެ މުޅި ސޮސައިޓީ ބިނާވެފައި މިއޮތީ އެގޮތަކަށް ނޫން.. އެހެންވީމަ ބައެއް ގާނޫނުތައް ހެދިގެން އަންނައިރުގަ އަޅުގަނޑުމެން ވިސްނާލަން ޖެހޭ ކަންކަން މިހުންނަނީ..
އިހުސާން ވިދާޅުވީ ރައީސް މުއިއްޒުގެ އިރުޝާދާއި އެއްގޮތަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވެސް އެކަންކަމާއި މެދު ފުންކޮށް ވިސްނާވާޑައިގެން، އިސްލާހުތައް ގެނައުމުގައި ރާއްޖޭގެ ނިޒާމަށާއި މާހައުލަށް ފެތުރޭ ގޮތަށް މަސައްކަތް ކުރެއްވުމަށް އިސްކަން ދެއްވާކަމަށެވެ. އަދި ގާނޫނެއް ގެނައުމަށް ފަހު ތަންފީޒު ކުރަން ފަށާތާ، ގިނަ ދުވަހެއް ނުވެ އަނެއްކާ އިތުރު އިސްލާހުތަކެއް ގެންނަން ޖެހޭ ހާލަތުގައި އެފަދަ މަސައްކަތެއް ކުރުމަށް ސަރުކާރުން ބޭނުން ނުވާކަމަށް އިހުސާން ވިދާޅުވިއެވެ.
އިތުރު ގާނޫނެއްގެ ގޮތުން ދެން އިހުސާން ފާހަގަކުރެއްވީ، 12 އަހަރުވެފައިވާ ގޭންގު ކުށްތަކާއި ބެހޭ ގާނޫނެވެ. އެހެން ނަމަވެސް މިއަދާއި ހަމައަށް އައިއިރު މިހާތަނަށް ގޭންގަކަށް ނިސްބަތްވާތީކަމަށް ބުނެ، ނުވަތަ ގޭންގު ކުށްތަކެއްގެ ތުހުމަތުގައި ހުކުމެއް އައިސްފައި ނެތްކަމަށް އިހުސާން ވިދާޅުވިއެވެ.
އެހެންވީމަ ފަންޑިމެންޓަލީ މީގައި ގާނޫނުގައި މައްސަލައެއް އެބައޮތްކަން ގަބޫލު ކުރަން ޖެހޭ އަޅުގަނޑުމެން.. އެހެންވީމަ ކުރިޔަށް އޮތްތަނުގައި ވެސް ވިސްނާލަން ޖެހޭކަމެއް އެއީ ޕްރެކްޓިކަލީ އިމްޕްލިމެންޓްވާކަހަލަ އަދި ދިވެހި ދައުލަތުގެ ހާލަތު އެނގިގެން، ދައުލަތުގެ ފައިސާ ހުރީ ވަކި މިންވަރަކަށްކަން އެނގިގެން އެކަން ކުރަން އަޅުގަނޑުމެން ހިފާނީ..
ރައްޔިތުންގެ މަޖިލީހުގެ ހިނގަމުން ދާ މި ދައުރަށް ސަރުކާރުން ވަނީ މިފަދަ އެކި މައްސަލަތައް ހައްލު ކުރުމަށް ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ހުށަހެޅުމަށް ނިންމާފަ އެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ ގާނޫނަށް ހުށަހަޅާ އިސްލާހާއި، ގެންގުތަކާއި ބެގޭ ގާނޫނުގައި ގޭންގަކީ ކޮބައިކަމާއި، ގޭންގު މެމްބަރެއްކަމަށް ބެލެވޭ ހާލަތްތައް ބަޔާން ކުރާ އިސްލާހުގެ ބިލު ހިމެނެއެވެ.

