ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ މަޤާމުތަކުގައި ތިއްބަވައި ދައުލަތާ ދެކޮޅަށް ވަކާލާތު ކުރުމުގެ ބަހުސް: ދެން ވާންވީ ކިހިނެއް؟

ދިވެހިރާއްޖޭގެ ހައިކޯޓު:ފޮޓޯ/ ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

”ދައުލަތުގެ ސިޔާސީ މަޤާމެއްގައި ހުންނަވައި ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ“،

ޑެޕިއުޓީ މިނިސްޓަރު ދައުލަތާ ދެކޮޅަށް ވަކާލާތުކުރާ މައްސަލަ ބަލަނީ“،

ދިފާއީ ވަކީލަކީ ސިޔާސީ މަޤާމެއްގައި ހުރި ފަރާތަަކަށް ވާތީ ދައުލަތުގެ އިއުތިރާޒެއް!“

މިއީ ނޫސްތަކުގެ ފަލަސުރުޙީގައި މި ފަހުން ފަތުއަޑުކިޔާފައި ދައުރުވަމުން ދިޔަ ސުރުޙީތަކެކެވެ. މިއީ ކުރިންވެސް ހިނގަމުން އައި ކަންކަމެވެ. ނަމަވެސް މިފަހުން ގާތްގާތުގައި ހިނގި ބައެއް ޝަރީއަތްތަކާއި އާންމު މަސްލަޙަތު ބޮޑު މައްސަލަތަކަކާއި ގުޅިގެން މި ވާހަކައިގެ އަޑުމިވަނީ އިތުރަށް ގަދަވެފައެވެ. ވަކިން ޚާއްސަކޮށް ޤާނޫނީ ފަންނުގެ ޤާނޫނެއް ވުޖޫދުވެ، އޭގެ ދަށުން ތަފްސީލީ ޤަވާއިދުތަކެއް އެކުލަވާލެވިފައިވުމާއެކުވެސް، މި މައްސަލައިގެ ބަހުސް ވަނީ އިތުރަށް ފޯރިގަދަވެފައެވެ.

މި ފަހުން ހިނގި ބައެއް މައްސަލަތަކަށް ބަލާލާނަމެވެ. އެގޮތުން ޓެކުހާގުޅޭ މައްސަލައެއްގައި އަމިއްލަ ކުންފުންޏަކުން މީރާއާ ދެކޮޅަށް ހައި ކޯޓަށް މައްސަލައެއް ހުށަހެޅިއިރު، އެ މައްސަލައިގައި ދައުލަތާ ދެކޮޅަށް ވަކާލާތު ކުރައްވަން ހުންނެވީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެކެވެ. އެ މައްސަލަ އޭރު ފެންމަތިވުމުން އެކަމުގައި ސަރުކާރުން ދެކޭގޮތް ނޫސްވެރިންވެސް އޮޅުންފިލުވާފައިވެއެވެ.

އޭރު ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދުވެސް ވިދާޅުވީ، ދައުލަތުގެ އެއްވެސް މަގާމެއްގައި ހުންނަ މީހަކު ދައުލަތުގެ މުއައްސަސާއަކާ ދެކޮޅަށް ޝަރީއަތުގައި ވަކާލާތު ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ސިޔާސީ މީހުން ވެސް ހިމެނޭ ގޮތަށްކަމަށް ހީނާ ވިދާޅުވިއެވެ.

އޭގެ ފަހުން ދެން ފެންމަތިވި އަނެއް މައްސަލައަކީ އެންވަޔަރމަންޓް މިނިސްޓްރީގެ ޑެޕިިއުޓީީ މިނިސްޓަރަކު ދައުލަތާ ދެކޮޅަށް ހައިކޯޓުގައި ވަކާލާތު ކުރެއްވި މައްސަލައެކެވެ. އެފަހަރު އެއީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ ލިބޭ މީހާގެ ދިފާއުގައި އޭނާ ދައުލަތާ ދެކޮޅަށް ވަކާލާތު ކުރެއްވި މައްސަލައެކެވެ. އެކަމުގައި ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނެންގެވި އިއުތިރާޒާ ގުޅިގެން  ދިވެހިރާއްޖޭގެ ހައިކޯޓުންވެސް ނިންމީ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާ ސިޔާސީ މަޤާމެއްގައި ހުންނަވައި ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށާއި، އެހެންކަމުން އެ މައްސަލައިން ވަކީލު ވަކިވެލަން ޖެހޭ ކަަމަށެވެ.

އެހެންކަމުން ހައިިކޯޓުގައި ކުރިއަށްދިޔަ މައްސަލައިން ވަކީލު ވަކިވެވަޑައިގަތީއެވެ. ނަމަވެސް ދެން ފެނިގެން ދިޔައީ ހިޔާނާތުގެ މައްސަލައެއްގައި ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމެއްގައި ދައުވާލިބޭ މީހާ ތަމްސީލު ކުރައްވަން ހަމަ އެ ވަކީލު ވަޑައިގެންނެވި ތަނެވެ. އަނެއްކާވެސް ފެނިގެންދިޔައީ ހައިކޯޓުން ނިންމި ނިންމުމާ ޙަވާލާދީ ދައުލަތުން ހަމަ އެއްކަލަ އިއުތިރާޒު ނެންނެވި ތަނެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ނިންމީ ވަކީލަކު އައްޔަނު ކުރުމަކީ މުވައްކިލަށް ލިބިގެންވާ ޙައްޤެއް ކަމަށާއި، ހައިކޯޓުން އެގޮތަށް ނިންމާފައިވަނިކޮށްވެސް ވަކީލު ވަކާލާތު ކުރެއްވުމަކީ ވަކީލުގެ ސުލޫކާ ގުޅޭ ކަމެއް ކަމަށެވެ. އަދި ސުލޫކީ މައްސަލަތައް ބާރ ކައުންސިލަށް ހުށަހަޅައިގެން ކުރިއަށް ދިއުމަށް ކްރިމިނަލް ކޯޓުގެ ގާޒީ ދެންނެވިއެވެ.

ހަމައެއާއެކު، ވަކީލަކު މައްސަލައިން ވަކި ކުރެއްވުމަށް ކަނޑައަޅުއްވާނީ އެ މައްސަލައިގެ ޝަރީއަތުގައި ހިނގާ ކަމަކާ ގުޅިގެން ކަމަށާއި، ސުލޫކާ ޚިލާފު ކަންކަމުގައި ގޮތް ކަނޑައަޅަން ވަކި މިނިވަން މުއައްސަސާއެއް އެބައޮތް ކަމަށް ގާޒީ ފާހަގަ ކުރެއްވިއެވެ.

މީގެ ކުރިން ސުޕްރީމް ކޯޓުގައިވެސް މިފަދަ މައްސަލައެއް ބަލާފައިވެއެވެ. ނަމަވެސް އޭރު ސުޕްރީމް ކޯޓުން ނިންމީ ދައުލަތުގެ މުވަޒައްފަކު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރުމަކީ ވަކީލުންގެ ސުލޫކީ މިންގަނޑާ ޚިލާފު ކަމެއްކަމުގައި ބަޔާންވެފައިވާ ޤާނޫނީ ނައްސެއް ނުވަތަ ޤާނޫނީ އުސޫލެއް ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިނުވާ ކަމަށެވެ.

އެހެންނަމަވެސް ސުޕްރީމް ކޯޓުން އެ ނިންމުން ނިންމެވި ފަހުން ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ”ޤާނޫނީ ވަކީލުންގެ ސުލޫކީ ޤަވާއިދު“ އެކުލަވާލައި ތަފްސީލުކޮށްދީފައިވެއެވެ. އެގޮތުން ޤާނޫނީ ފަންނުގެ ދާއިރާގެ އިތުބާރު ނެގެހެއްޓުމާއި މަސްލަހަތު ފުށުއަރާ ކަންކަމުން ދުރުހެލިވުމުގެ ޒިންމާ ޤާނޫނީ ވަކީލުންގެ މައްޗަށް އޮންނާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. ހައިކޯޓުން ނިންމި ނިންމުމުގައިވެސް އެކަން ފާހަގަކޮށްފައިވެއެވެ.

ދައުލަތުގެ މައިގަނޑު އިއުތިރާޒުވެސް ބިނާވެފައި އޮތްކަމަށް ފެންނަނީ މި ދެންނެވި މަސްލަޙަތުގެ ނުކުތާގައެވެ. އެގޮތުން ވަކީލުންނަކީ މަސްލަޙަތު ފުށުުއަރާ މައްސަލަތަކުން އަމިއްލައަށް ތަނާޒުލްވެ، އެފަދަ މައްސަލަތަކުން ދުރުހެލިވެ ތިބެންޖެހޭ ބައެއްކަމަށް ޤާނޫނީ ފަންނުގެ ޤާނޫނުން ބާރު ލިބިގެން ހަދާފައިވާ ޤަވާއިދުގައި ބަޔާންކޮށްފައިވުމާއި، މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް ދަށު ކޯޓުން ބޯލަނބަން ޖެހޭނެކަން މިއީ ދައުލަތުގެ މައިގަނޑު ނުކުތާތަކެވެ.

ދެން ސުވާލަކީ އަނެއްކާވެސް ދައުލަތުން ހަމަ މި މައްސަލަ އިސްތިިއުނާފުކޮށް، ހައިކޯޓުގައި ކުރިން ދެއްކި ވާހަކަތައް ތަކުރާރުކޮށް އަނެއްކާވެސް ހައިކޯޓުން ކުރިން ނިންމާފައި އޮތް ގޮތަށް މި މައްސަލައިގައިވެސް ނިންމާނީބާއެވެ؟ އަދި މިކަން މިގޮތަށް ތަކުރާރުވުން މިއީ އެންމެ އެދެވޭ ގޮތްތޯ މިއީވެސް އުފެދޭ ސުވާލެކެވެ.

އެކަމުގައި ބައެއް ވަކީލުންގެ ވިސްނުން ހުރި ގޮތްވެސް ސާފުކޮށްލީމެވެ. އެގޮތުން ބައެއް ވަކީލުން ދެކޭ ގޮތުގައި އެއީ ދައުލަތުގެ ވަސީލަތްތަކާއި ފަނޑިޔާރުންނާއި، އަދި ކޯޓުގެ ވަގުތު ބޭކާރު ކުރުމެވެ. އެބޭފުޅުން އެހެން ވިދާޅުވާ ސަބަބަކީ، މަތީ މަރުޙަލާގެ ކޯޓަކުން މައްސަލައެއް ނިންމާފައިވަނިކޮށް، އެ ނިންމުމަށް ރިއާޔަތް ނުކޮށް ދަށު ކޯޓުން ނިންމުމެއް ނިންމުމުން، އަނެއްކާވެސް މަތީ މަރުޙަލާގެ ކޯޓަށް ގޮސް އެއް ވާހަކަތަކެއް ތަކުރާރުކުރަން ޖެހުމެވެ.

ދެން އޮތީ މުވައްކިލުންގެ ވާހަކައެވެ. ބައެއް ބޭފުޅުން ދެކިލައްވާ ގޮތުގައި މުވައްކިލުންނަށް އެމީހުން ތަމްސީލު ކުރާނެ ވަކީލެއް އައްޔަނު ކުރުމުގެ އިހުތިޔާރު އޮންނާނެއެވެ. އެހެންކަމުން މިކަމުގައި ދިމާވެދާނެ މައްސަލަތައް ޙައްލު ކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވޭނެ ބަޔަކީ ވަކީލުންކަމަށް އެބޭފުޅުން ވިދާޅުވެއެވެ. އެގޮތުން މަސްލަޙަތު ހިމެނޭ މައްސަލަތަކުން ދުރުހެލިވުމާއި، މަތީ މަރުޙަލާގެ ކޯޓުން ސީދާ ނިންމާފައިވާ ނިންމުންތަކެއް އޮއްވައި، އެއަށް ބޯލަނބައި އަމަލު ކުރުމަކީ ވަކީލު އަމިއްލަ ސުލޫކުގެ ދަށުން ކުރަންޖެހޭނެ ކަމެއްކަމަށް އެ ނަޒަރިއްޔާތުން ވިސްނާ ބޭފުޅުން ވިދާޅުވިއެވެ.

ކޮންމެއަކަސް މި ނޫނަސް ގާތް ގާތުގައި މިފަދަ އެތައް މައްސަލައެއް މިފަހުން ފެންމަތިވެފައިވާއިރު، މިކަމުގައި އަބަދު އެއް ސުރުޙީތަކެއް މިގޮތަށް ފެނުމުގެ ބަދަލުގައި މުޅި މައްސަލައިގެ ޙައްލެއް އަންނަންޖެހެއެވެ. މަތީ މަރުޙަލާގެ ކޯޓެއްގެ ނިންމުމާއެކުވެސް މިކަން ތަކުރާރުވަމުން ދިއުމަކީ އެތައް ބައެއްގެ އަގުުހުރި ވަގުތުތަކެއް ބޭކާރުވެގެންދާނެ ކަމެކެވެ. ޝަރުއީ ނިޒާމުގެ ބާރު ކެނޑިގެންދިއުމަށް މަގުފަހިވާ ފަދަ ކަމެކެވެ. އަދި މުވައްކިލުގެ ޙައްޤުތަކެއްވެސް ގެއްލިގެންދާނެ ކަމެކެވެ.

އެއްގޮޮތަކީ މިކަމަކީ ވަކީލުންގެ ސުލޫކީ މިންގަނޑާ ޚިލާފު ކަމެއްކަން ނުވަތަ ނޫންކަން އެކަމުގެ ބެލެނިވެރި ފަރާތުން އެންމެ ފުރަތަމަ ތަފްސީލުކޮށްދިނުމެވެ. އަދި މިއީ ވަކީލުންގެ ސުލޫކާ ޚިލާފު ކަމެއްނަމަ، އެކަން ތަކުރާރު ނުވާނެ ގޮތަކަށް ވަކީލުންނަށް އިރުޝާދުދީ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ. ސަބަބަކީ ޤާނޫނީ ވަކީލުންގެ ސުލޫކީ ހަމަތަކާ ގުޅޭ އެންމެހައި ކަންކަން ތަންޒީމުކޮށް، ތަންފީޒު ކުރުމުގެ ބާރު ލިބިފައިިވަނީ ބާ ކައުންސިލަށްކަމަށްވާތީއެވެ.

އަނެއް ގޮޮތަކީ މި މައްސަލައިގައި މަތީ މަރުޙަލާގެ ކޯޓަކަށް އަނެއްކާވެސް މައްސަލައެއް ހުށަހެޅިއްޖެނަމަ، މިކަމުގައި މިހާރަށްވުރެވެސް ސާފު، ނިންމުމެއް ނިންމުމެވެ. ސުލޫކާ ގުޅޭ ކަންކަމުގައި ފިޔަވަޅު އަޅަން ވަކި މިނިވަން މުއައްސަސާއެއް އޮޮންނައިރު، މަތީ މަރުޙަލާގެ ނިންމުމެއް ”ބޮލާލާ ޖަހައި“ ވަކީލަކު ހަމަ ކޯޓަށް ވަޑައިގެން ވަކާލާތު ކުރައްވާނަމަ އެކަމަކީ ކޮންމެ ގޮތެއް ވިޔަސް ޙައްލު އަންނަންޖެހޭ މައްސަލައެއްކަން ޔަޤީނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: