މިއަދު ގެނެވުނު އިސްލާހަކީ ސިޔާސީ މުއައްސަސާތަކުގެ ނަޒާޙަތްތެރިކަން ރައްކާތެރިކުރުމަށް ލިބުނު ތާރީޚީ ފުރުޞަތެއްކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޕާޓީ ބަދަލު ނުކުރެވޭގޮތަށް ޤާނޫނު އަސާސީއަށް އިސްލާޙެއް ހުށަހެޅުއްވިކަމަށްޓަކާ ސަރުކާރަށް ޝުކުރު އަދާކުރާކަމަށެވެ. ފަހުމީ ވިދާޅުވީ މިއީ އަޅުގަނޑުމެންގެ ޑިމޮކްރަސީ ހަރުދަނާކޮށް، މިހާރު އަމަލުކުރަމުންދާ އެންޓި ޑިފެކްޝަން ޤާނޫނު އިތުރަށް ފުރިހަމަކޮށް، ޖަވާބުދާރީވުމާއި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމަށް އެޅުނު ތަޢުރީފު ޙައްޤު ފިޔަވަޅެއްކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޕާޓީ ބަދަލު ނުކުރެވޭގޮތަށް ޤާނޫނު އަސާސީއަށް އިސްލާޙެއް ގެނެވުމަކީ، ކޮރަޕްޝަނުން އެއްކިބާވެފައިވާ ޑިމޮކްރަސީއެއް އުފެއްދުމަށާއި ސިޔާސީ ހަމަޖެހުން އިތުރުކުރުމަށާއި ޝަރުޢީ ދާއިރާގެ މިނިވަންކަން ވަރުގަދަކުރުމަށް ބާރު އަޅާނެ މުހިއްމު ބަދަލެއް ކަމަށް ފަހުމީ ދެކެވަޑައިގެންނެވިއެވެ. އިންތިޚާބުވެފައިވާ މަންދޫބުން ދައުރުގެ ތެރޭގައި ޕާޓީ ބަދަލުކުރުމަކީ އާންމުންގެ އިތުބާރު ގެއްލި، ވެރިކަން ހިންގުމަށް ބުރޫއަރައި އަދި އާންމު އަޚްލާޤާއި ޚިލާފު ގޯސް ކަންތައްތަކަށް މަގުފަހިކޮށްދޭނެކަމެއްކަމަށް ވިދާޅުވިއެވެ.
މިއާއިއެކު ސީދާ މި ގޮންޖެހުންތަކަށް ޙައްލު ހޯދައިދެނީ، ގިނަ ފަހަރު އަމިއްލަ އެދުން އިސްކޮށް، ވަގުތީ މަންފާއަށް ޕާޓީ ބަދަލުކުރާ ކުރުން ހުއްޓުވައިގެންކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ޤާނޫނު ހަދާ މަރުޙަލާގައި ހާމަކަން ބޮޑުކަމާއި ޖަވާބުދާރީވުން ކުރިއެރުވުމުން، މި އިސްލާޙުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެމީހުންގެ މެންޑޭޓާއި، އެމީހުން ޚިދުމަތްކުރާ ރައްޔިތުންނަށް ވަޢުދުވީ ކަންކަން ކުރުމުގައި ދެމި ތިބޭނެކަން ކަށަވަރުކޮށްދީ، ސިޔާސީ މާޙައުލު ހަމަޖައްސައިދޭނެކަމަށެވެ.
މީގެ އިތުރުން މި އިސްލާޙުގެ ސަބަބުން ޝަރުޢީ ދާއިރާގެ މިނިވަންކަން ވަރަށް ބޮޑަށް ކަށަވަރުކުރެވިގެންދާނެކަމަށާއި، ދެފުށް ފެންނަ، ޒިންމާދާރު ޤާނޫނު ހަދާ މަޖިލީހެއް ދެމި އޮތުމަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ، ޤާނޫނުތައް ނެގެހެއްޓުމުގެ ފުރުޞަތު ޝަރުއީ ދާއިރާއަށް ފަހިކުރާނެކަމެއްކަމަށް ފަހުމީ ވިދާޅުވިއެވެ. އެހެން ޤައުމުތަކުގައި ހަދާފައިވާ މިފަދަ ޤާނޫނުތަކަކީވެސް ޒިންމާދާރު، ދެމެހެއްޓެނިވި، ހަމަޖެހޭ ޑިމޮކްރަސީއެއް ހިންގުމުގައި މުހިއްމު ދައުރެއް އަދާކުރާ އެއްޗެއްކަން ވަރަށް ހަމަކޮށް ދަނީ ފެންނަމުންކަމަށްވެސް ވިދާޅުވިއެވެ.
މިއީ ރާއްޖޭގެ ޑިމޮކްރެޓިކް އޮނިގަނޑު ހަރުދަނާކޮށް، ސިޔާސީ މުއައްސަސާތަކުގެ ނަޒާޙަތްތެރިކަން ރައްކާތެރިކުރުމަށް ލިބުނު ތާރީޚީ ފުރުޞަތެއްކަމަށް ފާހަގަކޮށް ފަހުމީ ވަނީ ޤައުމަށް އުޖާލާ، ޒިންމާދާރު އަދި ނަޒާޙަތްތެރި މާދަމާއެއް ހޯދުމަށް މި ފުރުބަތުގެ ބޭނުން ހިއްޕެވުމަށް ގޮވާލާފައެވެ.

