ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވުމަށްފަހު ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މަޖިލީހުގެ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ ތަސްދީގު ކުރައްވައިފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުއެވެ. ބިލުގެ މަސައްކަތް މަޖިލީހުގައި މިއަދު ހެނދުނު ފަށައި، ކޮމިޓީން ނިންމި ގޮތަށް އިސްލާހު ފާސްކުރީ މިއަދުގެ ހަވީރު ބޭއްވި ޖަލްސާގައެވެ.
މި ބިލުން ޤާނޫނުއަސާސީއަށް ވަނީ މައިގަނޑު ފަސް އިޞްލާޙެއް ގެނަސްފައެވެ.
ބިލުގެ އެންމެ ފާހަގަކޮށްލެވޭ އެއް އިޞްލާޙަކީ، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) އަށް އިތުރުކުރެވޭ ބަދަލުތަކެވެ. މި ބަދަލުތަކާއެކު، ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ އާ ތިން ހާލަތެއް އިތުރުކުރެވިފައިވެއެވެ.
މިގޮތުން، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވެފައިވާ މެންބަރަކު އެހެން ޕާޓީއަކަށް ބަދަލުވުމުން ނުވަތަ އަމިއްލަގޮތުން ކުރިމަތިލައިގެން އިންތިޚާބުވި މެންބަރަކު ޕާޓީއަކަށް ބަދަލުވުމުން ނުވަތަ ރައްޔިތުން މަޖިލީހުގެ މެންބަރަކު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ ޢުމުރުގެ ތެރޭގައި، ތަމްސީލުކުރާ ޕާޓީއިން އަމިއްލައަށް ވަކިވުމުން ނުވަތަ ޕާޓީއިން ވަކިކުރުމުން އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ.
މީގެއިތުރުން ހުށަހަޅާފައިވާ އިސްލާހުތަކަކީ:
1. ރާއްޖޭގެ ސަރަހައްދަށް ބަދަލެއް ގެނައުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ ރުހުން ހޯދަންޖެހުން.
2. މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ އާ ދެ ހާލަތު އިތުރުކުރުން:
– އިންތިޚާބުވާ މެންބަރަކު މަޖިލީހުގެ އުމުރުގެ ތެރޭގައި އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުން.
– ޕާޓީން ވަކިކުރުން ނުވަތަ އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކުރުން.
3. ރައީސުލްޖުމްހޫރިއްޔާއަށް އިތުރު ބާރުތަކެއް ދިނުން:
– ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައެޅުން.
– ސަރުކާރުގެ އިދާރާތަކަށް އިރުޝާދު ދިނުން.
– ޤައުމީ ތަރައްޤީގެ ޕްލޭންތަކާއި ތަސައްވުރުތައް އެކަށައެޅުން.
4. ރާއްޖޭގައި އަސްކަރީ ބޭނުމަށް ބޭރުގެ ސިފައިން ތިބުމާ ގުޅޭ ގޮތުން:
– އަސްކަރީ ބޭނުމަކަށް ބޭރުގެ ސިފައިން ތިބެވޭނީ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިގެން.
– އަސްކަރީ ނޫން ހަރަކާތްތަކާއި އެއްބަސްވުންތަކުގެ ދަށުން ހިންގާ ތަމްރީނުތަކުގައި ބޭރުގެ ސިފައިންނަށް ހަރަކާތްތެރިވެވޭނެ.

