މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރާކަމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް، އެންޑް އެނާރޖީ، މިނިސްޓަރ ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާގުޅޭ މުއާހަދާގެ 29 ވަނަ ބައްދަލުވުމުގެ ކޮޕް29 ތެރޭގައި، ފަތުރުވެރިކަމުގެ ދާއިރާގައި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމާ ގުޅޭ މިނިސްޓީރިއަލް ބައްދަލުވުމުގައި ރާއްޖޭގެ އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކޮޕްގެ ރިޔާސަތުން އިންތިޒާމުކޮށްގެން ބޭއްވުނު މި ބައްދަލުވުމުގައި މިނިސްޓަރ ޠާރިޤު ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ތަޤްރީރުކުރައްވާފައެވެ.
އެގޮތުން، ރާއްޖޭގައި ކަނޑޫފާފަދަ ކާބަން ހިފަހައްޓާ މާހައުލުތައް ރައްކާތެރިކޮށް އާލާކުރުމަށް ކުރެވޭ މަސައްކަތްތަކާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ރަށު ފެންވަރުގައި ކުރެވޭ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތައް ފާހަގަކުރައްވާ މިނިސްޓަރު ޠާރިގް ވަނީ މިކަން ހައްލުކުރުމަށް މަސައްކަތްތަކެއް ކުރަން ނިންމަވާފައިވާކަމަށް ވިދާޅުވެފައެވެ.
މިއީ ކޮޕްގެ ހަވާސާގައި، ފަތުރުވެރިކަމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މިނިސްޓީރިއަލް ފެންވަރުގައި ބޭއްވުނު ފުރަތަމަ ބައްދަލުވުމެވެ.

