އިސްލާމީ މަރުކަޒުގެ މުންނާރު ތިރީގައި ހަދާފައިވާ މަސްފެންގަނޑު ސްޓެލްކޯއިން މަރާމާތު ކުރުމަށްފަހު އިސްލާމިކް މިނިސްޓްރީއާއި ހަވާލުކޮށްފިއެވެ.
އިސްލާމީ މަރުކަޒު ގޯތި ތެރޭގައި ބޭއްވި ހަފްލާގައި މަސައްކަތް ނިމުނުކަމުގެ ލިއުން އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ ހަވާލުކޮށްދެއްވައިފައިވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާރ ހުސެއިން ފަހުމީއެވެ. މިއީ ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން މިދިޔަ މަހުގެ ތެރޭގައި ކުރަން ފެށި މަސައްކަތެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ފަހުމީ ވިދާޅުވީ، ސައްތައިންސައްތަ ދިވެހިން މަސައްކަތް ކުރަމުންދާ އެކުންފުނީގެ މުވައްޒަފުން ގައުމީ އަދި ދީނީ ތަރިކަތައް ހަލާކުވެގެންދާތަން ބަލަން ބޭނުން ނުވާ ކަމަށާއި، އެތަނުގެ މަރާމާތުގެ މަސައްކަތް ފެށީ އެ ލޭންޑްމާކްގެ ރީތިކަން އަނބުރާ ގެނައުމަށެވެ. އަދި އެ މަސައްކަތް ކުރުމުގެ ފުރުސަތު ސަރުކާރާއި، މިނިސްޓްރީން ދެއްވި ކަމަށްޓަކައި، ވަނީ ޝުކުރު ދަންނަވާފައެވެ. އަދި އެ މަސައްކަތް ނިންމުމަށްޓަކައި ކުންފުނީގެ ފަރާތުން ބައިވެރިވި ހުރިހާ މުވައްޒަފުންނަށް ވެސް ވަނީ ޝުކުރެއް ދަންނަވާ ފައެވެ.

މީގެ އިތުރުން، މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝަހީމް ވިދާޅުވީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެން ފަހުމީގެ އިސްނެންގުވުމަށް ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްވުރެ ރީތިކޮށް ސްޓެލްކޯއިން އެތަން ހަދާފައިވާ ކަމަށެވެ. އަދި އެ ސަރަހައްދަކީ ގިނަ އަދަދެއްގެ ކުޑަ ކުދިންނާއި މީހުން ޖަމާވާ ސަރަހައްދެއް ކަމުން އެތަނުގެ ރީތިކަން ދެކި، އެ ހިތްހަމަޖެހުން އެ ފަރާތްތަކުން ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން، އިސްލާމީ ބިނާގެ މުންނާރުގެ މަސްފެންގަނޑު ހަލާކުވެފައި ހުރިތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށާއި، ކުރު މުއްދަތެއްގެ ތެރޭގައި ސްޓެލްކޯއިން އެތަން މަރާމާތުކޮށް، އިސްލާމީ މަރުކަޒަށް 40 އަހަރުވުމާއި ގުޅިގެން ބާއްވަން ނިންމަވާފައިވާ ޖަލްސާގެ ކުރިން އެތަން ހުޅުވައިދެއްވި ކަމަށްޓަކައި ވަނީ ޝުކުރު ދަންނަވައިފައެވެ.

