ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެ ގައުމެއްގެ ފައިސާ ބޭނުންކޮށްގެން މުއާމަލާތްތައް ހިންގުމުން ވިޔަފާރި ގުޅުން ވަރުގަދަވެގެންދާނެ: އިންޑިއާގެ މަރުކަޒީ ބެންކު

ފަހުމްނާމާގައި ސޮއިކުރުން: ފޮޓޯ/ އާރްބީއައި
ޝެއާރކޮށްލާ ކަހަލަދޯ؟

އެ ގައުމެއްގެ ފައިސާ ބޭނުންކޮށްގެން މުއާމަލާތްތައް ކުރެވޭ ނިޒާމު ގާއިމުކުރެވުމަކީ ރާއްޖެއާއި އިންޑިއާގެ ދެމެދު ވިޔަފާރި ގުޅުން އިތުރަށް ހަރަދުނާވެގެންދާނެ ކަމެއްކަމަށް ރިޒާވް ބެންކް އޮފް އިންޑިއާއިން ބުނެފިއެވެ.

ރާއްޖެއާއި އިންޑިއާގެ މަރުކަޒީ ބެންކު ދެމެދު މާލީ މުއާމަލާތްތަކުގައި އެ ގައުމެއްގެ ފައިސާ ބަލައިގަތުމަށްޓަކައި ފްރޭމްވޯކެއް ގާއިމުކުރުމަށް ފަހުމްނާމާއެއްގައި ސޮއިކުރެވިފައިވާއިރު ރިޒާވް ބެންކް އޮފް އިންޑިއާއިންވަނީ މި ކާމިޔާބީއާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ހިއްސާކޮށްފައެވެ.

އާރްބީއައިގެ ގަވަނަރު ޝަކްތީކާންތާ ދާސް އަދި އެމްއެމްއޭގެ ގަވަނަރު އަހުމަދު މުނައްވަރުގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިޔަ މި މަސައްކަތްތަކާއި ގުޅޭގޮތުން އާރްބީއައި އިން ބުނެފައިވާގޮތުން އެއްބަސްވުން ގާއިމުކުރެވިފައިވަނީ އިންޑިއާ ރުޕީޒް އާއި ދިވެހި ފައިސާގެ ބޭނުންކޮށްގެން ތަފާތު އިގްތިސާދީ މާލީ މުއާމަލާތްތައް ކުރުމަށްޓަކައި މަގުފަހިކުރުމެވެ.

މި އެއްބަސްވުމުގެ ދަށުން ކަރަންޓު އެކައުންޓު މުއާމަލާތްތަކާއި ހުއްދަ ދެވިފައިވާ ކެޕިޓަލް އެކައުންޓު ޓްރާންސެކްޝަންތައްވެސް ކުރިއަށް ގެންދެވޭނެކަމަށް މައުލޫމާތު ދީފައިވާއިރު، އެހެނިހެން އެއްބަސްވެވިފައިވާ އުސޫލުތަކުގެ މަތިންވެސް ދެ ގައުމުގެ ދެމެދު މާލީ މުއާމަލާތްތައް ބެލެހެއްޓިގެންދާނެކަމަށެވެ. މީޑިއާތަކުން ބުނާގޮތުން މި މަސައްކަތްތަކުގެ ސަބަބުން މުއާމަލާތްތައް ހިންގުމަށްޓަކައި ކުރެވޭ ހަރަދުތަކުގެ އިތުރުން ފައިސާ ލިބި ކަށަވަރުވުމުގެ އިތުރުން ވިޔަފާރިވެސް އިތުރަށް ވަރުގަދަވެގެންދާނެއެވެ.

އާރްބީއައި އިން ބުނެފައިވާގޮތުން އެކުލަވާލުމަށް އެއްބަސްވި އޮނިގަނޑުގެ ސަބަބުން އެކްސްޕޯޓުކުރާ މީހުންނާއި އިމްޕޯޓުކުރާ މީހުންނަށްވެސް އެ ގައުމެއްގެ ފައިސާއިން ހިސާބުކޮށް އިންވޮއިސް ތައްޔާރުކުރުމަށާއި މުއާމަލާތްތައް ހިންގުމަށް ފަހިވެގެންދެއެވެ.

މިކަމުގެ ސަަބުބުން ފޮރިން އެކްސްޗޭންޖް މާކެޓުގައިވެސް ދިވެހިރާއްޖެއާއި އިންޑިއާ ރުފިޔާގެ ބޭނުން ހިފާ މިންގަނޑުތައް އިތުރުވެގެންދާނެކަމަށެވެ.

ދެ ގައުމުގެ ދެމެދު އަމިއްލަ ފައިސާގެ ބޭނުން ހިފުމާއިއެކު އެމެރިކާ ޑޮލަރު ފަދަ ތިންވަނަ ގައުމެއްގެ ފައިސާ ބޭނުން ކުރާ މިންގަނޑުތައް ދަށްކުރެވިގެންދާނެއިރު، މިއީވެސް ވިޔަފާރި ދާއިރާ ހަރަދުނާވެ މާލީ މުއާމަލާތްތައްވެސް ފަސޭހަވެގެންދާނެ ކަމެއްކަމަށެވެ. މިއީ އާރްބީއައި އާއި އެމްއެމްއޭގެ ދެމެދު އޮތް ގުޅުމުގެ ތެރެއިން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ފާހަގަކުރެވޭ ލަނޑުދަނޑިއެއް ހާސިލުވެގެންދިއުންކަމަށްވާއިރު އިތުރަށް ގުޅުން ވަރުގަދަވެގެންދާނެކަމަށްވެސް ބެލެވެއެވެ.

އާރްބީއައި އިން ބުނެފައިވާގޮތުން ބައިލެޓަރަލް ޓްރާންސެކްޝަންތަކުގައި ޑޮލަރުގެ ބަދަލުގައި އެ ގައުމެއްގެ ފައިސާއިން ބޭނުން ހިފުމުގެ ސަބަބުން ވިޔަފާރި މާހައުލު ފުޅާވުމަށްވެސް ފަހިވެގެންދާނެކަމަށާއި މާލީގޮތުންވެސް ގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަމަށެވެ. މިއީ ރާއްޖެއާއި އިންޑިއާގެ ވިޔަފާރި ުގޅުން އައު ހަރުފަތަކަށް ގެންދާނެ ކަމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ބައެއް ފަރާތްތަކުން ދެކޭއިރު މިއީ ދެމެހެއްޓިނިވި ތަރައްގީއާއި ދިމާލަށް އެޅޭ ފިޔަވަޅެއްކަންވެސް ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: