އެމްޑީޕީއަކީ އަބަދުވެސް އެ ޕާޓީއަށް މަންފާވާން އޮތް ގޮތެއް ނަގައި، އެކަމަކާއި ދެކޮޅަށް އަޑުއުފުލައި އިހުތިޖާޖު ކުރާ ޕާޓީއެއްކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، އިންތިހާބުވާ ޕާޓީ ދޫކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާއި އެކު އެމްޑީޕީގެ ނުރުހުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. ބިލުގެ މަސައްކަތް އެއް ދުވަހުން ނިންމާލައި، ތަސްދީގު ކުރުން އެމްޑީޕީ ސިފަ ކުރަނީ ނުފޫޒު ފޯރުވުމަށް ކުރި މަސައްކަތެއްގެ ގޮތުގައި ނަމަވެސް އެ ތުހުމަތު ސަރުކާރުގެ މެމްބަރުން ދޮގު ކުރެއެވެ.
ގާނޫނުއަސާސީއަށް ގެނައި މި އިސްލާހާއި ގުޅޭގޮތުން ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި އައިފާން ވިދާޅުވީ އެމްޑީޕީ ހިތް ނުރުހޭ ކޮންމެ ކަމަކީ ގޯސްކަމެއްކަމަށް ދެއްކުމަކީ އެ ޕާޓީގެ އާދައެއްކަމަށެވެ. އަދި ރައްޔިތުންގެ ހައްގުގައި އެޅި ކޮންމެ ފިޔަވަޅަކާއި ދެކޮޅަށް ނިކުމެ މަސައްކަތް ކުރާކަން ފާހަގަކޮށް އައިފާން ވިދާޅުވީ އެމްޑީޕީ އަބަދުވެސް ލޯބިކުރަނީ ހަލަބޮލިކަމާއި ހަމަނުޖެހުމަށް ކަމަށެވެ.
އައިފާން ވިދާޅުވީ 2008 އަދި 2018 ގައި އެމްޑީޕީ ވެރިކަމަށް އައި އެކި ހާދިސާތަކުގެ ނަން ބޭނުންކޮށްގެން އިންސާފަށް ވައުދުވެގެން ކަމަށެވެ. އޭގެ ތެރޭގައި އީވާން ނަސީމަށް އިންސާފު ހޯދައިދިނުމުގެ ވާހަކައާއި، ޔާމީން ރަޝީދާއި ރިޟްވާނަށް ވީނުވީ ހޯދާނެކަމަށް ބުނުން ހިމެނޭއިރު ހަގީގަތާއި ހަމައަށް ވާސިލުވެ އިންސާފަށް މަސައްކަތް ކުރީ ކިހާ މިންވަރަކަށްތޯ އައިފާން ސުވާލު އުފެއްދިއެވެ.
ރައްޔިތުން މި ފުރުސަތު ދީފި އެމްޑީޕީއަށް.. ދެ ފަހަރު ދީފި.. ފުރަޔަމަ 2008 ވަނަ އަހަރު އެމްޑީޕީއަށް މި ފުރުސަތު ދީފި.. އޭގެއިތުރުން 2018 ގައި މި ފުރުސަތު ދީފި ރައްޔިތުން.. ކޮންކަމެއްތޯ ވީ 2008 ގައި ވެރިކަމަށް އައީ އޭރު އެންމެ ބޮޑަސް ވަކާލާތު ކުރެވުނީ އީވާން ނަސީމަށް ހައްގު ހޯދުމުގެ ވާހަކަ ދެކެވިގެން ދިޔައީ.. ބޮޑު ކަންތައްގަނޑެއްގެ ތެރެއިން އޭރު ވެރިކަމަށް އައީ.. ކޮބައިތޯ ލިބުނު ހައްގު.. 2018 ގައި ވެރިކަމަށް އައީ ރިޟްވާނާއި ޔާމީން ރަޝީދުގެ ވާހަކަތަކެއް ދައްކަމުން.. ކޮބައިތޯ ލިބުނު ހައްގަކީ.. އެމްޑީޕީ އަބަދުވެސް ވާހަކަ ދައްކަނީ އެގަޑިއެއްގައި އެ ޕާޓީއަށް މަންފާ ކުރާނެ ގޮތަކަށް..
އެންޓި ޑިފެކްޝަން ގާނޫނު އެމްޑީޕީ ބޭނުން ކުރަނީ އައިފާން ވިދާޅުވި ގޮތުގައި، އިދިކޮޅުގައި އޮންނައިރު ގާބޫލު ނުކުރާ ނިޒާމެއްގެ ގޮތުގައެވެ. އަދި ދައުރު ނިމުމާއި ގާތްވެފައި ވަނިކޮށް އެމްޑީޕީ އެންޓި ޑިފެކްޝަން ގާނޫނެއް އަނެއްކާވެސް އަވަސް އަރުވާލައިގެން ގެނައިއިރު ގައުމަށް މިހާރު ބޭނުން ވަނީ ސިޔާސީ ހަމަޖެހުންކަމަށް އައިފާން ވިދާޅުވިއެވެ.
އެމްޑީޕީގެ ވެރިކަމުގައި ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު އޮތީ އެއްވެސް އުސޫލެއް ނެތި، ދޯހަޅި ގޮތަކަށްކަމަށާއި، އެއީ ދަތް ނެތް ސިންގާއެއް ފަދަ ގާނޫނެއްކަމަށް އައިފާން ވިދާޅުވިއެވެ. އެ ގާނޫނު އޮތީ ބޭނުންގޮތަކަށް މާނަ ކުރެވޭ ގޮތްކަށްކަމަށާއި، މިއަދު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވި ބިލަކީ އެންޓި ޑިފެކްޝަނަށް ހަގީގީ ގާނޫނީ ބާރު ދިނުންކަމަށް އައިފާން ވިދާޅުވިއެވެ
މީގެއިތުރުން އައިފާން ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާކުރުން ލަސްވެފައިވާކަމަށް ބުނެ މަޖިލީހަށް ކުއްލި މައްސަލަތަކާއި ގަރާރުތައް ހުށަހަޅަމުން ދަނީ ވެސް ޖެއްސުންކޮށް އުނދަގޫ ކުރުމަށް ކަމަށެވެ.

