އާހިރަތް ދުވަހަކީ ފަންސާސް ހާސް އަހަރާ އެއްވަރުގެ ދިގު ދުވަހެއް ކަމަށް ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ޙުތުބާގެ މައުލޫއަކީ ޤިޔާމަތް ދުވަހެވެ. ހުތުބާގައި ބުނެފައިވަނީ އާހިރަތް ދުވަހަކީ ދުންޔަވީ ހަޔާތް ނިމޭ ދުވަސް ކަމަށާއި އެ ދުވަސް އަންނާނެ ވަގުތެއް މާތްﷲ ފިޔަވައި އެއްވެސްފަރާތަކަށް އެނގިގެންނުވާ ކަމަށެވެ. އެ ދުވަހު އުޑުތަކާއި ބިންގަނޑު ފަޅައިގެންގޮސް އިރުގެ އަލި ނެތިގެން ދާނެކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
ގިޔާމަތް ދުވަހު ހިސާބު ބެއްލެވޭނެ ކަމަށާއި އަމަލުތައް ވަޒަން ކުރެވޭނެ ކަމަށް ހުތުބާގައިވެއެވެ. ހެޔޮ ކަމެއް ވިޔަސް އަދި ނުބައި ކަމެއް ވިޔަސް އެ ދުވަހުން ގެނެވޭނެ ކަމަށާއި އެއްވެސް މީހަކަށް އެއްވެސް ކަމަކުން މާތް ﷲ ބޭއިންސާފެއް ނުކުރައްވާނެ ކަމަށް ހުތުބާގައި ބުންޏެވެ.
ދުންޔަވީ ހަޔާތުގައިވާ އެންމެ ބޮޑު ހަގީގަތަކީ، ތިބާ ލޯބިވާ އެންމެތަކުންނާއި، އެއްކޮށްފައިވާހައި ތަކެއްޗެއް ދޫކޮށް، މަރުވެގެން ދާން ޖެހުން ކަމަށް ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ. އެ ކަމުން ފިލައިގެން ދެވޭނޭ އެކަކު ވެސް ނުހުންނާނެ ކަމަށާއި އާހިރަތަށްޓަކައި ދުނިޔޭގައި އުޅޭ ބަޔަކުކަމުގައި އަހަރެމެން ވާންޖެހޭކަމަށް ވެސް ވަނީ ބުނެފައެވެ. ނަމަވެސް އާހިރަތް ހޯދުމަށް މަސައްކަތްކުރަނީ ވަރަށް މަދު ބައެއް ކަމަށް ޙުތުބާގައި ވަނީ ފާހަގަކުރައްވައިފައެވެ.
އެދުވަހުން އިންސާނާ އެންމެ ލޯބިވާ މައިންބަފައިންނާއި، އަނބިދަރީންނާއި، އެއްބަނޑު އެއްބަފާ މީހުން، ގޮތް ހުސްވެފައިވާ ހާލުގައި ފެނުނަސް އެއްވެސް ފަރުވާލެއް ނުބަހައްޓާނެ ކަމަށް ވަނީ ބުނެފައެވެ. މާތް ﷲ ވަނީ އިންސާނުން ހާއްސަ ކުރައްވާފައިކަމަށާއި އެއީ ހެޔޮ އަމަލެއްކުރުންކަމުގައި ވިޔަސް، ނުވަތަ ހަވާނަފުސު އެދި ގޮވާ ކަމެއް ކުރުންކަމުގައި ވިޔަސްމެއެެވެ. އަދި އެ ކަމެއް އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނީ ޒުވާން އުމުރުގައި ކަމަށް ޙުތުބާގައި ވަނީ ބުނެފައެވެ.
އެހެންކަމުން ހެޔޮކަންތައް ކުރުމަށް އަވަސްވެގަތުމަށާއި ނުބައި ފާހިޝް ކަންކަމާ ދުރުހެލިވުމަށް ހުތުބާގައި ވަނީ ގޮވާލާފައިވެއެވެ. ހަވާނަފުސުގެ މަގު ދޫކޮށް، މާތް ﷲގެ މަގަށް އަވަސްވެގަނެ، ސަލާމަތުގެ މަގަކީ އެއީ ކަމަށް ވަނީ ބުނެފައެވެ. އަރުޝީގެ ހިޔާވަހިކަން ލިބެން އޮތީ މާތްﷲ ގެ ހަޒުރަތުގައި ހުއްޓި ހުންނާންޖެހޭ ހުރުމަށް ބިރުވެތިވެ ހަވާނަފުސުގެ އެދުންތަކުން ދުރުވެގަތް މީހާއަށް ކަމަށް ހުތުބާގައިވަނީ ބުނެފައެވެ.
މި މުޖުތަމައުގައި މިއަދު މިވަނީ އެކަކު އަނެކަކަށް އިހްތިރާމުކުރުމާއި، އަޅައިލުމާއި އޯގާތެރިވުންފަދަ ކަންކަން ހިތާމަކުރަންޖެހޭ މިންވަރަށް ދަށްވެފައި ކަމަށް ޙުތުބާގައި ބުނެފައިވެއެވެ. އަދި މިއަދު ފެންނަނީ، އިސްލާމްދީނުން، އަހަރެމެންނަށް ދަސްކޮށްދީފައިވާ ގޮތާ ހިލާފަށް، އެކަކު އަނެކަކުގެ މައްޗަށް ދޮގުތައް ހަދައި އީބަބުނެ، ފުރައްސާރަކޮށް، އޭނާގެ އަބުރު ކަތިލާ މަންޒަރު ކަމަށް ޙުތުބާގައި ވެއެވެ. މާތް ﷲ ފުރިހަމަ ގޮތުގައި ބިރުވެތިވާ ނަމަ، އެފަދަ ކަންކަމުން ދުރުހެލިވެ، ރައްކާތެރިވާންޖެހޭ ކަމަށް ހުތުބާގައިވެއެވެ.

