ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ދޭ ”މޯލްޑިވްސް އެސްއެމްއީ އެވޯޑްސް 2025“ ތައާރަފުކޮށްފިއެވެ.
ވިޔަފާރިތައް ކުރިއެރުވުމުގެ މަގްސަދުގައި ތައާރަފު ކުރި މި އެވޯޑު އިފްތިތާހުކޮށްދެއްވީ އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފެވެ.
މިއީ ދިވެހިރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރިއަރުވައި ދެމެހެއްޓެނެވި ތަރައްގީއެއް ގެނައުމުގައި ދިވެހި ވިޔަފާރިވެރިންގެ ދައުރު ފުޅާކޮށް އެކަން ފާހަގަކުރުމުގެ ގޮތުން ގައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ވިޔަފާރިތަކުގެ ކާމިޔާބީ ފާހަގަކުރުމަށް ދޭ އެވޯޑެކެވެ.
ގައުމުގެ އުފެއްދުންތެރިކަމާއި، ހުނަރުވެރިކަން އިތުރުކޮށް ވިޔަފާރިއާއި މަސައްކަތުގެ ދާއިރާގެ އަގުވަޒަން ކުރުމަކީ ވެސް މި އެވޯޑުގެ ބޭނުމެކެވެ.
ރޭ ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސާއި އެކު އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުއާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޒިޔާއު އަދި ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކުން ބައިވެރިވިއެވެ.
މޯލްޑިވްސް އެސްއެމްއީ އެވޯޑްސްގައި ހިމެނެނީ 16 ކެޓަގަރީއަކުން ފަނޑިޔާރުންގެ ޕެނަލަކުން ދޭ އެވޯޑާއި، 10 ކެޓަގަރީއަކުން އާންމުންގެ ވޯޓާއި އެކު ނަގާ ޕޮޕިއުލަރ އެވޯޑުތަކުގެ އިތުރުން ރާއްޖޭގެ ވަކިވަކި ސަރަހައްދުތަކުން އެންމެ ފާހަގަކޮށްލެވޭ ވިޔަފާރިތަކުގެ އެވޯޑުތައް އަދި ތަފާތު ސިނާއަތްތަކުން އެންމެ ފާހަގަކޮށްލެވޭ ވިޔަފާރިތަކުގެ އެވޯޑުގެ އިތުރުން އެކި ފަންނުތަކުން އެންމެ ފާހަގަކޮށްލެވޭ އެވޯޑެވެ.
އެވޯޑުގެ ފުރަތަމަ އެޑިޝަނަށް އަންނަ ޑިސެމްބަރު މަހު ހުޅުވާލުމަށް ވަނީ ނިންމާފައެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އިގްތިސާދުގެ އެންމެ މައި މަސައްކަތްތަކާއި ދިރުންހުރި ހިދުމަތުގެ ސަފުހާތަކުގެ ބޮޑު ބައެއް ލިޔެވެމުން އަންނަނީ އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ މައްޗަށް ކަމަށެވެ. އަދި އެ ވިޔަފާރިތަކަކީ މުޖްތަމައުގެ އިގްތިސާދުގެ ނާރެސް ކަމަށާއި އެއީ، ވަޒީފާގެ ފުރުސަތުތައް އުފެއްދުމާއި އައު އީޖާދުތައް ކުރުމާއި، އިގްތިސާދީ ދުވެލި ހަލުވިކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ވިޔަފާރިތައް ކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، އެ ވިޔަފާރިތައް ހިންގަވާ ވިޔަފާރިވެރިންނަކީ މި މުޖުތަމައުގެ ތަރައްގީއާއި، ދިރުމާއި، ކުރިއެރުމަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްދެއްވާ، ގައުމީ ތަރައްގީގައި ވަރަށް ބޮޑު ގުރުބާނީއެއް ވެވަޑައިގަންނަވާ ހިދުމަތްތެރީންތަކެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

