އިންވެސްޓިގޭޝަން އޮފިސަރުންނަށް ރައްޔިތުން ކުރާ އިތުބާރު ކުރިއަށް އޮތްތަނުގަ މިހާރަށް ވުރެ ބޮޑަށް އިތުރުވެގެންދާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅޭ މައްސަލަތަކުގެ ވާނުވާ ނޭނެގޭ މައްސަލައަކީ ރައްޔިތުންގެ ހުރި ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި އަމާޒަކީ މައްސަލަ ބައްލަވާ އައިއޯ އިން މަދުވެގެން 14 ދުވަހުގެ ތެރޭގައި މައްސަލަ ހުށަހެޅި ފަރާތައް ގުޅާ މައްސަލަ ކުރިއަށްދާ ގޮތުގެ މައުލޫމާތު ފޯރުކޮށްދޭ މިންވަރަށް މަސައްކަތްތައް ބައްޓަންކުރުން ކަމަށެވެ.
ޝުޖާއު ވިދާޅުވީ މިހާރުވެސް ބައެއް އަތޮޅުތަކުގައި އެގޮތަށް މަސައްކަތްތައް ކުރިއަށްދާ ކަމަށާއި އައިއޯ އިން މިހާރުވެސް ހިއްސާކުރަންޖެހޭ މައުލުމާތުތައް މައްސަލަ ހުށަހަޅާ ފަރާތާ ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި ހިއްސާކުރަމުންދާ ކަމަށާއި ނަމަވެސް އޭގެ ފަހުން އެ މައްސަލައިގައި ވާނުވާ ނޭނގޭ މައްސަލައަކީ ތަކުރާރުވާ ކަމެއްކަމަށެވެ.
އައިއޯ އިންނަކީ ވަރަށް މަދު ބައެއް. ކޮންމެ އައިއޯ އަކަށް ޖެހޭ މައްސަލައިގެ އަދަދަށް ބަލާއިރު ކޮންމެ އައިއޯއަކަށް ވަރަށް ބައިވަރު މައްސަލަތަކެއް އެބަހުރި. ސަބަބަކީ ޤާނޫނަށް އެންމެ ފަހުން ގެނައި ބަދަލުގަ އައިއޯއިންނަކީ ވަކިކަހަލަ ތަމްރީނުތަކެއް ހާސިލްކޮށްގެން ތިބި ބައެއްގެ ގޮތުގަ ނިންމި ނިންމުމުގަ ކޮލިފިކޭޝަން ނެތް ވަރަށް ގިނަ އައިއޯއިން އެ މަސައްކަތެއް ނުކުރާނެ. ރަނގަޅު އައިއޯއިން ތަމްރީނު ކުރުމުގެ މަސައްކަތްވެސް އެބަކުރަން.
ޝުޖާޢު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ އެކަންކަމަށް ހައްލު ހޯދުމަށްޓަކައި ބަދަލުތަކެއް ގެންނަވަން ނިންމަވާފައިވާ ކަމަށާއި މިކަމުގެ ސަބަބުން ފުލުހުންގެ ޚިދުމަތަށް ރައްޔިތުން ކުރާ އިތުބާރު އަނެއްކާވެސް އިތުރުވެގެންދާނެ ކަމަށެވެ.
ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގުޅުން ވަރުގަދަ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ ސީޕީ ވިދާޅުވީ ފުލުހުންނަކީ 24 ގަޑިއިރު ރައްޔިތުންގެ ޚިދުމަތުގައި މަސައްކަތް ކުރަންޖެހޭ ބައެއްކަން ފުލުހުންގެ މަސައްކަތުން ދައްކާދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.
ފުލުހުންނަކީ އެންމެ އަވަހަށް ރައްޔިތުންނާ ގާތުން ޚިދުމަތް ދޭނެ ބައެއްގެ ގޮތުގައި ހެދުމަށްޓަކައި ކުރި މަސައްކަތްތައް ފާހަގަކުރައްވާ ޝުޖާއު ވަނީ އަތޮޅު ކައުންސިލްތަކުންނާއި އަދި އާންމު ގިނަ ރައްޔިތުންނާ ފާއިތުވި އެއް އަހަރުގެ ތެރޭގައި ބައްދަލުވިކަމަށް ވިދާޅުވެފައެވެ.
އެކިއެކި ބައްދަލުވުންތަކުގައި ރައްޔިތުން ފުލުހުންނާ ދޭތެރޭ ދެކޭގޮތް އޮޅުން ފިލުވައިވާފައިވާނެ ކަމަށާއި އެއިން ކޮންމެ ބައްދަލުވުމެއްގައިވެސް އެނގި ހާމަވެގެންދިޔައީ ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު އިންތިހާއަށް އިތުވެގެން ގޮސްފައިވާ މިންވަރު ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ގިނަ ރަށްރަށުގަ ކުށްކުރާ ރެކޯޑްސް ވަރަށް މަދު. އެފަދަ ރަށްރަށުގަ އަޅުގަނޑުމެންގެ ފުލުހުން މަސައްކަތެއް ނެތްކަމުގައިވަނީނަމަ ޕޮލިސް ޕޯސްޓުތަކުގަ ތިބެ ޑިއުޓީ ނިންމާލުމުގެ ސަގާފަތެއް މިއޮތީ. އެހެންނަމަވެސް އެކަން ބަދަލުކޮށް އަޅުގަނޑުމެންނަށް ރިޕޯޓެއް ލިބުނަސް ނުވަތަ ނުލިބުނަސް އެ ޑިއުޓީއެއްގަ ވީހާވެސް ގިނަ ވަގުތު ރައްޔިތުންނާ އެއްކޮށް ނުވަތަ ރައްޔިތުން ކަންބޮޑުވާ ތަންތަނުގަ ފުލުހުން ފެންނާނެ ގޮތަކަށް ފުލުހުންގެ މަސައްކަތަށް މިގެނައި ބަދަލުތަކުގެ ވާހަކަ ކައުންސިލްތަކުން ފާހަގަކުރޭ.
ޝުޖާޢު ވިދާޅުވިއެވެ.
މިކަމުން ހާސިލްވެގެންދިޔަ އެއް ކަމަކީ ކުށްކުރުމުގެ ފުރުސަތު ހަނިވެގެންދިޔަކަން ކަމަށާއި މަސައްކަތުގެ ނަތީޖާ ފެންނަނީ ވަރަށް ފޮނިކޮށް ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

