ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތުގައި ގާނޫނު ތަންފީޒު ކުރާ މުވައްސަސާތަކުން ކުރަމުން ދަނީ ޝުކުރު ހައްގު މަސައްކަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ ގަވައިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ މަސްބޯޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެނެފައި ވާތީ އެކަން ފާހަގަކުރައްވަމުންނެވެ.
ގަވައިދާ ހިލާފަށް ދިވެހިރާއްޖެ އައިސް އުޅެނިކޮށް ހދ. އަތޮޅު މަކުނުދޫ ބޭރު ސަރަހައްދުން ފެނުނު ބޭރުން ފެނުނު ލަންކާގެ ބޯޓަކުން އަތުލައިގަތީ 468.6 ކިލޯގެ މަސްތުވާތަކެއްޗެވެ.
މައްސަލައިގައި މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝުޖާއު ވިދާޅުވީ ރޭގެ ވަގުތެއްގައި ފާހަގަކުރެވުނު މި ބޯޓުގެ ސަލާމަތީ ހިދުމަތްތަކުގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސް ކުރީ މިއަދު އެވެ. އަދި ބޯޓުން ލަންކާގެ ފަސް މީހަކު ހިފެހެއްޓި އިރު، އެ މީހުންނާއި ދިވެހިންނާއި އެއްވެސް ގުޅުމެއް އޮތްކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެ އެވެ.
ލަންކާގެ އެ ބޯޓުގައި ހުރި މަސްތުވާތަކެތީގެ ޖުމްލަ އަގު ދިވެހި އެއް ބިލިއަން ރުފިޔާއަށް ވުރެ މަތިވާނެކަމަށް ޝުޖާއު ވިދާޅުވި އެވެ.

